މޮނާކޯ ބަލިކޮށް ލީގު ކަޕް ޕީއެސްޖީ ކާމިޔާބުކޮށްފި

ލިޔޯން، ފްރާންސް (އޭޕްރިލް 2) – މޮނާކޯ އަތުން 4-1 އިން މޮޅުވެ ފްރާންސް ލީގު ކަޕުގެ ޗެމްޕިއަންކަން ޕީއެސްޖީ ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ހޯދައިފި އެވެ.


މި މެޗުގެ ހަތަރު ވަނަ މިނެޓުގައި ހޫލިއަން ޑްރެޒްލާ ވަނީ ޕީއެސްޖީ އަށް ލީޑު ނަގައިދީފަ އެވެ. އެކަމަކު 27 ވަނަ މިނެޓުގައި މޮނާކޯގެ ތޯމާ ލޭމާ އެ ޓީމަށް އެއްވަރުކޮށްދިނެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޕީއެސްޖީއަށް އަލުން ލީޑު ނަގައިދިނީ އެންހެލް ޑި މާރިއާ އެވެ.

ޕީއެސްޖީން ތަފާތު ބޮޑުކުރީ 54 ވަނަ މިނެޓުގައި އަދި 90 ވަނަ މިނެޓުގައި އެޑިންސަން ކަވާނީ ޖެހި ލަނޑުތަކުންނެވެ.

މޮނާކޯ އިން 2003 ގެ ފަހުން ތަށްޓެއްގައި އަތްލުމަށް ކުރި އުއްމީދަށް ރޭ ހުރަސް އެޅުނު ނަމަވެސް މި ސީޒަނުގައި އަދި ތިން ތަށި ހޯދުމުގެ ފުރުސަތު އެބައޮތެވެ. އެ ޓީމު އޮތީ ތިން ޕޮއިންޓުގެ ލީޑަކާ އެކު ފްރާންސް ލީގުގެ އެއް ވަނައިގަ އެވެ. ދެ ވަނައިގައި އޮތީ ޕީއެސްޖީ އެވެ. އަނެއްކޮޅުން ފްރެންޗް ކަޕުގެ ކުއާޓާ ފައިނަލުންނާއި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ވެސް މޮނާކޯ ވަނީ ޖާގަ ހޯދައިފަ އެވެ.

އެކަމަކު ލެއޮނާޑޯ ޖާޑީމްގެ މޮނާކޯ ޖެހިޖެހިގެން ހަ މެޗުން މޮޅުވެ 18 ގޯލް ޖެހި ސިލްސިލާ އަށް ރޭ ނިމުމެއް އައުމަކީ ލީގުގައި، އެ ޓީމުގެ މައްޗަށް ކުރި ހޯދަން ޕީއެސްޖީއަށް ހުޅުވުނު ދޮރެކެވެ.