ގާތްގަނޑަކަށް ގަރުނެއްގެ ހަތަރުބައިކުޅަ އެއްބައިގެ މުއްދަތެއް، ސްވިޒަލޭންޑުން ހޭދަކުރީ މި އިންތިޒާރަށެވެ. ވޯލްޑް ކަޕެއްގެ ކުއާޓާ ފައިނަލަށް ދިއުމަށް އެ ގައުމުން ކުރި 72 އަހަރުވީ އިންތިޒާރަކީ އެ މުބާރާތުގެ ތާރީހުގައި ގައުމަކުން ކުރި އެންމެ ދިގު އިންތިޒާރެވެ.

އަންގާރަ ދުވަހުގެ ރޭ، ޕެނަލްޓީ ޖަހައިގެން ކޮލަމްބިއާ ބަލިކޮށް ސްވިޒަލޭންޑުން ވަނީ އެ އިންތިޒާރަށް ނިމުން ގެނެސްފަ އެވެ.

ފުޓްބޯޅަ އާއި ކުޅިވަރުގެ ދުނިޔޭގައި ސްވިޒަލޭންޑަކީ ހިޔާވައްސެވެ. ގިނަ ކުޅިވަރުތަކެއްގެ ބެލެނިވެރި އިދާރާތައް ގާއިމުކޮށްފައި ހުރީ ސްވިޒަލޭންޑްގެ ބިމުގަ އެވެ. ޒިޔުރިކާއި، ޖެނީވާ، ނިޔޯން އާއި ލުޒާން އަދި މީސްއަކީ ކުޅިވަރުތަކުގެ މައި ސިޓީތަކެވެ. ދުނިޔޭގެ ފުޓްބޯޅައިގެ ވެރިރަށަކީ ޒިޔުރިކެވެ.

އެކަމަކު ސްވިޒަލޭންޑަކީ ފުޓްބޯޅައިގައި ވަރުގަދަ ބާރެއް ނޫނެވެ. ޔޫރަޕްގެ ފުޓްބޯޅައިގައި ވެސް ގަދަ ބާރެއްގެ ގޮތުގައި އެ ގައުމެއް ނުގުނަ އެވެ.

ވޯލްޑް ކަޕްގެ ތާރީޚުގައި އެ ގައުމުގެ އެންމެ ބޮޑު ކާމިޔާބަކީ ކުއާޓާ ފައިނަލެވެ. އަންގާރަ ދުވަހުގެ ރޭގެ މެޗުގެ ކުރިން އެ ގައުމަށް، އެ ޓާގެޓަށް އެންމެ ފަހުން ވާސިލުވެވިފައި އޮތީ އަމިއްލަ ގައުމުގައި މުބާރާތް ބޭއްވި އަހަރު، 1954 ގަ އެވެ.

ޖުމުލަ 72 އަހަރު ފަހުން، ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކުރެވުމުން ސްވިސްގެ ކޯޗު މުރާތު ޔާކިންއަށް ކުރެވުނީ އޭނާގެ ބޮލުން ބޮޑު ބަރެއް ނެގުނުކަމުގެ އިހްސާސެވެ.

"މިއީ ވަރަށް ތާރީހީ ވަގުތެއް.. އަހަރެމެން މިވަނީ ސްވިސް ޓީމުގެ ތާރީހުގައި ވެސް އެންމެ މަތީ ހިސާބަށް ވާސިލުވެފައި. އެކަމަކު މި ދަތުރެއް އަދި ނުނިމޭ،" ޔާކިން ބުންޏެވެ. 

ޔާކިން ބުނީ ޕެނަލްޓީގައި ކާމިޔާބު ލިބުނީ، މެޗުގެ ފަހުކޮޅު އޭނާ ގެނައި ބަދަލުތަކުން ކަމަށެވެ. 

"ފެށުން އުނދަގޫވި. ނަމަވެސް އަހަރެމެން ހިތްވަރު އެލުވައިނުލާ ހިފަހައްޓައި، ވަރުގަދަ އަޒުމެއް ދެއްކިން،" ޔާކިން ބުންޏެވެ.

"އޭގެ ފަހުން. އެންމެ އެކަށީގެންވާ ވަގުތުގައި އަހަރެން ރަނގަޅު ކުޅުންތެރިން ނެރުނިން. އޭގެ [ބަދަލުތަކުގެ] ނަތީޖާއަކީ ޕެނަލްޓީތައް ކާމިޔާބުކުރި ކުޅުންތެރިން އެ ވަގުތު ދަނޑުމަތީގައި ތިބުން. އެބަދަލުތައް ވެގެންދިޔައީ (މި މޮޅަށް) ވަރަށް މުހިންމުވި ކަމަކަށް."

ކުއާޓާ ފައިނަލުގައި ސްވިޒަލޭންޑަށް އޮތީ ވަރުގަދަ އާޖެންޓީނާ އެވެ. ދުނިޔޭގެ މިހާރުގެ ޗެމްޕިއަން ފާހަގަ ކުރެވިފައި ވަނީ ބަލި ކުރަން އުނދަގޫ ޓީމެއްގެ ގޮތުގަ އެވެ.  ގަދަ 16 ގެ ބުރުގައި މިސްރުން ދެ ލަނޑުގެ ލީޑެއް ނަގާފައިވަނިކޮް އާޖެންޓީނާއިން ނަތީޖާ ބަދަލު ކުރީ ގާތްގަނޑަަކަށް މެޗުގެ ފަހު 20 މިނެޓްތެރޭގަ އެވެ. 

އެކަމަކު ސްވިޒަލެންޑްގެ ޗެލެންޖް، އާޖެންޓީނާ އަށް ވެސް ތަފާތު ވެދާނެ އެވެ.