ދެކުނު އެފްރިކާގެ އެންމެ މަގުބޫލު އެއް މެރަތަން ކަމަށްވާ "ޓޫ އޯޝަންސް މެރަތަން" ގެ އަންހެނުންގެ ބައިގައި އޮޅުވާލައިގެން ދުވި ދެ ފިރިހެނުން ޑިސްކޮލިފައި ކޮށްފި އެވެ.
ކޭޕް ޓައުންގައި މި މަހުގެ 12 ވަނަ ދުވަހު ބޭއްވި މި ރޭހުގައި، ލޫކް ޖޭކޮބްސް އާއި ނިކް ބްރެޑްފީލްޑް ނަމަކަށް ކިޔާ މި ދެ ފިރިހެނުން ވަނީ އަންހެން ދުވުންތެރިންގެ ބިބް ބޭނުންކޮށްގެން ދުވެފަ އެވެ.
މި ދެ ފިރިހެނުން ރޭސް ނިންމީ އަންހެނުންގެ ބައިގެ ހަތްވަނަ އަދި ދިހަވަނަ މަގާމުގަ އެވެ.
މީގެ ސަބަބުން، އެ ރޭހުގެ ގަދަ ދިހައެއްގައި ނިންމި ދެ އަންހެން ދުވުންތެރިންނަށް ގަދަ 10 ގެ ތެރެއިން ފުރުސަތު ގެއްލުނެވެ.
ނަމަވެސް މި އޮޅުވާލުން ފަޅާއެރުމާ އެކު، މެރަތަންގެ އެގްޒެކެޓިވް ކޮމިޓީން ވަނީ އެ ދެ ފިރިހެނުން ޑިސްކޮލިފައިކޮށް، ހައްގިވާ މަގާމުތައް އަންހެން ދުވުންތެރިންނަށް ދީފަ އެވެ.
ކޮންމެ އަހަރަކު ބާއްވާ މި ރޭހަކީ 16،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާ ބޮޑު އިވެންޓެކެވެ. މިފަދަ ބޮޑު ރޭހެއްގެ ގަދަ ދިހައެއްގައި ހިމެނުމަކީ ދުވުންތެރިންނަށް ލިބޭ ބޮޑު ޝަރަފެކެވެ.
މެރަތަން އެގޒެކެޓިވް ކޮމިޓީގެ މެންބަރު ސްޓުއާޓް މޭން ބުނިގޮތުގައި، މި ދެ ފިރިހެނުންގެ އަމަލަކީ ތެދުވެރިކަމާ އެކު ދުވި އެހެން ދުވުންތެރިންގެ ކާމިޔާބީގެ މައްޗަށް ހިޔަނި އެޅުވި ކަމެކެވެ.
މިހާރު މި މައްސަލަ ބަލައި، އެ ދެ މީހުންނަށް އަޅާނެ އިތުރު ފިޔަވަޅަކާ މެދު މުބާރާތުގެ ޑިސިޕްލިނަރީ ސަބްކޮމިޓީން އަންނަނީ މަޝްވަރާ ކުރަމުންނެވެ.