މެޗުން މޮޅުވާން ދިޔަ ސްވިޒަލެންޑް ހުއްޓުވައި ގަތަރުން 1-1 ން މެޗުގެ ނަތީޖާ ހަމަހަމަކޮށް، ސްވިޒަލެންޑް ހިފަހައްޓައިފި އެވެ.
އެމެރިކާގެ ކެލިފޯނިއާގެ ލެވީސް ސްޓޭޑިއަމްގައި ކުޅުނު މެޗު ސްވިޒަލޭންޑުން ހުރިހާ ގޮތަކުން ވެސް ޑޮމިނޭޓް ކުރި އެވެ.
މުޅި މެޗު ޑޮމިނޭޓްކޮށް 70 ޕަސަންޓަށް ބޯޅަ ޕޮޒެޝަން ހިފަހައްޓައިގެން ކުޅުނު ސްވިޒަލޭންޑަށް ހައިރާން ކުރުވަނިވި ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި ގަތަރުން ނަޓިޖާ ހަމަހަމަ ކުރުމުންނެވެ.
މެޗުގެ 90 މިނެޓް ހަމަވެގެން، އިތުރަށް ދެއްކި ހަ މިނެޓްގެ ތެރެއިން ހަތަރު ވަނަ މިނެޓުގައި ގަތަރުގެ ހޮމާމް އަލް އަމީން ތަނަވަސްކޮށްދިން ފުރުސަތަކުން، އެ ޓީމުގެ ޑިފެންޑަރު ބޫއާލެމް ކޯކީ، ވަނީ އޭރިއާ މެދުތެރެއިން ބޮލުން ފޮނުވާލި ހަމަލާއަކުން ސްވިޒަލޭންޑްގެ ކީޕަރު ގްރެގާ ކޮބެލް އަށް، އެއްވެސް ފުރުސަތެއް ނުނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފަ އެވެ.
މުޅި މެޗުގައި ސްވިޒަލޭންޑުން ގަތަރުގެ ގޯލަށް ނުރައްކާ ކުރި އެވެ. ނަމަވެސް، މެޗުން މޮޅުވާނެ އިތުރު ލަނޑެއް އެ ޓީމަށް ކާމިޔާބެއް ނުކުރެވުނު އެވެ.
ވޯލްޑް ކަޕްގައި 13 ފަހަރު ވާދަކޮށްފައިވާ ސްވިޒަލޭންޑުން މެޗުގެ ފުރަތަމަ ހާފު ފެށިގެން ނިމެންދެން ބޯޅަ ޕޮޒެޝަން ހިފަހައްޓައިގެން މެޗު ކޮންޓްރޯލް ކުރި އެވެ. އަދި ހުލެން ލޮޕެޓެގީގެ އިރުޝާދުގެ ދަށުން ކުޅޭ ގަތަރު ޓީމު ބޮޑަށް އިސްކަން ދިނީ އެ ޓީމުގެ އަމިއްލަ ހާފްގެ ތެރޭގައި ތިބެގެން ޑިފެންސް ކުރުމުގެ ވިސްނުމެއްގަ އެވެ.
މެޗުގެ 16 ވަނަ މިނެޓުގައި ސްވިޒަލޭންޑްގެ ބްރީލް އެމްބޯލޯ ބޮލުން ޖައްސާލި ބޯޅައަކަށް ރެމޯ ފްރެއުލާ އޭރިއާ ތެރެއަށް ވަގުތު، ގަތަރުގެ ކީޕަރު މަހްމޫދު އަބޫނަދާ، ފްރެއުލާއަށް ކުރި ފައުލަކާ ގުޅިގެން ސްވިޒަލޭންޑަށް ޕެނަލްޓީއެއް ލިބުނެވެ.
ވީއޭއާރުން ގިނައިރު ބެލުމަށްފަހު ދިން މި ޕެނަލްޓީ، މެޗުގެ 17 ވަނަ މިނެޓުގައި ޖެހީ އެމްބޯލޯ އެވެ. އޭނާ ވަނީ ކީޕަރު އަބޫނަދާ އަށް މިސްރާބު އޮޅުވާލުމަށް ފަހު ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.
ޕެނަލްޓީ ސަލާމަތް ނުކުރެވުނަސް ކީޕަރު އަބޫނަދާ ވަނީ ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. ސްވިޒަލޭންޑްގެ ޑޭން އެންޑޯއީގެ ހަތަރު ހަމަލާއެއް ކީޕަރު އަބޫނަދާ ވަނީ ފުރަތަމަ ހާފުގައި ސަލާމަތް ކުރި އެވެ. އޭނާ ވަނީ ނުރައްކާތެރި ފަސް ބޯޅައެއް މަތަކޮށް، ގަތަރު މެޗުގެ ތެރޭގައި ހިފަހައްޓައިދީފަ އެވެ.
ގަތަރާ ދެކޮޅަށް އެމްބޯލޯ ޖެހި ޕެނަލްޓީއަކީ، ވޯލްޑް ކަޕްގެ ދިގު ތާރީހުގައި މެޗެއްގެ ތެރެއިން، ސްވިޒަލޭންޑަށް ލިބުނު ފުރަތަމަ ޕެނަލްޓީ އެވެ. ވޯލްޑް ކަޕްގައި ޕެނަލްޓީއެއް ހޯދުމަށް ސްވިޒަލޭންޑްގެ ގައުމީ ޓީމަށް ގަރުނަކާ ގާތްކުރާ މުއްދަތެއް ހޭދަވި އިރު، އެ ގައުމުން ވަނީ ވޯލްޑް ކަޕްގައި 42 މެޗު ކުޅެފަ އެވެ.
ވޯލްޑް ކަޕްގެ ދެވަނަ މުބާރާތް ބޭއްވި އަހަރު ކަމަށްވާ، 1934 ވަނަ އަހަރުން ފެށިގެން ވޯލްޑް ކަޕްގައި ވާދަކުރަން ފެށި ސްވިޒަލޭންޑަށް، މިފަހަރުގެ މުބާރަތަކީ އެ ގައުމުގެ 13 ވޯލްޑް ކަޕެވެ. ގަތަރާ ދެކޮޅަށް ކުޅުނު މި މެޗާ ހަމައަށް ރެފްރީއަކު މެޗެއްގެ ތެރެއިން އެ ޓީމަށް ދުވަހަކުވެސް ޕެނަލްޓީއެއް ދީފައެއް ނުވެ އެވެ.
ސްވިޒަލޭންޑުން މި ރެކޯޑް މުގުރާލުމާ އެކު، ވޯލްޑް ކަޕްގައި ޕެނަލްޓީއެއް ނުލިބި އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް މިހާރު ލިބެނީ މޮރޮކޯ އަށެވެ. އެއީ އެއްވެސް ޕެނަލްޓީއެއް ނުލިބި 23 މެޗު ކުޅެގެންނެވެ.
ވޯލްޑް ކަޕްގައި ގަތަރުން އެންމެ ފުރަތަމަ ކުޅުނީ، މީގެ ހަތަރު އަހަރު ކުރިން އަމިއްލަ ގައުމުގައި ބޭއްވި މުބާރާތުގަ އެވެ. އެފަހަރު މުބާރާތް އެ ޓީމުން ނިންމާލީ އެއްވެސް ޕޮއިންޓެއް ނުހޯދި އެވެ. ހޮނިހިރު ދުވަހުގެ ރޭ ސްވިޒަލޭންޑް އަތުން ހޯދި ޕޮއިންޓަކީ، ވޯލްޑް ކަޕްގައި އެ ޓީމުގެ ފުރަތަމަ ޕޮއިންޓެވެ.