މެންޗެސްޓާ ޔުނައިޓެޑްގެ ޑައިރެކްޓަރުންގެ ބޯޑުން ޑޭވް ބްރެއިލްސްފޯޑް ވަކިވެ، އެ ކްލަބުގައި އޭނާ އަދާކުރަމުންދިޔަ ރަސްމީ ދައުރު ނިމުމަކަށް ގެނެސްފި އެވެ.
އިނގިރޭސިވިލާތުގެ "ކަމްޕެނީސް ހައުސް" އިން އާންމުކުރި ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، ބްރެއިލްސްފޯޑް އެ މަގާމުން ވަކިވެފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު އެވެ. ބޯޑުގައި އޭނާގެ ބަދަލުގައި ދެން ހުންނަވާނީ އިނިއޯސް ސްޕޯޓްސްގެ ޗެއާމަން ރޮބް ނެވިން އެވެ.
ބްރެއިލްސްފޯޑް ޔުނައިޓެޑްގެ ބޯޑާ ގުޅުނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ކްލަބުގެ މިހާރުގެ ކޯ އޯނަރު ޖިމް ރެޓްކްލިފް އެ ކްލަބުގެ ހިއްސާ ގަތުމާ ގުޅިގެންނެވެ. އޭނާ ވަނީ ކްލަބުގެ މުހިންމު ބައެއް މަގާމުތަކަށް މީހުން އައްޔަންކުރުމުގެ ސްޓްރެޓެޖިކް މަސައްކަތްތަކެއް ކޮށްފަ އެވެ.
މީގެ އިތުރުން، ކްލަބުގެ ރަސްމީ ޓްރޭނިން ސެންޓަރު ކަމަށްވާ ކެރިންގްޓަން ޓްރޭނިން ސެންޓަރު މަރާމާތުކޮށް ތަރައްގީކުރުމުގެ މަސައްކަތުގައި ވެސް އޭނާ އިސް ދައުރެއް އަދާކުރި އެވެ.
އޭނާގެ އެންމެ ފާހަގަކޮށްލެވޭ މަސައްކަތަކީ "މިޝަން 21" ޕްރޮޖެކްޓްގެ ޕްލޭން އެކުލަވާލުމެވެ.
ޔުނައިޓެޑްގެ "މިޝަން 21" އަކީ އެ ކްލަބުގެ 150 ވަނަ އަހަރީ ދުވަސް ފާހަގަކުރާ މުނާސަބަތާ ދިމާކޮށް، 2028 ވަނަ އަހަރަށް އަމާޒުކޮށްގެން ހިންގާ "ޕްރޮޖެކްޓް 150" ގެ އެންމެ މުހިންމު އެއް މަސައްކަތެވެ.
ބްރެއިލްސްފޯޑް އިސްވެ ހުންނަވައި އެކުލަވާލި މި މިޝަންގެ މައިގަނޑު މަގުސަދަކީ، ޔުނައިޓެޑުން މިހާތަނަށް ހޯދާފައިވާ 20 ލީގު ތަށީގެ ރެކޯޑަށް އިތުރު ފުރިހަމަކަމެއް ގެނެސްދީ، 21 ވަނަ ފަހަރަށް އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ކްލަބަށް ހޯދައިދިނުމެވެ. މީގެ އިތުރުން، އަންހެން ޓީމުން ފުރަތަމަ ފަހަރަށް ލީގު ތަށި ހޯދުމަށް އަމާޒުކުރާ "މިޝަން 1" ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެ އެވެ.
މި ހުރިހާ އަމާޒުތަކަކީ ވެސް ކްލަބުގެ ކުރީގެ ކާމިޔާބު ދުވަސްތައް އިއާދަކޮށް، ޔުނައިޓެޑަކީ ދުނިޔޭގެ އެންމެ ވަރުގަދަ ފުޓްބޯޅަ ބާރުގެ ގޮތުގައި އަލުން ކަނޑައެޅުމަށްޓަކައި އެކުލަވާލާފައިވާ ވަށައިޖެހޭ ޕްލޭނެކެވެ.
ބޯޑުން ވަކިވި ނަމަވެސް، އުމުރުން 62 އަހަރުގެ ބްރެއިލްސްފޯޑް ދެން މަސައްކަތް ކުރާނީ ރެޓްކްލިފްގެ ކުންފުނި، އިނިއޯސްގެ ސްޕޯޓްސް ޑައިރެކްޓަރުގެ މަގާމުގަ އެވެ. އޭނާ މިހާރު ބޮޑަށް އިސްކަންދެނީ ރެޓްކްލިފްގެ "ގްރެނޭޑިއާސް" ސައިކްލިން ޓީމަށެވެ.
މީގެ ކުރިން އިނިއޯސްގެ ޖީން ކްލޯޑް ބްލާންކް ވެސް ވަނީ ޔުނައިޓެޑްގެ ބޯޑުން ވަކިވެފަ އެވެ.