ރެއާލް މެޑްރިޑުން ކަސްޓިއްޔާގެ ކޯޗަކަށް ރައުލް ހަމަޖައްސައިފި

މެޑްރިޑް (ޖޫން 21) – ރެއާލް މެޑްރިޑުގެ ބީ ޓީމު ކަމަށްވާ ކަސްޓިއްޔާގެ ކޯޗަކަށް އެ ކްލަބުގެ ލެޖެންޑް ސްޕެއިނުގެ ރައުލް ގޮންޒާލޭސް ހަމަޖައްސައިފި އެވެ.


މެޑްރިޑުގެ ސީނިއާ ޓީމު ނެގުމަށް ފަހު ދެން އޮންނަ އެންމެ ބޮޑު ޓީމުގެ ކޯޗަކަށް ރައުލް ހަމަޖެއްސީ އެ ކްލަބުގެ އެކަޑަމީ އާއި 18 އަހަރުން ދަށުގެ ޓީމުގައި މަސައްކަތްކޮށް ތަޖުރިބާ ހޯދުމުންނެވެ.

މިދިޔަ ސީޒަނުގައި މެޑްރިޑުގެ ސީނިއާ ޓީމުގެ ކޯޗުކަމުން ހުލެން ލޮޕެޓީގް ވަކިކުރުމުން އެ މަގާމާ ރައުލް ހަވާލުވެދާނެ ކަމަށް ވާހަކަދެކެވުނެވެ. އެކަމަކު ލޮޕެޓީގުގެ ބަދަލުގައި އެ މަގާމަށް ގެނައީ އޭރު ކަސްޓިއްޔާގައި މަސައްކަތްކުރި ސަންޓިއާގޯ ސޮލާރީ އެވެ. އަދި ފަހުން ސޮލާރީ ދުރުކުރުމަށް ފަހު ގެނައި ޒައިނުއްދީން ޒިދާނަކީ ވެސް ކަސްޓިއްޔާ އިން ކޯޗިން ކެރިއަރު ފެށި ކޯޗެކެވެ.

އެހެންވެ ކަސްޓިއްޔާގެ ކޯޗުގެ މަގާމަށް ރައުލް، 41، ގެނެއުމާ އެކު ބެލެވެނީ އެ ކްލަބުން ދެން ސީނިއާ ޓީމަށް ގެންނަން ތައްޔާރުކުރާ ކޯޗަކީ އޭނާ ކަމެވެ. އަންނަ ސީޒަނުގައި އޭނާގެ ޒިންމާ އަކަށްވާނީ ސްޕެއިނުގެ ތިން ވަނަ ޑިވިޝަނުގައި ވާދަކުރާ ކަސްޓިއްޔާ އަށް ދެ ވަނަ ޑިވިޝަނުން ޖާގަ ހޯދައިދިނުމެވެ. މިދިޔަ ސީޒަނުގައި އެކަން ނުވީ ޕްލޭއޮފުގައި ބަލިވެގެންނެވެ.

މެޑްރިޑުގެ ޔޫތު ޓީމުން ތަމްރީންވެ ރައުލް ވަނީ ސީނިއާ ޓީމަށް 1994-2010 އަށް 741 މެޗު ކުޅެދީ 323 ގޯލް ޖަހައިދީފަ އެވެ. ރައުލް އަކީ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ފަހު މެޑްރިޑަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާ އެވެ. އޭނާ އެ ޓީމާ އެކު ސްޕެނިޝް ލީގު ހަ ފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގު ތިން ފަހަރު ކާމިޔާބުކުރި އެވެ. ސްޕެއިން ގައުމީ ޓީމަށް 102 މެޗު ކުޅެދީފައިވާ ރައުލް ކެރިއަރު ނިންމާލީ ޖަރުމަނުގެ ޝާލްކާ އާއި ގަތަރުގެ އައް ސާދު އަދި އެމެރިކާގެ ނިއު ޔޯކް ކޮސްމޯސް އަށް ކުޅެފަ އެވެ.