ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި އާޖެންޓީނާ އަތުން ސުވިޒަލޭންޑް ބަލިވި މެޗުގައި ވީއޭއާރު ބޭނުންކޮށްގެން ބްރީލް އެމްބޮލޯއަށް ރަތް ކާޑު ދެއްކި ނިންމުމަށް އެ ޓީމުން ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.
ފުރަތަމަ ރެފްރީ ރީނދޫ ކާޑު ދެއްކީ އާޖެންޓީނާގެ ލެއަންޑްރޯ ޕަރެޑޭސް އަށެވެ. އެއީ އެމްބޮލޯއަށް ފައުލް ކުރި ކަމަށް ބަލަ އެވެ. ނަމަވެސް ވީއޭއާރުން ބެލުމަށް ފަހު، އެއީ އޮޅިގެން ދެއްކުނު ކާޑެއް ކަމަށް ނިންމައި، އެ ކާޑް ކެންސަލް ކުރި އެވެ.
ވީއޭއާރުން ދެއްކީ ޕަރެޑޭސް ފައުލެއް ނުކުރާ ކަމަށެވެ. އަދި އެއީ ފައުލެއް ހޯދަން އެމްބޮލޯ ޑައިވްކުރި ކަމަށް ބަލައި އޭނާ އަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑް ދައްކައި ދަނޑުން ފޮނުވާލި އެވެ.
މިއީ މި ގަވާއިދަށް އަމަލުކުރި ފުރަތަމަ ފަހަރެއް ވެސް ނޫން
މި ނިންމުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ އޮޅިގެން އެހެން ކުޅުންތެރިއަކަށް ކާޑު ދެއްކުމުގެ (މިސްޓޭކަން އައިޑެންޓިޓީ) ގަވާއިދެވެ. މި ގަވާއިދަކީ މިފަހަރު މުބާރާތުގައި އަލަށް ތައާރަފުކުރި ވީއޭއާރުގެ އާ ގަވާއިދުގައި ހިމެނޭ އެއް މާއްދާ އެވެ.
މިއީ މި ގަވާއިދަށް އަމަލު ކުރި ފުރަތަމަ ފަހަރެއް ވެސް ނޫނެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި މިއީ އެމްބޮލޯ އޮޅުވާލަން އުޅުނު އުޅުން ކުށެއް ނެތް ގޮތުގައި ދޫކޮށްނުލުމަށް ނިންމި ނިންމުމެކެވެ.
މިއީ މި ގަވާއިދު ވޯލްޑް ކަޕްގައި ބޭނުންކުރި ފުރަތަމަ ފަހަރެއް ނޫނެވެ.
މީގެ ކުރިން އެމެރިކާ އާއި ޕެރަގުއޭ ބައްދަލުކުރި މެޗުގައި ވެސް މި ގަވާއިދު ބޭނުންކުރި އެވެ. އެ ފަހަރު ރަތް ކާޑެއް ނުދެއްކި ނަމަވެސް، ހާލަތު މުޅިން އެއްގޮތެވެ.
އެމެރިކާ ޓިމް ރީމް އަށް ދެއްކި ރީނދޫ ކާޑު، ވީއޭއާރުން ބެލުމަށް ފަހު ކެންސަލް ކުރި އެވެ. އަދި ޕެރަގުއޭގެ މިގުއެލް އެލްމިރޯން އަށް ރީނދޫ ކާޑް ދައްކި އެވެ. މިއީ ކުރިއަށް އޮތް ތަނުގައި ވެސް ފެންނާނެ ގަވާއިދެކެވެ.
ސްވިޒަލޭންޑްގެ ޓީމު ރަތަށް
ޓީމުގެ ކެޕްޓަން ގްރޭނިޓް ޒަކާ ބުނި ގޮތުގައި މިފަދަ ނިންމުންތަކުގެ ސަބަބުން މެޗުގެ ފޯރި މަރުވެގެންދާނެ އެވެ.
"ގަވާއިދުތަކަކީ ގަވާއިދުތައް، އެކަން އަހަރެމެންނަކަށް ބަދަލެއް ނުކުރެވޭނެ. އެކަމަކު މިއީ މެޗު މަރާލި ނިންމުމެއް. އަހަރެން ގަބޫލުކުރަނީ 11 ކުޅުންތެރިން 11 ކުޅުންތެރިންނާ ދެކޮޅަށް ކުޅުނު ނަމަ އަހަރެމެން މެޗު ކާމިޔާބުކުރާނެ ކަމަށް"
ސުވިޒަލޭންޑްގެ ހެޑް ކޯޗު މުރާތު ޔަކިން ބުނީ މިއީ ރެފްރީއަށް ހެދުނު ގޯހަކުން ލިބުނު ބޮޑު އަދަބެއް ކަމަށެވެ.
"މިއީ ވަރަށް ހިތްދަތި ކަމެއް. އަހަރެމެންނަށް މި ފުރުސަތު މި ގެއްލުނީ. ސެމީ ފައިނަލަށް ދާން އަހަރެމެން ހައްގު"