ސައުތެމްޓަން (މާޗު 5)- އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގައި 2-1 އިން ސައުތެމްޓަން އަތުން ބަލިވެ އާސެނަލް މުބާރާތުން ކެޓި މެޗަށް ފަހު އެ ކުޅުންތެރިންގެ ދިފާއުގައި ކޯޗު މިކެލް އާޓެޓާ ވާހަކަ ދައްކައިފި އެވެ.

މެޗުގެ 35 ވަނަ މިނިޓުގައި ރޮސް ސްޓެވާޓް ސައުތެމްތަނަށް ލީޑު ނަގައިދިން އިރު، އާސެނަލް ވަނީ 68 ވަނަ މިނިޓުގައި ވިކްޓޯ ޔޯކެރޭސްގެ ގޯލަކުން ނަތީޖާ އެއްވަރު ކޮށްފަ އެވެ. ނަމަވެސް ސައުތެމްތަންގެ ޝިއާ ޗާލްސް ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައި ވަނިކޮށް އަލުން އިނގިރޭސި ދެވަނަ ޑިވިޝަނުގައި ކުޅޭ ސައުތެމްތަނަށް ލީޑު ހޯދައިދީ ސެމީއަށް ގެންގޮސްދީފަ އެވެ.

އާޓެޓާ ބުނީ އޭނާގެ ކުޅުންތެރިން ދެކެ ލޯބިވާ ކަމަށާއި، އެ ކުޅުންތެރިން ފާއިތުވި ނުވަ މަސް ދުވަހު ކުރި މަސައްކަތަށް ފަހު މެޗަކުން ބަލިވެގެން ކުޅުންތެރިން ގޯސް ކުރެވެން ނެތް ކަމަށެވެ.

ޔޯކެރޭސް އާސެނަލަށް ނަތީޖާ އެއްވަރު ކޮށްދިން ގޯލު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ
ޔޯކެރޭސް އާސެނަލަށް ނަތީޖާ އެއްވަރު ކޮށްދިން ގޯލު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ

"އަހަރެން އެހެން ނުހަދާނަން [ކުޅުންތެރިންގެ ބޮލުގައި ޒިންމާ ނާޅުވާނަން]. އަހަރެން ކުރިއަށް ވުރެ ބޮޑަށް އެމީހުން ދިފާއު ކުރާނަން. ޒިންމާ ނަގަން ޖެހޭ ފަރާތެއް ހުރި ނަމަ އެ މީހަކީ އަހަރެން،" ކުޅުންތެރިންގެ ދިފާއުގައި އާޓެޓާ ބުންޏެވެ.

"ސީޒަނެއްގައި އުނދަގޫ ދެތިން ހާލަތެއް އައިސްދާނެ. މި އުނދަގޫކަން މަތީގައި މިއީ އަހަރެމެންނަށް ކުރިމަތިވާ ފުރަތަމަ ހާލަތް. ކުރިއަށް އޮތީ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލް، އެއަށް ފަހު ލީގަށް ވާދަ ކުރުން ވެސް އޮތީ ކުރިއަށް. މިއީ އުނދަގޫ ހާލަތަކަށް ވާނަމަ މިއަށް ވުރެ މާ އުނދަގޫ ކަންކަން ކުރިމަތިވާނެ."

މި މެޗުގައި އާސެނަލްގެ ގެބްރިއެލް މަގަޅޭސް އަށް އަނިޔާވެގެން އޭނާ ވަނީ ބަދަލު ކޮށްފަ އެވެ. އޭނާގެ އަނިޔާގެ ތަފްސީލެއް އަދި ނޭނގޭ ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ.

އާޓެޓާ އިރުރަށް ބުނީ ފަހަތުން ލާ ބޮޑޫ ބޯޅަތައް އެ ޓީމަށް ރަނގަޅަށް ކޮންޓްރޯލް ނުކުރެވުމަކީ މެޗުގެ ކޮންޓްރޯލް އެ ޓީމަށް ނުނެގުމަށް މެދުވެރިވި ސަބަބެއް ކަމަށެވެ.

"މި ޖެހޭ ވަޔަށް ވެސް އަހަރެމެން ހޭނެން އެބަ ޖެހޭ، އަނިޔާތަކުން ސަލާމަތްވާން. ސީޒަނެއްގައި މިހެން ކުރިމަތިވާ ކޮންމެ އުނދަގޫ ހާލަތްތަކަށް ހޭނެން ޖެހޭ. އަހަރެމެންގެ އަސްލު ފެންވަރު ދައްކާލަން ޖެހޭ،" އާޓެޓާ ބުންޏެވެ.