ވޯލްޑް ކަޕް ކޮލިފައިންގައި ދިވެހިރާއްޖެއާ އެއް ގްރޫޕެއްގައި ހިމެނޭ ޗައިނާ އެ މުބާރާތަށް ކޮލިފައިކުރުމަށްޓަކައި، އެ ގައުމުގެ ސިޓިޒެންޝިޕް ހޯދާ ވީހާ ވެސް ގިނަ ކުޅުންތެރިންނަށް ގައުމީ ޓީމުން ފުރުސަތު ދޭނެ ކަމުގެ އިޝާރާތެއް ކޯޗު މާސެލޯ ލިއްޕީ ދީފި އެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާގެ ފުރަތަމަ މެޗަކީ އަންނަ މަހުގެ 10 ވަނަ ދުވަހު ރާއްޖެއާ ދެކޮޅަށް މާލޭގައި ކުޅޭ މެޗެވެ. އެ މެޗަށް ލިއްޕީ އެކުލަވާލި ސްކޮޑުގައި، ބްރެޒިލަށް އުފަން ފޯވާޑް އެލްކެސަން އާއި އިނގިރޭސި ވިލާތަށް އުފަން މިޑްފީލްޑަރު ނިކޯ ޔެނާރިސް ވަނީ ހިމަނައިފަ އެވެ.
މީގެ ތެރެއިން އެލްކެސަން އަށް ފުރުސަތު ލިބުނީ ޗައިނާގައި ފަސް އަހަރު ދިރިއުޅެ އެ ގައުމުގެ ޕާސްޕޯޓް ލިބުމުންނެވެ. ޔެނާރީސްގެ މަންމަ އަކީ ޗައިނާ ދަރިކޮޅު ކަމަށްވީ ނަމަވެސް އޭނާގެ އަތުގައި އޮތީ އިނގިރޭސި ޕާސްޕޯޓެކެވެ. ޗައިނާ އިން ޑުއަލް ސިޓިޒެންޝިޕް ގަބޫލުނުކުރާތީ ޔެނާރީސް ވަނީ ޗައިނާގެ ފުރުސަތު ހޯދުމަށް އިނގިރޭސި ޕާސްޕޯޓް ދޫކޮށްލައިފަ އެވެ. އޭނާ ވަނީ ޖޫން މަހު ފިލިޕީންސާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއްގައި ކުޅެފަ އެވެ.
ޗައިނާ ދަރިކޮޅަކަށް ނިސްބަތްނުވާ ކުޅުންތެރިން އެ ގައުމުގެ ސިޓިޒެންޝިޕް ހޯދައިގެން ގައުމީ ޓީމަށް ކުޅުވުމާ ޗައިނާގެ ބައެއް މީހުން ދެކޮޅެވެ. އެކަމަކު އެ ފުރުސަތު އިތުރު ކުޅުންތެރިންތަކަށް ދިނުމުގެ ފުރުސަތު އެބޮއޮތެވެ. އެގޮތުން މިހާރު ވެސް ޗައިނާގެ ސިޓިޒެންޝިޕް ގާނޫނީ ގޮތުން ހޯދަން ނުވަ ކުޅުންތެރިޔަކު ލިސްޓުގައި އެބައޮތް ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެ ފުރުސަތު ބޮޑު އެއް ކުޅުންތެރިޔަކީ ބްރެޒިލަށް އުފަން ފޯވާޑް އަލޮއިސިއޯ އަށެވެ. އުމުރުން 31 އަހަރުގެ ކުޅުންތެރިޔާ އަންނަނީ 2014 އިން ފެށިގެން ޗައިނާގައި ކުޅެމުންނެވެ.
އެކަމަކު މި ވަގުތު ޗައިނާގެ ދެ ވަނަ ޑިވިޝަނުގެ ގުއަންޑޮން ސަދަން ޓައިގާސް އަށް ކުޅެމުން އަންނަ ކުޅުންތެރިޔާގެ ފެންވަރާ މެދު ބައެއް އާއްމުން ސުވާލު އުފައްދާ ކަމަށްވެ އެވެ. އޭނާ 18 މެޗުން ނުވަ ގޯލް ޖަހާފައިވާއިރު އެ ޑިވިޝަނުގައި ކުޅެމުން އަންނަ ގައުމީ ޓީމުގެ ކުރީގެ ފޯވާޑް ޓަން ލޯންގް ވަނީ މި ސީޒަނުގައި 13 ގޯލް ޖަހައިފަ އެވެ. އެކަމަކު އަލޮއިސިއޯ ވަނީ ޗައިނީސް ސުޕަ ލީގުގައި 2015 ގައި 22 ގޯލް ޖަހައި ޓޮޕްސްކޯރާކަން ހޯދައިފަ އެވެ. އެހެންވެ މަތީ ފެންވަރުގައި އޭނާގެ ފެންވަރު ސާބިތުކޮށްދީފައިވާ ފުރުސަތު ލިބުން ގާތެވެ.
