ބާސެލޯނާ (ޖެނުއަރީ 23) – ވަރަށް ގިނަ ކްލަބްތަކަކުން ޝައުގުވެރިވާ، އަޔަކްސްގެ ނެދަލެންޑްސްގެ މިޑްފީލްޑަރު ފްރެންކީ ޑި ޔޮން ހޯދުމުގެ ރޭހުގައި ޕީއެސްޖީގެ މައްޗަށް ބާސެލޯނާ އިން ކުރި ހޯދައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ނެދަލެންޑްސްގެ ނޫސްތަކުން ރިޕޯޓްކޮށް އަދި ސްޕެއިނުގެ ނޫސްތަކުން ކަށަވަރުކޮށްދީފައިފާ ގޮތުގައި ބާސެލޯނާ އިން އޮތީ އޭނާގެ ސޮއި ހޯދުމަށް 90 މިލިއަން ޔޫރޯ ދޭން ތައްޔާރަށެވެ. ޕީއެސްޖީން ހުށަހެޅީ 75 މިލިއަން ޔޫރޯ ކަމަށްވެ އެވެ.

ޑި ޔޮން ހޯދުމަށް ކުރި މަސައްކަތަށް ޝުކުރު އަދާކޮށް، އަދި އޭނާ ބާސެލޯނާ އަށް ދާކަން ކަށަވަރުކޮށްދީ އޭނާގެ އޭޖެންޓް ޕީއެސްޖީ އާއި މެންޗެސްޓާ ސިޓީ އަށް މެސެޖް ވެސް ފޮނުވާފައިވާ ކަމަށްވެ އެވެ.

މީގެ އިތުރުން ބާސެލޯނާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ އާއި ކްލަބުގެ ސްޕޯޓިން ޑިރެކްޓަރު އެރިކް އަބިދާލް މިދިޔަ ބުރާސްފަތި ދުވަހު ޑި ޔޮންއާ ބައްދަލުކޮށްފައިވާ ކަމަށްވެ އެވެ.

އަޔަކްސް އަށް 64 މެޗު ކުޅެދީފައިވާ އުމުރުން 21 އަހަރުގެ ޑި ޔޮން ގެ އިތުރުން ޕީއެސްޖީގެ ފްރާންސް މިޑްފީލްޑަރު އެޑްރިއެން ރަބިއޯ ގެންނަން ވެސް ބާސެލޯނާ އިން އެއްބަސްވެފައިވާ ކަމަށްވެ އެވެ. ބާސެލޯނާގެ މެދުތެރެ މިދިޔަ އަހަރުތަކުގައި ބެލެހެއްޓި ޒަވީ ހެނާންޑެޒް އާއި އަންދްރެސް އިނިއެސްޓާ ކްލަބް ދޫކޮށްލާފައިވާއިރު އާ ކުޅުންތެރިންނަށް ބާސެލޯނާ އިން އައީ ބަލަމުންނެވެ. އެ ޓީމުން ބޮޑު އަގެއްގައި ގެނައި ބްރެޒިލް މިޑްފީލްޑަރު ފިލިއްޕެ ކުޓީނިއޯ އަށް ފޯމަކަށް ނޭޅެ އެވެ.