މިފަހަރުގެ ވޯލްޑް ކަޕްގެ ރަސްމީ މެސްކޮޓުންގެ ގޮތުގައި ޕެރޫގެ ގުލުހުން ސިފަބަދަލުކޮށްގެން އެ ގައުމުގައި ހަރަކާތްތެރިވާ ޑްރަގު ނެޓްވޯކެއް އަތުލައިގެންފި އެވެ.

ޕެރޫ ފުލުހުންގެ ރަސްމީ ޓިކްޓޮކް އެކައުންޓުގައި އާންމުކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި، ވޯލްޑް ކަޕްގެ މެސްކޮޓުން ކަމަށްވާ "ކްލަޗް" (ބާޒެއްގެ ސިފައިގައި ހުންނަ މެސްކޮޓް) އަދި "މޭޕްލް" (ޖަނަވާރެއްގެ ސިފައިގައި ހުންނަ މެސްކޮޓް) ގެ ކޮސްޓިއުމް ލައިގެން ތިބި ފުލުހުން ވަނީ، ބޮޑު ދަގަނޑުބުރިއެއް ބޭނުންކޮށްގެން ގޭގެ ދޮރު ހަލާކުކޮށްލުމަށްފަހު އެތެރެއަށް ވަދެ، މީހަކު ހައްޔަރުކޮށްފަ އެވެ.

އެ އޮޕަރޭޝަނުގައި ފުލުހުން ވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެތީގެ ޕެކެޓްތަކަކާއި ފިސްތޯލައެއްވެސް ހޯދާފަ އެވެ. 

ޕެރޫ ފުލުހުންގެ ގްރީން ސްކޮޑްގެ ވެރިޔާ، ކާނަލް ކާލޯސް ފްރެޑީ އަލްކަންޓާރާ، އެސޯސިއޭޓެޑް ޕްރެސް އަށް މައުލޫމާތު ދެމުން ބުނީ އެ އޮޕަރޭޝަނުގައި ހައްޔަރު ކުރި ޑްރަގު ލޯޑަކީ ފުޓްބޯޅަ އަށް މަރުދޭ މީހެއް ކަމަށެވެ. އެހެންވެ، އޭނާ ހައްޔަރު ކުރަން އޮޕަރޭޝަން ހިންގީ އޭނާ އަށް އެއްވެސް ޝައްކެއް ވިޔަ ނުދިނުމުގެ ގޮތުން ކަމަށެވެ. 

"އަހަރެމެންގެ އިންޓެލިޖެންސް ޓީމުން ކުރި މަސައްކަތުން އެނގުނީ، އަހަރެމެން ހައްޔަރުކުރަން މިއުޅޭ މީހާއަކީ ފުޓްބޯޅައަށް މަރުދޭ މިދުވަސްވަރުގެ ވޯލްޑް ކަޕްގެ ފޯރީގައި ޖެހިފައި ހުރި މީހެއްކަން. އެހެންވެ އޭނާއަށް އެއްވެސް ކަމަކަށް ޝައްކުވިޔަނުދީ ކައިރިއަށް ގޮސް ހައްޔަރުކުރުމުގެ ގޮތުން، އަހަރެންގެ ގްރީން ސްކޮޑްގެ ފުލުހުން ވޯލްޑް ކަޕް މެސްކޮޓުންގެ ގޮތުގައި ސިފަބަދަލުކުރީ،" އަލްކަންޓާރާ ބުންޏެވެ. 

މިއީ ޕެރޫ ފުލުހުން ކުށްވެރިން ހައްޔަރުކުރުމަށް މިފަދަ ތަފާތު ހެދުންތައް ބޭނުންކުރި ފުރަތަމަ ފަހަރެއް ނޫނެވެ.

މިދިޔަ އަހަރު ފެބްރުއަރީ މަހު ލީމާގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފުލުހަކު ވަނީ ބޮޑު މީދަލެއް ފަދަ ޖަނަވާރެއްގެ ހެދުން އަޅައިގެން ގޮސް މީހަކު ހައްޔަރުކޮށްފަ އެވެ. އަދި އޭގެ ކުރިން މާވެލްގެ ސުޕަހީރޯއިންގެ ހެދުން އަޅައިގެންވެސް ފުލުހުން އޮޕަރޭޝަންތައް ހިންގާފައިވެ އެވެ.

މިފަހަރުގެ ވޯލްޑް ކަޕްގެ ފޯރި ޕެރޫގައި ގަދަވެފައިވީ ނަމަވެސް، ދެކުނު އެމެރިކާ ބައްރުގެ ކޮލިފައިންގެ 10 ޓީމުގެ ތެރެއިން 9 ވަނަ ލިބުމުގެ ސަބަބުން ޕެރޫއަށް މިފަހަރުގެ މުބާރާތުން ފުރުސަތެއް ނުލިބެ އެވެ. އެ ގައުމުން އެންމެ ފަހުން ވޯލްޑް ކަޕެއްގައި ވާދަކުރީ 2018 ގަ އެވެ.