މިފަހަރު ވޯލްޑް ކަޕްގެ މެޗުތައް ބަލާއިރު ދަނޑުމަތިން އެންމެ ބޮޑަށް ލޮލުގައި އަޅައިގަންނަނީ ކުޅުންތެރިން އަރައިގެން ތިބި ގަދަ ފިޔާތޮށި (ހޮޓް ޕިންކް ނުވަތަ އިލެކްޓްރިކް ފިއުޝިއާ) ކުލައިގެ ބޫޓުތަކެވެ. އެހެންވެ މިއީ ވޯލްޑް ކަޕްގެ މިފަހަރުގެ ނުރަސްމީ ކުލައޭ ވެސް މިހާރު އެބަ ކިޔަ އެވެ.
އެންމެ މަޝްހޫރު ކުޅުންތެރިންނާއި ދިފާއީ ކުޅުންތެރިންނާއި ގޯލްކީޕަރުންގެ އިތުރުން ބަދަލު ކުޅުންތެރިންގެ ފައިން ވެސް ފެންނަނީ މި ކުލަ އެވެ.
މިއީ ކުރިން ދަނޑުމަތިން މަދުން ފެންނަ، ތަފާތު ކުލައެއްގެ ގޮތުގައި ބެލެވުނު ކުލައެކެވެ.
ކުޅިވަރު ބްރޭންޑްތަކުގެ ވިޔަފާރީގެ އުކުޅެއް
މިއީ ކުއްލިއަކަށް ކުޅުންތެރިން އަމިއްލައަށް ނިންމި ނިންމުމެއް ނޫނެވެ. ކުޅިވަރު ސާމާނު އުފައްދާ އެންމެ މަޝްހޫރު ކުންފުނިތައް ކަމަށްވާ ނައިކީ، އެޑިޑާސް، ޕޫމާ، ނިއު ބެލެންސް އަދި ސްކެޗާސް އިން ވަނީ މި މުބާރާތާ ދިމާކޮށް ވަރަށް އެއް ގޮތް، ފިޔާތޮށި ކުލައިގެ ކަލެކްޝަންތަކެއް ނެރެފަ އެވެ. ފެޝަން ޓްރެންޑްތައް ލަފާކުރާ "ޑަބްލިޔުޖީއެސްއެން" އިން 2024 ވަނަ އަހަރު ބުނެފައިވާ ގޮތުގައި "އިލެކްޓްރިކް ފިއުޝިއާ" އަކީ 2026 ގެ ހޫނު މޫސުމުގެ އެންމެ ހިނގާނެ ކުލަ އެވެ. ބޮޑެތި ބްރޭންޑްތަކުން މިކަން ބޭނުންކުރީ އެ މީހުންގެ މާކެޓިން އުކުޅެއްގެ ގޮތުގަ އެވެ.
ދަނޑުމަތީގައި ބޮޑަށް ފާހަގަވުން
ނައިކީގެ ގްލޯބަލް ފުޓްބޯލް ފުޓްވެއާ ޓީމުގެ އިސް ވެރިއެއް ކަމަށްވާ އޮޑިންގާ ނިމާކޯ ބައެއް މީޑިިއާތަކަށް ބުނެފައިވާ ގޮތުގައި، ދަނޑުގެ ފެހިކުލައިގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވާ ނުވަތަ ކޮންޓްރާސްޓްވާ ކުލައަކީ މި ފިޔާތޮށި ކުލަ އެވެ. މީގެ ސަބަބުން ސްޓޭޑިއަމްގައި ތިބޭ ސަޕޯޓަރުންނަށާއި، ޓީވީން ނުވަތަ ފޯނުން މެޗު ބަލާ މީހުންނަށް ކުޅުންތެރިންގެ ފައިގެ ހަރަކާތްތަކާއި ބޫޓު ވަރަށް ސާފުކޮށް ފެނެ އެވެ. ހާއްސަކޮށް، ރީޕްލޭތަކާއި ކްލޯޒްއަޕް މަންޒަރުތަކުގައި ބްރޭންޑްތައް އިޝްތިހާރުވުން މީގެ ސަބަބުން ފަސޭހަވެ އެވެ.
މީގެ އިތުރުން، މިފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާ 48 ގައުމުގެ ތެރެއިން އެއްވެސް ގައުމެއްގެ ފުރަތަމަ ޖާޒީއަކީ ފިޔާތޮށި ކުލައެއް ނޫނެވެ. އެހެންވެ ކޮންމެ ކިޓަކާ އެކު ލިޔަސް މި ބޫޓުތައް ފާހަގަވާލެއް ބޮޑެވެ.
ކުޅުންތެރިންނަށް އިތުބާރު ބޮޑުވުން
ފިޔާތޮށި ކުލަ ފަދަ ގަދަ، ވިދާ ކުލައެއްގެ ބޫޓަށް އެރުމުން ކުޅުންތެރިންގެ ނަފްސާނީ އިތުބާރު ބޮޑުވާކަމަށް ދިރާސާތަކުން ދައްކަ އެވެ.
"އަހަރެމެންނަށް ކުޅުންތެރިންގެ ފަރާތުން އަބަދުވެސް އިވޭ އަޑަކީ، ފިޔާތޮށި ފަދަ، ލޮލުގައި އަޅައިގަންނަ އަދި ގަދަ ކުލައެއް ބޭނުންކުރާއިރު، ތިމާއަކީ ހަގީގަތުގައި ވެސް މޮޅު ކުޅުންތެރިއަކަށް ވާންޖެހޭނެއޭ ހިތަށް އަރައޭ. މިއީ ކުޅުންތެރިޔާގެ ކިބައިގައި ހުންނަ ޖެހިލުންވުން ކުޑަކޮށްދޭ ކަމެއް،" ނިމާކޯ ބުނެފައިވެ އެވެ.
އެކަމަކު ނުކުތީ އެހެން ނަތީޖާއެއް؟
ނަމަވެސް، ހުރިހާ ބްރޭންޑަކުން އެއް ކުލައެއްގެ ބޫޓު ނެރުމުން ފާޑުކިޔުންތައް ވެސް ވަނީ އަމާޒުވެފަ އެވެ. ސަބަބަކީ ހުރިހާ ކުޅުންތެރިން ފިޔާތޮށި ކުލައިގެ ބޫޓަށް އަރައިގެން ތިބުމުން، ވަކިވަކި ބްރޭންޑްތައް ދެނެގަންނަން ސަޕޯޓަރުންނަށް އުނދަގޫވުމެވެ. މިއީ ބްރޭންޑްތަކުން ބޭނުންވި ނަތީޖާގެ އިދިކޮޅެވެ.
މި ޓްރެންޑުން ސަލާމަތްވި މަދު ކުޅުންތެރިންގެ ތެރޭގައި އާޖެންޓީނާގެ ލިއޮނަލް މެސީ ހިމެނެ އެވެ. އޭނާ ބޭނުންކުރަނީ އާޖެންޓީނާގެ ދިދައާ ގުޅޭ ނޫ އަދި ހުދު ކުލައިގެ ކަސްޓަމް ބޫޓެކެވެ. އޭގެ އިތުރުން ކްރޮއޭޝިއާގެ ލޫކާ މޮޑްރިޗް ފަދަ ބައެއް ކުޅުންތެރިންނަށް ބްރޭންޑްތަކުން ރަން ކުލައިގެ ހާއްސަ ބޫޓުތައް ވެސް ހަދައިދީފައިވެ އެވެ.