ޗައިނާ އަށް އުފަން ނޫން ކުޅުންތެރިންނަށް ގައުމީ ޓީމުން ފުރުސަތު ދިނުމުގެ ސަގާފަތެއް ލިއްޕީ އާލާކުރީ އެ ގައުމުގައި ފޯވާޑުންގެ ދަތިކަން ބޮޑުވުމުންނެވެ. މި އަހަރުގެ ޖެނުއަރީ މަހު އޭޝިއަން ކަޕުގެ ކުއާޓާ ފައިނަލުން އީރާން އަތުން ބަލިވެ ޗައިނާ ކެޓުމުން އިސްތިއުފާ ދިން ލިއްޕީ އޭރު ވެސް ކުރި ޝަކުވާ އަކީ އެޓޭކިން ކުޅުންތެރިން މަދުވުމެވެ. އޭނާގެ ކޯޗުކަމުގައި އިޓަލީން 2006 ގެ ވޯލްޑް ކަޕް ކާމިޔާބުކުރިއިރު ކެޕްޓަންކަން ކުރި ފަބިއޯ ކަނަވާރޯ އަލުން ހަވާލުވެ ވެސް ރަނގަޅު ނަތީޖާއެއް ނުނެރެވުމުން ލިއްޕީ އަލުން ހަވާލުވީ އެވެ.
ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމުގެ ފުޓްބޯޅައިގެ މިވަގުތުގެ އެންމެ ބޮޑު ޓާގެޓަކީ ވޯލްޑް ކަޕަށް ކޮލިފައިވުމެވެ. ވޯލްޑް ކަޕަށް މިހާތަނަށް އެންމެ ފަހަރަކު ކޮލިފައިވި ޗައިނާ އިން ދުނިޔޭގެ ފުޓްބޯޅައިގައި ބާރަކަށް ވުމަށް މަސައްކަތްކުރަމުން އައި ނަމަވެސް، ހުނަރަށް ބަލާއިރު އަދިވެސް އޭޝިއާގެ ވަރުގަދަ ބާރުތަކާ އެއްހަމައެއް ނޫނެނެވެ. އެކަމަކު މާލީ ގޮތުން ބަލާއިރު ޗައިނާ ލީގު އަންނަނީ ދުނިޔޭގެ ސަމާލުކަން ހޯދަމުންނެވެ. އެގޮތުން ޔޫރަޕުގެ މަޝްހޫރު ބައެއް ކުޅުންތެރިން ބޮޑު އަގުގައި ގަނެފައިވެ އެވެ.
އެ ޓީމު މިހާތަނަށް ކޮލިފައިވި ހަމައެކަނި ވޯލްޑް ކަޕް ކަމަށްވާ 2002 ގެ މުބާރާތަށް ކޮލިފައިވީ ވެސް ރާއްޖެއާ އެއް ގްރޫޕެއްގައި ހިމެނިގެންނެވެ. . ޒިއާންގެ ގަދަފިނީގައި ކުޅެ ޗައިނާ އިން ރާއްޖެ އަތުން 10-1 އިން މޮޅުވި ނަމަވެސް މާލޭގައި މޮޅުވެވުނީ 1-0 އިންނެވެ. ރާއްޖެއާ ދެކޮޅަށް ކުޅެން ތައްޔާރުވުމަށް ޗައިނާ އިން ހުކުރު ދުވަހު މިޔަންމާއާ ދެކޮޅަށް އެކުވެރިކަމުގެ މެޗަކަށް ނުކުންނާނެ އެވެ.
އެ ދެ މެޗަށް ތައްޔާރުވާން ޓީމު ކޭމްޕްކޮށްފައިވާއިރު އެލްކެސަންއާ އެކު ފޯވާޑް ލައިން ބަލަހައްޓާނެ ކުޅުންތެރިޔާ ކަމަށްވާ ސްޕެއިނުގެ އެސްޕަންޔޯލުގެ ވޫ ލެއި އަދި ޓީމާ ނުގުޅެ އެވެ. އޭނާ ވަނީ ސްޕެނިޝް ލީގުގައި މި ހަފުތާގައި އެސްޕަންޔޯލާއި އަލަވެސް 0-0 އިން އެއްވަރުވި މެޗުގައި ބަދަލު ކުޅުންތެރިޔަކަށް އަރައިފަ އެވެ. އޭނާ ޗައިނާ ސްކޮޑާ ގުޅޭނީ ޔުރޮޕާ ލީގުގައި ޒޯރްޔާ ލުހަންސްކާ ދެކޮޅަށާއި ސްޕެނިޝް ލީގުގައި ގްރަނަޑާއާ ދެކޮޅަށް މި ހަފުތާގައި ކުޅޭ މެޗުތަކަށް ފަހު އެވެ.
ލިއްޕީ ބުނީ ވޫ ލެއިގެ ފިޒިކަލް ކަންޑިޝަނާ މެދު އެއްވެސް ހާސްކަމެއް ނެތް ކަމަށާއި އަންނަ މަހުގެ 3 ވަނަ ދުވަހު އޭނާ ޗައިނާގެ ކޭމްޕާ ގުޅޭނެ ކަމަށެވެ.
މި ވަގުތު އަހަރެމެން ތައްޔާރުވަމުން އަންނަނީ (މިޔަންމާ އާ ދެކޮޅަށް ކުޅޭ)ޝ ވޯމްއަޕް މެޗަށް އަދި ޓެކްޓިކްސް އާއި ބުންވަރަށް ފޯކަސްކުރަން. އެއަށް ފަހު ސެޕްޓެމްބަރު 2 އިން 10 އަށް އަހަރެމެން ތައްޔާރުވާނީ ކޮލިފައިން (ރާއްޖެ) މެޗަށް،"