އަނިޔާގެ ސަބަބުން ނަޑާލަށް އެއް ވަނަ ގެއްލިއްޖެ

ޕެރިސް (ނޮވެމްބަރު 2) - މިހާރު ކުރިއަށްދާ ޕެރިސް މާސްޓާސް ޓެނިސް މުބާރާތުން އަނިޔާގެ ސަބަބުން ރަފައެލް ނަޑާލް ވަކިވާން ޖެހުމުން އޭނާ އަށް ދުނިޔޭގެ ރޭންކިންގެ އެއް ވަނަ ވެސް ގެއްލިއްޖެ އެވެ.


ފާއިތުވި އަހަރުތަކުގައި އަތަށް ލިބުނު އަނިޔާތަކުން ކުޅުމަށް އަސަރުކޮށް ނަޑާލްގެ ފޯމު ވަރަށް ބޮޑަށް ގެއްލުނެވެ. އެކަމަކު އަލުން ފޯމަކަށް އައިސް ކުރި މަސައްކަތުން ނަޑާލް ވަނީ މިދިޔަ އަހަރު އޮގަސްޓް މަހުގެ ތެރޭގައި ދުނިޔޭގެ ރޭންކިންގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ.

މިދިޔަ އަހަރު އެހާ ކާމިޔާބުކޮށް ދިޔަ ނަމަވެސް މި ފަހަރު ނަޑާލަށް ގިނަ މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ. އޭނާ ފާއިތުވި ދެ މަހެއްހާ ދުވަހު ކުޅުމާ ދުރު ހުންނަން ޖެހުނީ މިދިޔަ ސެޕްޓެމްބަރު މަހު ޔޫއެސް އޯޕަން ސެމީ ފައިނަލުގެ ތެރެއިން ކަކުލަށް ލިބުނު އަނިޔާގެ ސަބަބުންނެވެ. އެ އަނިޔާއިން ރިކަވާވެ މި ފަހަރުގެ ޕެރިސް މާސްޓާސް އަށް ތައްޔާރުވެގެން ހުއްޓަ ނަޑާލް މުބާރާތުން ވަކިވާން ޖެހުނީ ޑޮކްޓަރުގެ ލަފާގެ މަތިންނެވެ.

"އަހަރެން މީގެ ހަފްތާއެއް ކުރިން ހުރީ ރަނގަޅަށް. އެކަމަކު މިދިޔަ ހަފްތާ ތެރޭގައި ޕްރެކްޓިސް ކުރިއިރު ބަނޑުގައި ރިއްސަން ފެށީ. ދެން ޑޮކްޓަރަށް ދެއްކީމަ ޑޮކްޓަރު ލަފާދިނީ ކުޅުން އެންމެ ރަނގަޅެއް ނޫން ކަމަށް. މިއީ އަހަންނަށް ވަރަށް އުނދަގޫ އަހަރެއް. ދުރު މުސްތަގުބަލަކަށް ޓެނިސް ކުރިއަށް ގެންދަން ބޭނުންވާތީ އަބަދުވެސް މިހާރު ކުޅެނީ އެއްކޮށް ފިޓްވީމަ،" އުމުރުން 32 އަހަރުގެ ނަޑާލް ބުންޏެވެ.

އަނިޔާއިން ރަނގަޅު ވިޔަސް މި މަސް ތެރޭ ލަންޑަންގައި އޮންނަ އޭޓީޕީ ފައިނަލްސްގައި ކުޅުމާ މެދު ގޮތެއް ނިންމާނީ ވަރަށް ވިސްނާފައި ކަމަށް ނަޑާލް ވަނީ ބުނެފަ އެވެ.

އަންނަ ހޯމަ ދުވަހު އާންމުކުރާ ރޭންކިންގައި ނަޑާލް ފަހަތައް ޖައްސާލުމަށް ފަހު އެއް ވަނަ މަގާމަށް އަރާނީ ސާބިއާގެ ނޮވަކް ޖޮކޮވިޗް އެވެ. މި އަހަރުގެ ޖުލައި މަހު އޮތް ވިމްބަލްޑަން މުބާރާތަށް ދިޔައިރު ޖޮކޮވިޗް އޮތީ ދުނިޔޭގެ ގަދަ 20 އިން ބޭރުގަ އެވެ. އެކަމަކު ތަފާތު ދައްކައި ޖޮކޮވިޗް މި ވަނީ ދެ އަހަރަށް ފަހު އަލުން އެއް ވަނަ އަށް އަރައިފަ އެވެ.

ޖޮކޮވިޗަކީ ރަޝިއާގެ ކުރީގެ ކުޅުންތެރިޔާ މަރަތު ސަފިން އަށް ފަހު އެއް އަހަރުގެ ތެރޭގައި ގަދަ 20 އިން ބޭރުގައި އޮވެފައި ރޭންކިން އަށް އެންމެ ފަހުން އެރި ކުޅުންތެރިޔާ އެވެ. ޖޮކޮވިޗް ވަނީ ޕެރިސް މާސްޓާސްގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ.