އިންގްލެންޑް ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަންދްރޮސް ޓައުންސެންޑް، ތައިލެންޑް ލީގު މެޗެއްގެ ހާފު ވަގުތު ފަރިތަކުރަނިކޮށް ދަނޑުގެ ވިނަގަނޑު ރޯލުކުރާ އުޅަނދަކާ މުޑިއަރައި، ސީރިއަސް އަނިޔާއެއް ނުވެ ކިރިޔާ ސަލާމަތްވެއްޖެ އެވެ.
ތައިލެންޑް ލީގުގެ ޕްރައުޗަޕް އަށް ކުޅޭ އުމުރުން 35 އަހަރުގެ ކުޅުންތެރިޔާ އަށް މިކަން ދިމާވީ ވޯމްއަޕުގެ ތެރެއިން ބޯޅަ ހޯދަން ފަހަތަށް ޖެހުނު ވަގުތު އެ އުޅަނދު އަންނަތަން ނުފެނި އޭގެ މައްޗަށް އެރިގެންނެވެ. އެ ވަގުތު އޭނާގެ ފައިމަތިން އެ އުޅަނދު ދިޔަ ނަމަވެސް، އުނަގަނޑާ ހަމައަށް ދިއުމުގެ ކުރިން ޑްރައިވަރު ވަނީ އުޅަނދު ހިފަހައްޓައިފަ އެވެ.
މި އެކްސިޑެންޓުގައި ޓައުންސެންޑަށް ސީރިއަސް ހާނިއްކައެއް ނުވެ އެވެ. އޭނާ ވަގުތުން ތެދުވެ ފަރިތަކުރުންތަކުގައި ބައިވެރިވި އެވެ. އަދި އޭނާގެ ޓީމު 3-0 އިން މޮޅުވި މެޗުގެ ފަހުކޮޅު ކުޅެން ވެސް ނުކުތެވެ.
ޓައުންސެންޑް ތައިލެންޑް ލީގަށް ބަދަލުވީ މިދިޔަ އަހަރު އެވެ. އޭގެ ކުރިން އޭނާ ވަނީ ޕްރިމިއާ ލީގުގެ ޓޮޓެންހަމް ހޮޓްސްޕާސް އާއި އެވަޓަން ފަދަ ކުލަބުތަކަށް ކުޅެފަ އެވެ. އަދި 2013 އިން 2016 އަށް އޭނާ ވަނީ އިނގިރޭސި ގައުމީ ޓީމަށް 13 މެޗު ކުޅެދީފަ އެވެ.