މެސީއާ މައްސަލަ ޖެހުނަސް އަބިދާލް މަގާމުގައި ދެމިހުންނާނެ

ބާސެލޯނާ (ފެބްރުއަރީ 6) – ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީގެ ނުރުހުން އަމާޒުވި ނަމަވެސް އެ ކްލަބުގެ ސްޕޯޓިން ޑިރެކްޓަރު އެރިކް އަބިދާލް މަގާމުގައި ދެމި ހުންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


މެސީއާ އެކު ކުރިން ބާސެލޯނާ އަށް ކުޅުނު އަބިދާލާ މެދު މެސީ ހިތްހަމަނުޖެހުނީ އެ ޓީމުގެ ކުރީގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ މަގާމުން ވަކިކުރުމުގައި ކުޅުންތެރިންގެ ޒިންމާ ވެސް އެބައޮތް ކަމަށާއި ބައެއް ކުޅުންތެރިން ވަލްވޭޑޭގެ ކޯޗުކަމުގައި އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށް ބުނެ އަބިދާލް އިންޓަވިއުއެއް ދިނުމުންނެވެ.

މެސީގެ މައްސަލައަކީ ކުޅުންތެރިންގެ ބޮލުގައި އިލްޒާމެއް އެޅުވިއިރު އެއީ ކުޅުންތެރިންތަކެއްކަން އަބިދާލް ނުބުނުމެވެ. މެސީ ދެކޭ ގޮތުގައި ޖުމްލަކޮށް ކުޅުންތެރިންގެ ވާހަކަ އަބިދާލް ބުނުމުން ހުރިހާ ކުޅުންތެރިންގެ ބޮލުގައި އެކަން އެޅެ އެވެ.

ބާސެލޯނާ އިން އިއްޔެ ވަނީ މިކަމާ ބެހޭގޮތުން މަޝްވަރާކުރަން އަބިދާލާ އެކު ބައްދަލުވުމެއް ބާއްވައިފަ އެވެ. އަދި ދެ ގަޑިއިރުގެ އެ ބައްދަލުވުމަށް ފަހު ނިމުނީ އަބިދާލް މަގާމުގައި ދެމި ހުންނަން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މިކަމާ ބެހޭގޮތުން ސުވާލުކުރުމުން ބާސެލޯނާގެ އާ ކޯޗު ކުއިކީ ސެޓިއެން ވަނީ މެސީގެ ވިޔަސް އަދި އެހެން މީހެއްގެ ވިޔަސް، ވާހަކަތަކެއް ދައްކަން ބޭނުންނުވާ ކަމަށް ބުނެފަ އެވެ.

"އަހަރެން ޝައުގުވެރިވަނީ ފުޓްބޯޅަ އަށް،" ސެޓިއެން ބުންޏެވެ.

ސެޓިއެން ބުނީ އަބިދާލާ މެދު މައްސަލަތަކެއް އުފެދުނަސް މެސީގެ ފަރާތުން ބަދަލެއް ނުފެންނަ ކަމަށާއި ފެންނަނީ އޭނާ ހިނިތުންވެފައި ހުންނަ މަންޒަރު ކަމަށެވެ. އަދި ހުރިހާ ސަމާލުކަމެއް އޮތީ ސްޕެނިޝް ކަޕުގެ ކުއާޓާ ފައިނަލުގައި މިރޭ އެތުލެޓިކް ކްލަބާ ދެކޮޅަށް ކުޅޭ މެޗަށް ކަމަށް ސެޓިއެން ބުންޏެވެ.