އޭއެފްސީ ޗެމްޕިއަންސް ލީގު 2 ފެ ގައިނަލްގައި ގަމްބާ އޮސާކާ އަތުން 1-0 އިން ބަލިވުމުން، ކްރިސްޓިއާނޯ ރޮނާލްޑޯ، ސައުދީ އަރަބިއްޔާގެ އައް ނަސްރާ އެކު ފުރަތަމަ މޭޖާ ޓްރޮފީއެއް ކާމިޔާބު ކުރުމަށް ކުރާ އިންތިޒާރު ދިގުލައިފި އެވެ.
ޔޫރަޕްގެ ޔޫރޮޕާ ލީގާ އެއް ފަންތިއެއްގެ މި މުބާރާތުގެ ފައިނަލް މެޗުގައި ގަމްބާ އޮސާކާގެ ލަނޑު ޖެހީ މެޗުގެ 30 ވަނަ މިނިޓުގަ އެވެ. ނަމަވެސް އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ނަތީޖާ، އައް ނަސްރަށް އަނބުރާލެވޭ ގޮތެއް ނުވި އެވެ.
މިއީ ި2008 ވަނަ އަހަރު އޭއެފްސީ ޗެމްޕިއަންސް ލީގު (މިހާރުގެ ޗެމްޕިއަންސް ލީގު އެލީޓް) ކާމިޔާބު ކުރި ގަމްބާ އޮސާކާ އަށް އެއަށް ފަހު ސަރަހައްދީ މުބާރާތަކުން ހޯދި ފުރަތަމަ ކާމިޔާބީ އެވެ.
"އަހަރެމެން ބޭނުންވި ކަމެއް މިރޭ (ރޭ) ނުވި. އެކަމަކު އަދި އެއް ފައިނަލް އޮތީ ކުރިއަށް، ސައުދީ ޕްރޯ ލީގު ތަށި އަހަރެމެންނަށް ވަރަށް މުހިއްމު، އައް ނަސްރުގެ ކޯޗު ޖޯޖް ޖީސަސް، ޗެމްޕިއަންސް ލީގު ފައިނަލަށް ފަހު ބުންނެވެ.
ފައިނަލް މެޗުގެ ހަފްތާއެއް ވަރު ކުރިން އައް ނަސްރަށް ވަނީ ސައުދީ ޕްރޯ ލީގުގައި އަލް ހިލާލް ބަލި ކޮށްގެން ޗެމްޕިއަންކަން ޔަގީން ކުރުމުގެ ފުރުސަތު ލިބިފަ އެވެ. ނަމަވެސް އެ މެޗު ގެއްލުނީ ފަހު ވަގުތު ކީޕަރު އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. މިއާ އެކު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.
ލީގުގައި ބާކީ އެއް މެޗު އޮއްވައި ނަސްރު އެއްވަނައިގައި އޮތީ 83 ޕޮއިންޓާ އެކު އެވެ. ހިލާލް ދެވަނައިގައި އޮތީ ދެ ޕޮއިންޓް މަދުން، 81 ޕޮއިންޓާ އެކު އެވެ.
ނަސްރުގެ ފަހު މެޗުގައި އެ ޓީމު އަންނަ ބުރާސްފަތި ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ދަމަކްއާ ދެކޮޅަށް ކުޅޭނެ އެވެ. އެ ރޭ ހިލާލް ރަށުން ބޭރުގައި އަލް ފައިހާއާ ދެކޮޅަށް ކުޅޭނެ އެވެ.
ނަސްރާ އެކު ރޮނާލްޑޯގެ ފުރަތަމަ ކާމިޔާބީއާ ގުޅިގެން ބޮޑު ބަހުސެއް ވެސް ވަނީ އުފެދިފަ އެވެ. ރޮނާލްޑޯ ވަނީ 2023 ވަނަ އަހަރު ނަސްރަށް ބަދަލުވެ، އެ އަހަރު އޮތް އަރަބް ކްލަބް ޗެމްޕިއަންސް ކަޕް ކާމިޔާބު ކޮށްފަ އެވެ. މިއީ ކުޅުންތެރިންގެ ކާމިޔާބެއް ގޮތުގައި ފީފާ އިން ފާހަގަ ކޮށްފައި ވީނަމަވެސް، އަރަބި ޔޫނިއަން (ޔޫއާފާ) އިން، އޭޝިއާ އާއި އުތުރު އެފްރިކާގެ އަރަބި ގައުމުތަކުގެ ކްލަބްތަކަށް ބާއްވާ މި މުބާރާތަކީ ސަރަހައްދީ ބޮޑު މުބާރާތެއް ގޮތުގައި އޭއެފްސީ އަދި ކާފް އިން ވެސް ރަސްމީކޮށް ބަލައިގެންފައެއް ނުވެ އެވެ.