އިނގިރޭސި ގައުމީ ޓީމުގެ ޑިފެންޑަރު ޓީނޯ ލިވްރަމެންޓޯއަށް އަނިޔާވުމުން، އޭނާ ސްކޮޑުން ބާކީކޮށް ޓްރެވޯ ޝަލޮބާ އަށް ވޯލްޑް ކަޕުން ފުރުސަތު ދީފި އެވެ.

ނިއުކާސަލް ޔުނައިޓެޑަށް ކުޅެމުން އަންނަ 23 އަހަރުގެ ލިވްރަމެންޓޯ އަށް އަނިޔާ ވެފައި ވަނީ އާދިއްތަ ދުވަހުގެ ފަރިތަކުރުންތަކުގަ އެވެ. އަދި އިއްޔެގެ ރިޕޯޓްތަކުން ވަނީ އޭނާއަށް މުބާރާތުގައި ނުކުޅެވޭނެކަން ހާމަ ވެފަ އެވެ.

ލިވްރަމެންޓޯއަކީ ޗެލްސީގެ އެކަޑަމީން ތަމްރީނުވި ކުޅުންތެރިއެކެވެ. އޭނާއަށް މި ސީޒަންގައި އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވި އެވެ. އޭނާގެ ބަދަލުގައި އިނގިރޭސި ގައުމީ ކޯޗު ޖަރުމަނުގެ ތޯމަސް ޓޫހްލް ފުރުސަތު ދީފައި މި ވަނީ ޗެލްސީއަށް ކުޅެމުން އަންނަ ޝަލޮބާ އަށެވެ.

ޗެލްސީގެ ކޯޗުކަން ޓޫހުލް ކުރި ދުވަސްވަރު އޭނާ ވަނީ އެ ކްލަބްގައި ޝަލަބާއަށް އިރުޝާދު ދީފަ އެވެ.

ލިވްރަމެންޓޯ އިނގިރޭސި ގައުމީ ޓީމަށް ކުޅެން ފެށީ ކުރީގެ ކޯޗު ގެރެތު ސައުތުގޭޓްގެ އިރުޝާދުގެ ދަށުން ނޮވެމްބަރު 2024 ގަ އެވެ.

މިދިޔަ އަހަރު ކޯޗުކަމާ ހަވާލުވި ޓޫހުލްގެ އިރުޝާދުގެ ދަށުން އޭނާ ވަނީ މިހާތަނަށް ފަސް މެޗު ކުޅެފަ އެވެ.

ވޯލްޑް ކަޕްގައި ޓީމުގެ ފުރަތަމަ މެޗުގެ 24 ގަޑީއިރު ކުރިން، ސީރިއަސް އަނިޔާއެއް ކުޅުންތެރިޔަކަށް ކުރިމަތިވެއްޖަނަމަ، ސްކޮޑަށް ބަދަލު ގެނައުމުގެ ފުރުސަތު ފީފާ އިން ދެ އެވެ.

އިންގްލެންޑްގެ ފުރަތަމަ މެޗު ކުޅޭނީ ބުދަ ދުވަހުގެ ރޭ ރާއްޖެ ގަޑިން ދަންވަރު އެކެއް ޖަހާއިރު އެވެ.