ފުޓްބޯޅައިގެ ދުނިޔޭން ފަލަސްތީނަށްޓަކައި މަސައްކަތްކޮށް ދޭން މިސްރުގެ ގައުމީ ޓީމުގެ ކޯޗު ހުސާމް ހަސަން އިލްތިމާސް ކޮށްފި އެވެ.
މިސްރުގެ ގައުމީ ޓީމަށް ކުރިން ކުޅެ އެންމެ ގިނަ ގޯލު ޖަހައިދީފައިވާ ހްސާމް ވަނީ، ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި އޮސްޓްރޭލިއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ފަލަސްތީނުގެ ދިދަ ގައިގައި އޮޅައި، އޭނާގެ ތާއީދު އެ ގައުމަށް އޮތްކަން ހާމަކޮށްފަ އެވެ. އޮސްޓްރޭލިއާ އަތުން ހޯދި މޮޅު ވެސް ހުސާމް ހާއްސަ ކުރީ ފަލަސްޓިނުގެ ރައްޔިތުންނަށެވެ.
ވޯލްޑް ކަޕްގެ ގަދަ 16 ގެ ބުރުގައި، މިރޭ މިސްރުން ނުކުންނާނީ އާޖެންޓީނާއާ ދެކޮޅަށެވެ.
މެޗަށް ހާއްސަކޮށް ބޭއްވި ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ހުސާމް ބުނީ ފަލަސްތީނުގެ ހައްގުގައި މަސައްކަތްކުރާކަށް ކޮންމެހެން އަރަތްބަކަށް ނުވަތަ މުސްލިމަކަށް ވާން ނުޖެހޭ ކަމަށެވެ.
ނޫސްވެރިން އޭނާއާ ސުވާލު ކުރީ އޭނާ ފަލަސްތީނުގެ ދިދަ ބޭނުންކުރި ސަބަބާ ބެހޭގޮތުންނެވެ.
ނޫސްވެރިޔާ ކުރި ސުވާލަށް ޖަވާބު ދެމުން ހުސާމް ބުނީ ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައިވާ ހާލަތާ މެދު ދެރަނުވާނަމަ އެއީ އިންސާނިއްޔަތުކަން ކެނޑުން ކަމަށެވެ.
"ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރި މީހަކު ވިޔަސް، ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި ހިތުގައި ރިހުމެއް ނުއުފެދޭނަމަ، އެމީހެއްގެ ކިބައިން އިންސާނިއްޔަތުކަމުގެ ބައެއް ވަނީ އުނިވެފަ،" ހްސާމް ބުންޏެވެ.
އޭނާ ބުނީ އެ އިހްސާސް އޭނައަށް ކުރެވުނީ އިންސާނަކަށް ވީތީ ކަމަށެވެ. ފުޓްބޯޅައިގެ ޒަރީއާއިން ފަލަސްތީނުގެ ރައްޔިތުންނަށް ދިރިއުޅުމުގެ ފުރުސަތު ދިނުމަށް ގޮވާލަން ބޭނުންވާކަން ހާމަކުރި އެވެ.
"އަހަރެންގެ ފަރާތުން ފެނުނީ ހަމައެކަނި އިންސާނީ އިހުސާސެއް. އަރަތްބަކަށް، މުސްލިމަކަށް ނުވަތަ ކްރިސްޓިއާނަކަށް ވުމުގެ ކުރިން ވެސް އަހަންނަކީ އިންސާނަކީމު ފުޓްބޯޅައިގެ ބާރުގެ ބޭނުންކޮށްގެން އަހަރެން ބޭނުންވަނީ މެސެޖެއް ދޭން. އާދޭސްކޮށްފައި ބުނަން ފަލަސްތީނުގެ ރައްޔިތުންނަށް ދިރިއުޅުމުގެ ފުރުސަތު ދޭށޭ. ހުރިހާ ކުޅުންތެރިންނާއި ނޫސްވެރިން ވެސް މި މެސެޖު ފޯރުކޮށްދިނުމަށް އަހަރެން އެދެން،" ހުސާމް ބުންޏެވެ.
"މީހުން އިންސާނީ ހައްގުތަކާއި ޖަނަވާރުންގެ ހައްގުތަކާއި އިންސާފުގެ ވާހަކަ ދައްކާއިރު، ފަލަސްތީނުގެ އާންމު ރައްޔިތުންގެ ވާހަކަ ވެސް އަހަރެމެން ދައްކަން ޖެހޭނެ."
މިސްރުން ހޯދި މޮޅާ ގުޅިގެން ގާޒާގެ ރައްޔިތުން މިސްރުގެ ދިދަ ހިފައިގެން އުފާފާޅުކުރާ ވީޑިއޯތައް އަލް ޖަޒީރާއިން ވަނީ ދައްކާފަ އެވެ.
ވާހަކަ ނިންމާލަމުން ހުސާމް ބުނިގޮތުގައި ފަލަސްތީނުގެ ހާލަތާ މެދު ދުނިޔޭގެ ވެރިން އަޅާނުލައި ތިބުމަކީ މުޅި ދުނިޔެ ލަދުގަންނަންޖެހޭ ކަމެކެވެ.
"އަހަރެން ބުނަން ބޭނުންވަނީ މިއީ އަހަރެމެންނަށް ލިބޭ ލަދުވެތިކަމެކޭ. މިއީ ހަމައެކަނި އަރަބި ދުނިޔެއަށް އޮތް ލަދެއް ނޫން. މިއީ މުޅި ދުނިޔެއަށް ލަދުވެތިކަމެއް. އަދި ހާއްސަކޮށް އިންސާނުން ނިކަމެތިކޮށްލާފައިވާ ގޮތް ބަލަންތިބި ވެރިންނަށް ހުރި ބޮޑު ލަދެއް."