ކަންޒަސް ސިޓީ (ޖޫން 7) - ފީފާ ވޯލްޑް ކަޕްގައި ވާދަކުރާ އިންގްލެންޑް ގައުމީ ޓީމު ކޭމްޕް ކުރާ ސަރަހައްދުގައި ބަޑި ޖެހުމުގެ ހާދިސާއެއް ހިނގައި، ނުވަ މީހަކަށް އަނިޔާ ވެފައި ވާކަމަށް ރިޕޯޓްކޮށްފި އެވެ.
މި ހާދިސާގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށާއި އަދި ހަމަލާތަކުގައި އަނިޔާވި މީހުން ހޮސްޕިޓަަލަށް ގެންގޮސްފައި ވާކަމަށް ކަންޒަސް ސިޓީ ފުލުހުންނާ ހަވާލާދީ ރޮއިޓާސް އިން ވަނީ ރިޕޯޓް ކޮށްފަ އެވެ.
މުބާރާތަށް އިންގްލެންޑް ޓީމު ކޭމްޕް ކުރުމަށް ހަމަޖެހިފައި ވަނީ މަޒޫރީ ސްޓޭޓްގެ ކަންޒަސް ސިޓީގައި ހުންނަ ސްވޯޕް ސޮކަ ވިލެޖުގަ އެވެ.
މި ހާދިސާ ހިނގާފައި ވަނީ ސޮކަ ވިލެޖާ 3.2 މޭލު (5.1 ކިލޯމީޓަރު) ދުރުގައި، ޓްރޫސްޓް އެވެނިއުގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ސޮކަ ވިލެޖުގައި އިނގިރޭސި ޓީމް އަދި މިހާތަނަށް ކޭމްޕް ކޮށްފައި ނުވާއިރު، މި ވަގުތު މުބާރާތަށް ތައްޔާރު ވާން އިންގްލެންޑް ޓީމު ތިބީ ފްލޮރިޑާގެ ވެސްޓް ޕާމް ބީޗުގައި ކޭމްޕް ކޮށްގެންނެވެ. ސޮކަ ސިޓީއަށް އިނގިރޭސި ޓީމު ބަދަލު ވާނީ މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ކުޅޭ ރަހުމަތްތެރިކަމުގެ މެޗުތަކަށް ފަހު އެވެ.
ވެސްޓް ޕާމް ބީޗުގައި ކޭމްޕް ކޮށްގެން ވަމުން އަންނަ ތައްޔާރީތަކުގައި އިންގްލެންޑް ވަނީ ހޮނިހިރު ދުވަހު ނިއުޒިލެންޑާ ވާދަކޮށް 1-0 އިން މޮޅުވެފަ އެވެ. ވޯލްޑް ކަޕްގެ ކުރިން އެ ޓީމުގެ ފަހު މެޗުގައި ބުދަ ދުވަހު ކޮސްޓަރިކާއާ ދެކޮޅަށް ކުޅޭނެ އެވެ.
މި ހަމަލާތަކާ ގުޅިގެން އިނގިރޭސި އެފްއޭއިން ކަންބޮޑުވުން ފާޅު ކޮށްފައެއް ނުވެ އެވެ. ބަޑީގެ ހަމަލާތަކަކީ އެމެރިކާގައި އާއްމުކޮށް ހިނގާ ކަންކަމެވެ. އެގޮތުން މިދިޔަ އަހަރު އެކަނި ވެސް 400 އަށް ވުރެ ގިނަ ބަޑި ޖެހުމުގެ ހަމަލާތައް ހިނގާފައިވާ ކަމަށް ރެކޯޑްތަކުން ދައްކަ އެވެ.
އިންގްލެންޑް ހިމެނެނީ ވޯލްޑް ކަޕްގެ ގުރޫޕް އެލްގަ އެވެ. ގުރޫޕް ސްޓޭޖުގައި އެ ޓީމު ނުކުންނާނީ ކްރޮއޭޝިއާ، ގާނާ އަދި ޕެނަމާއާ ދެކޮޅަށެވެ.