އޮންރީ އަށް އެންމެ ފަހުން މޮޅެއް

ޕެރިސް (ނޮވެމްބަރު 25) - ފްރެންޗް ލީގުގައި ރޭ ކާއެން 1-0 އިން ބަލިކޮށް، ތިއަރީ އޮންރީ ހަވާލުވި ފަހުން މޮނާކޯ ފުރަތަމަ މޮޅު ހޯދައިފި އެވެ.


އޮންރީ މިދިޔަ މަހު 18 ވަނަ ދުވަހު މޮނާކޯއާ ހަވާލުވި ފަހުން ރޭގެ މެޗުގެ ކުރިން މޮނާކޯ ކުޅުނު ހަ މެޗުން ވެސް މޮޅެއް ނުލިބެ އެވެ. ރޭގެ މެޗުން ކާއެން އަތުން މޮޅެއް ލިބުމުން އެންމެ ބޮޑު ހަމަޖެހުމެއް ލިބޭނީ އޮންރީ އަށެވެ. އެކަމަކު އޮންރީ ބުނީ އޭނާ އެގޮތަށް ނުދެކޭ ކަމަށެވެ.

"އަހަރެން އެންމެ އުފާވަނީ ޓީމަށްޓަކައި މި މޮޅު ހޯދުނީމަ. މިއީ ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ލިބުން ހައްގު މޮޅެއް. އެ އަށް ފަހު އަހަންނަށް މީގެ އުފަލެއް އޮތީ،" ރޭގެ މެޗަށް ފަހު އޮންރީ ބުންޏެވެ.

އޭނާ ބުނީ ބޭނުންވާ ވަރުގެ ކުޅުމެއް ޓީމުގެ ފަރާތުން ފެނުމަށް ވުރެ މި ވަގުތަށް މުހިއްމީ ނަތީޖާ ނެރުން ކަމަށެވެ.

ރޭގެ މެޗުގައި މޮނާކޯ މޮޅުކޮށްދިން ލަނޑު ޖެހީ ކޮލަމްބިއާގެ ފޯވާޑް ރަޑަމެލް ފަލްކާއޯ އެވެ. ހިލޭ ޖެހުމަކުން ޖެހި މި ގޯލަކީ މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ފަލްކާއޯ ޖެހި ފުރަތަމަ ލަނޑެވެ.

މީގެ އެއް އަހަރު ކުރިން ލީގު ޗެމްޕިއަންކަން ހޯދި މޮނާކޯ މި ވަގުތު ލީގުގެ 19 ވަނައިގައި އޮތީ 14 މެޗުން 10 ޕޮއިންޓާ އެކު އެވެ. ލީގުގެ އެއް ވަނައިގައި އޮތް ޕީއެސްޖީ ވަނީ ރޭގެ މެޗުން ޓުލޫސް އަތުން 1-0 އިން މޮޅުވެފަ އެވެ. ސައްތަ އިން ސައްތަ ރެކޯޑަކާ އެކު އޮތް ޕީއެސްޖީ އެއް ވަނައިގައި އޮތީ 14 މެޗުން 42 ޕޮއިންޓާ އެކު އެވެ.

ގައުމީ ޓީމަށް ކުޅުނު މެޗުތަކުގައި ޕީއެސްޖީގެ ދެ ތަރިން ކަމަށްވާ ފްރާންސްގެ ކިލިއަން އެމްބާޕޭ އާއި ބްރެޒިލްގެ ނޭމާ އަށް އަނިޔާވުމުން ރޭގެ މެޗުގައި އެ ދެ ކުޅުންތެރިން ނުކުޅެ އެވެ. ރޭ ޕީއެސްޖީގެ އެޓޭކް ލީޑުކުރީ އުރުގުއޭގެ ފޯވާޑް އެޑިސަން ކަވާނީ އެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖެހީ ވެސް ކަވާނީ އެވެ.

ބުދަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗަށް އެމްބާޕޭ އާއި ނޭމާ ފިޓްވާނެ ކަމުގެ އުއްމީދު ބޮޑުކަމަށް ރޭގެ މެޗަށް ފަހު ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ވަނީ ބުނެފަ އެވެ.