ނެދަލެންޑްސްގެ ލީގުގެ ކްލަބެއް ކަމަށްވާ އެންއޭސީ ބްރޭޑާއިން ހުށަހެޅި މައްސަލައެއްގައި ކޯޓުން ނިންމާ ނިންމުމަކާ ހެދި އެ ގައުމުގެ ފުޓްބޯޅަ ބޮޑު "ހައިޖާނެއްގެ" ތެރެއަށް ވެއްޓިދާނެ ކަމުގެ އިންޒާރު އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަން (ކޭއެންވީބީ) އިން ދީފި އެވެ.

މި މައްސަލަ އުފެދުނީ މާޗް 15 ވަނަ ދުވަހު ގޯއަހެޑް އީގަލްސް އާއި ބްރޭޑާ ކުޅުނު މެޗުގައި، އީގަލްސްގެ ޑިފެންޑަރު ޑީން ޖޭމްސް ކުޅުވި މައްސަލައިގަ އެވެ. ބްރޭޑާއިން ބުނި ގޮތުގައި، ޖޭމްސް އަކީ އިންޑޮނޭޝިއާގެ ރައްޔިތުކަން ގަބޫލުކޮށްފައިވާ ކުޅުންތެރިއަކަށް ވާތީ، ނެދަލެންޑްސްގެ ރަށްވެހިަކްނ އޭނާ އަށް ވަނީ ގެއްލިފަ އެވެ. 

އެހެންކަމުން ނެދަލޭންޑްސްގައި މަސައްކަތް ކުރުމުގެ ހުއްދަ (ވޯކް ޕާމިޓާއި ވިސާ ނެތި އޭނާ މެޗުގައި ކުޅުމަކީ ގަވާއިދާ ހިލާފު ކަމެއް ކަމަށް ބްރޭޑާ އިން ބުންޏެވެ.

އެ މެޗު 6-0 އިން ކާމިޔާބުކުރީ ގޯއަހެޑް އީގަލްސް އެވެ.

ނަމަވެސް ބްރޭޑާއިން އެދެނީ އެ ނަތީޖާ ބާތިލްކޮށް، މެޗު އަލުން ކުޅުމަށެވެ. މައްސަލައެއްގެ ގޮތުގައި އެކަން ކޭއެންވީބީ އަށް ވެސް ހުށަހެޅި އެވެ. އެކަމަކު އެ އިދާރާއިން މައްސަލަ ނުވެސް ބަލައި ނިންމީ ހުށަހެޅުން ބޭރުކޮށްލުމަށެވެ.

މި މައްސަލަ ބޭރުކޮށްލުމުން، ބްރޭޑާ އިން މިހާރު ވަނީ ޔުޓްރެކްޓް ސިޓީގެ ކޯޓަށް ހުށަހަޅާފަ އެވެ.

ކޭއެންވީބީން ކަންބޮޑުވަނީ މި މައްސަލަ ބްރޭޑާގެ ކޮޅަށް ކާމިޔާބު ވެއްޖެނަމަ ލީގުގެ އެހެން ގިނަ މެޗުތަކެއްގެ ނަތީޖާއަށް ވެސް އަސަރުކޮށްފާނެތީ އެވެ. އެ އެސޯސިއޭޝަނުން ބުނީ ރަށްވެހިކަމުގެ މައްސަލަ ފެންމަތިވެފައިވާ މަދުވެގެން 11 ވަރަކަށް ކުޅުންތެރިން ލީގުގައި ކުޅެމުންދާ ކަމަށެވެ. 

އެ މައްސަލައިގައި ބްރޭޑާއިން އެދުނު ގޮތަށް ކޯޓުން ހުކުމް ކޮށްފިނަމަ ރަށްވެހިކަމުގެ މައްސަލަ ފެންމަތިވެފައިވާ އަނެއް 10 ވަރަކަށް ކުޅުންތެރިން މި ސީޒަނުގައި ކުޅުނު 133 މެޗަށް ވާނެ ގޮތަކާ މެދުގަ އެވެ. 

އެ ހުރިހާ މެޗެއް ބާތިލްކުރަން ޖެހިއްޖެނަމަ ލީގު ކުރިއަށް ނުގެންދެވޭނެ ކަމަށް އެފްއޭ އިން ބުނެ އެވެ.

"އަހަރެމެން ގަބޫލުކުރާ ގޮތުގައި މީގެ ސަބަބުން ބޮޑު ހައިޖާނެއް އުފެދިގެންދާނެ. އެހެން ކްލަބުތަކުން ވެސް މިފަދަ މައްސަލަތައް ހުށަހަޅަން ފަށާފިނަމަ، މުބާރާތް ފުރިހަމައެއް ނުކުރެވޭނެ،" ކޭއެންވީބީގެ ނައިބު ރައީސް މަރިއޭން ވަން ލީވެން.

މި މައްސަލައިގައި ހުކުމް އިއްވުން މިއަދަށް، ކޯޓުން ވަނީ  ތާވަލުކޮށްފަ އެވެ. ނެދަލޭންޑްސްގެ ގާނޫނު ބުނާ ގޮތުން، އީޔޫގެ މެންބަރު ގައުމުތައް ފިޔަވައި އެހެން ގައުމެއްގެ ރައްޔިތުކަން އަމިއްލައަށް ހޯދައިފިނަމަ، އެ މީހަކަށް ނެދަލެންޑްސްގެ ރައްޔިތުކަން އޮޓޮމެޓިކުން ގެއްލޭނެ ކަމަށެވެ.