13 މެއި 2025 - 11:29
އިންޑިއާގައި ފަހަކަށް އައިސް އުފެދުނު އެންމެ މޮޅު އެއް ބެޓްސްމަން ވިރާތު ކޯލީ ޓެސްޓް ކްރިކެޓުން ރިޓަޔާކޮށްފި އެވެ.
ކޯލީ ވަނީ މިދިޔަ އަހަރު ޓީޓްވެންޓީ ފޯމެޓުން ވެސް ރިޓަޔާކޮށްފަ އެވެ. އެހެންވެ އުމުރުން 36 އަހަރުގެ ކުޅުންތެރިޔާ ދެން ބައިނަލްއަގްވާމީ މައިދާނުގައި ކުޅޭނީ ހަމައެކަނި 50 އޯވަރުގެ ފޯމެޓުގެ މެޗުތަކެވެ.
އިންޑިއާގެ ކެޕްޓަން ރޯހިތު ޝަރުމާ ވެސް ވަނީ ދާދި ފަހުން ޓެސްޓް ކްރިކެޓުން ރިޓަޔާކޮށްފަ އެވެ. އެހެންވެ މި ދެ ކުޅުންތެރިން ވެސް ކުރިއަށް އޮތް އިންގްލެންޑް ޓުއާ އިން ނުފެންނާނެ އެވެ.
ކޯލީ ބުނީ 2011 ވަނަ އަހަރު އޭނާ ފެށި ޓެސްޓް ކެރިއަރު 14 އަހަރަށް ފަހު ނިންމާލުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އެކަމަކު މިއީ އޭނާ އަށް މިވަގުތަށް އެންމެ ރަނގަޅު ނިންމުން ކަމަށް ކޯލީ ބުންޏެވެ.
އިންޑިއާގެ ޓެސްޓް ޓީމުގެ ކެޕްޓަންކަމުން 2022 ވަނަ އަހަރު ވަކިވި ކޯލީ އަކީ އެ ފޯމެޓުގައި އިންޑިއާގެ އެންމެ ކާމިޔާބު ކެޕްޓަނެވެ. އޭނާ ވަނީ 68 މެޗުން 40 މޮޅު ހޯދައިފަ އެވެ. ދެން އެންމެ ކާމިޔާބީ 60 މެޗުން 27 މޮޅު ހޯދި މަހިންދުރާ ސިންގް ދޯނީ އާއި، 49 މެޗުން 21 މޮޅު ހޯދި ސޯރަވް ގަންގޫލީ އެވެ.
ކޯލީ ވަނީ ޓެސްޓް ކެރިއަރުގައި ޖުމްލަ 123 މެޗުން 9230 ލަނޑު ހަދައިފަ އެވެ. އޭގެ ތެރޭގައި 30 ސެންޗަރީ ވެސް ހިމެނެ އެވެ.
އިންޑިއާއާ އެކު ލިމިޓެޑް އޯވާ ވޯލްޑް ކަޕާއި ޓީޓްވެންޓީ ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފައިވާ ކޯލީގެ ނިންމުމާ ގުޅިގެން ވަރަށް ގިނަ ސަޕޯޓަރުން އަންނަނީ ހިތާމަ ފާޅުކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy