އިޓަލީން ގުޅައިފި ނަމަ ދާން ތައްޔާރު: ރަނިއޭރީ

ޕެރިސް (ފެބްރުއަރީ 21) – އިޓަލީ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަން ހުށަހަޅައިފި ނަމަ، ނޯންޓެސްގެ ރައީސްގެ ގާތަށް ގޮސް އޭނާ އެ ޓީމުގެ ކޯޗުގެ މަގާމުން ވީއްލައިދޭން އެދޭނެ ކަމަށް ކްލައުޑިއޯ ރަނިއޭރީ ބުނެފި އެވެ.


ހުސްވެފައިވާ އިޓަލީގެ ކޯޗުގެ މަގާމް ރަނިއޭރީ އަށް ހުށަހަޅާނެ ކަމަށް، ބައެއް ފަރާތްތަކުން ދެކެ އެވެ. ރަނިއޭރީ ބުނީ އިޓަލީގެ ކޮންމެ ކޯޗަކު ވެސް ގައުމީ ޓީމާ ހަވާލުވާން ބޭނުންވާނެ ކަމަށެވެ.

"ނޯންޓެސްއާ އެކު އަހަރެންގެ އެބައޮތް ދެ އަހަރުގެ ކޮންޓްރެކްޓެއް. އަނެއްކާ އަހަންނަށް އެއްވެސް މެސެޖެއް ނާދޭ. އެހެންވީމާ އެއްވެސް އެއްޗެއް ނެތް ބުނެވޭކަށް. އެކަމަކު އިޓަލީ ކޯޗުގެ މަގާމަށް އަހަންނާ ގުޅައިފި ނަމަ އަހަރެން ނޯންޓެސްގެ ރައީސް ގާތަށް ގޮސް އެދޭނަން މަގާމުން ވީއްލައިދޭން،" ރަނިއޭރީ ބުންޏެވެ.

އިޓަލީގެ ރޯމާ، ޔުވެންޓަސް އަދި އިންޓަ މިލާނަށް ކޯޗުކޮށްދީފައިވާ ރަނިއޭރީ އަށް ދުނިޔޭގެ ސަމާލުކަން ލިބުނީ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން 2016 ވަނަ އަހަރު އާދައިގެ ޓީމެއް ކަމަށްވާ ލެސްޓާ ސިޓީ އަށް ހޯދައިދިނުމުންނެވެ.

އިޓަލީގެ ކޯޗުގެ މަގާމަށް އަތުވެދާނެ ކަމަށް ބެލެވޭ އެހެން ކޯޗުންގެ ތެރޭގައި އޭސީ މިލާނުގެ ކުރީގެ ކޯޗު ކާލޯ އަންޗެލޮޓީ އާއި މެންޗެސްޓާ ސިޓީގެ ކުރީގެ ކޯޗު ރޮބާޓޯ މަންޗިނީ ހިމެނެ އެވެ. މިހާރު ހަވާލުވެ ހުރީ ވަގުތީ ކޯޗު ލުއިޖީ ޑިބިއާޖިއޯ އެވެ.