ކުޅުންތެރިއެއްގެ ރަށްވެހިކަމުގެ މައްސަލައިގައި މެޗު އަލުން ކުޅުމަށް ވަކާލާތުކޮށް ކޯޓަށް މައްސަލަ ހުށަހެޅި ނެދަލެންޑްސް ކްލަބް އެންއޭސީ ބްރޭޑާގެ މައްސަލައިގައި އެ ކްލަބާ ދެކޮޅަށް ހުކުމް ކޮށްފި އެވެ.
މިދިޔަ މާޗް މަހު ޑަޗް ލީގުގައި ގޯ އަހެޑް އީގަލްސް އަތުން 6-0 އިން ބްރޭޑާ ބަލިވި މެޗު ބާތިލްކޮށް، އަލުން ކުޅުމަށް އެ ކްލަބުން އެދުނީ އީގަލްސްގެ ޑިފެންޑަރު ޑީން ޖޭމްސް އަކީ އެ މެޗުގައި ކުޅުމުގެ ހުއްދަ އޮތް ކުޅުންތެރިއެއް ނޫން ކަމަށް ބުނެ އެވެ.
ނެދަލެންޑްސް އަށް އުފަން ޖޭމްސް، އިންޑޮނޭޝިއާގެ ރަށްވެހިކަން ހޯދުމާ ގުޅިގެން އޭނާ އަށް ޑަޗްގެ ރަށްވެހިކަން ގެއްލިފައިވާ ކަމަށް ބްރޭޑާއިން ވަކާޅަތު ކުރެ އެވެ.
ނެދަލެންޑްސްގައި މަސައްކަތް ކުރުމުގެ ހުއްދަ އާދި ވިސާ އާއި ވޯކް ޕާމިޓް ނެތި އޭނާ ކުޅުމަކީ ގަވާއިދާ ހިލާފު ކަމެއް ކަމަށް ކޯޓުން ވެސް ވަނީ އެއްބަސްވެފަ އެވެ.
ނަމަވެސް ޔުޓްރެކްޓް ސިޓީގެ ކޯޓުން އިއްޔެ ނިންމީ އެ މެޗު އަލުން ކުޅެން ނުޖެހޭނެ ކަމަށެވެ.
ނެދަލެންޑްސްގެ ފުޓްބޯޅަ އެސޯސިއޭޝަން (ކޭއެންވީބީ) ން ކޯޓުގައި ބުނީ ރަށްވެހިކަމުގެ މައްސަލަތައް ހުރި 11 ކުޅުންތެރިން ލީގުގައި ކުޅެމުންދާ ކަމަށެވެ. އެހެންވެ އެއް މެޗު އަލުން ކުޅެން ނިންމުމަކީ މުޅި ލީގު ހުއްޓުމަކަށް އަތުވެދާނެ ކަމެއް ކަމަށް ކޭއެންވީބީގެ ވަކީލުން ބުންޏެވެ.
ކޯޓުގެ ނިންމުމުގައި ވަނީ، އެންމެ މެޗެއް އަލުން ކުޅުމަށްވުރެ، މުޅި ޑަޗް ފުޓްބޯޅައިގެ މަސްލަހަތު އިސްކުރުން މާ މުހިންމު ކަމަށެވެ. އެންމެ މެޗެއްގެ ނަތީޖާ ބަދަލުކޮށްފިނަމަ، ލީގުގެ އެހެން 133 މެޗެއްގެ ނަތީޖާއަށް ވެސް އޭގެ އަސަރުކޮށް، މުޅި މުބާރާތް ގަޑުބަޑުވެދާނެ ކަމަށް ކޯޓުން ބުންޏެވެ.
އެ ކްލަބުން އެ މައްސަލަ އެންމެ ފުރަތަމަ ހުށަހެޅީ ކޭއެންވީބީ އަށެވެ. މައްސަލަ ނުބަލައި އެ އިދާރާއިން ނިންމީ ހުށަހެޅުން ބޭރުކޮށްލުމަށެވެ. އެފްއޭގެ ނިންމުން ބަދަލު ކުރަން ކޯޓަށް ހުށަހެޅީ އޭގެ ފަހުންނެވެ.
މި މައްސަލައިގައި ކޯޓުގެ މި ހުކުމާއެކު މި ސީޒަނުގެ އެރެޑިވިސީ (ޑަޗް ލީގު) ތާވަލަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ.
ބްރޭޑާއިން ބުނީ ގަވާއިދާ ހިލާފު ކުޅުންތެރިޔަކު މެޗުގައި ބައިވެރިވިކަން އެއީ އެންމެން ގަބޫލުކުރާ ކަމެއް ކަމަށެވެ. ކޯޓުގެ ހުކުމާ ގުޅިގެން ދެން އިތުރު ފިޔަވަޅެއް އަޅާނީ މައްސަލަ ދިރާސާ ކުރުމަށް ފަހު ކަމަށް އެ ކްލަބުން ބުންޏެވެ.