އަޔަކްސްގެ ސްޕޯޓިން ޑިރެކްޓަރު މާކް އޯވަމާސް.-- ފޮޓޯ: އޭއެފްޕީ
03 އެޕްރީލް 2020 - 11:01
އަމްސްޓަޑަމް (އޭޕްރީލް 3) - ކޮރޯނާވައިރަސް ފެތުރޭތީ ހުއްޓާލާފައިވާ ފުޓްބޯޅަ ސީޒަން ކުރިއަށްގެންދަން މަސައްކަތްކުރާއިރު އަމަލުކުރަންޖެހޭނީ ރަނގަޅު އުސޫލުގެ ތެރެއިން ކަމަށާއި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަމަލުކުރައްވާ ގޮތަށް އަމަލުނުކުރަން އަޔަކްސްގެ ސްޕޯޓިން ޑިރެކްޓަރު މާކް އޯވަމާސް އެދިއްޖެ އެވެ.
ޔޫރަޕްގެ ފުޓްބޯޅަ އިދާރާ ޔުއެފާއާ އެކު ގައުމުތަކުގެ ފުޓްބޯޅަ އެސޯސިއޭޝަންތަކުން ބޭއްވި ވީޑިއޯ ކޮންފަރެންސް އަށް ފަހު ނެދަލެންޑްސްގެ އެފްއޭ އިން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ މަޝްވަރާކުރެވުނު ޝެޑިއުލާ އެއްގޮތަށް ލަސްވެގެން ފުޓްބޯޅަ ސީޒަން ޖޫން މަހުގެ މެދު ތެރޭގައި ފަށައި އޮގަސްޓް ތިން ވަނަ ދުވަހުގެ ކުރިން ނިންމާލުމަށެވެ. މި ބައްދަލުވުމުގައި ޔުއެފާ އިން ވަނީ ސީޒަން އެއްކޮށް ނިންމަން ވަރަށް ބޮޑަށް ބާރުއަޅައިފަ އެވެ.
މިކަމާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހި، ކުރިން އާސެނަލާއި ބާސެލޯނާ އަށް ކުޅުނު އޯވަމާސް ވަނީ ޔުއެފާ އާއި ނެދަލެންޑްސް އެފްއޭ އަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އޯވަމާސް ބުނީ މީހުންގެ ސިއްހަތަށް ވުރެ މުހިއްމު އެއްވެސް ކަމެއް އޮވެގެން ނުވާނެ ކަމަށެވެ.
"އަހަންނަށް ހީވަނީ ޔުއެފާގެ ޕްރެޝަރާ ހެދި ގައުމުތަކަށް މަޖުބޫރުވެފައި މި އޮތީ ލީގު ފުރިހަމަކުރަން. އަހަންނަށް ނެދަލެންޑްސް އެފްއޭ އާއި ޔުއެފާގެ މި އަމަލުތަށް ފެންނަނީ މީގެ ހަފްތާއެއްހާ ދުވަސްކުރިން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އުޅުއްވިހެން. އޭރު ޓްރަމްޕަށް ވެސް މުހިއްމުވީ ކޮރޯނާވައިރަސްއާ ގުޅިގެން މީހުންގެ ސަލާމަތަށް ވުރެން އެމެރިކާގެ އިގްތިސޯދު. މިހެން ވެގެން ނުވާނެ،" އޯވަމާސް ބުންޏެވެ.
ޔުއެފާ އިން ކޮންމެ ގޮތަކަށް އެންގި ކަމުގައި ވިޔަސް ނެދަލެންޑްސް އެފްއޭ އިން މިނިވަން ބައެއްގެ ގޮތުގައި ތިބެ ނަމަވެސް ހުރިހާ ފަރާތަކަށް އެންމެ ރަނގަޅު އަދި އިންސާފުވެރިގޮތަށް ކަންތައްތައް ނިންމަން އޯވަމާސް ގޮވާލި އެވެ.
"އަހަރެމެން މި ތިބީ ނެދަލެންޑްސްގައި. އަހަންނަށް އެނގޭ. އަހަރެމެންނަކީ ޓީވީ ރައިޓްސް ވިއްކައިގެން ލިބޭ އާމްދަނީ އަށް އެހާ ބޮޑަށް ބަރޯސާވެގެން ކްލަބްތައް ހިންގާ ބައެއް ނޫން. މިނިވަންކޮށް ތިބެ ވެސް ނެދަލެންޑްސް އެފްއޭ އިން ރަނގަޅު ނިންމުމެއް ނިންމަން ޖެހޭ. ފެންނަން އޮތް ހަގީގަތަކީ ކޮރޯނާވައިރަސް ޖެހިގެން ކޮންމެ ދުވަހަކު ވެސް ނެދަލެންޑްސްގެ 100 އަށް ވުރެން ގިނަ މީހުން މަރުވަމުންދާކަން،" ނެދަލެންޑްސް ގައުމީ ޓީމަށް ކުރިން ކުޅުނު އޯވަމާސް ބުންޏެވެ.
އޯވަމާސް ވަނީ މި ފަހަރުގެ ފުޓްބޯޅަ ސީޒަން އިތުރަށް ކުރިއަށް ނުގެންދިއުމަށް ނުސީދާ ގޮތަކަށް ގޮވާލައިފަ އެވެ.
ކޮވިޑް-19 އަށް މިހާތަނަށް ނެދަލެންޑްސްގެ 14،700 މީހުން ޕޮޒިޓިވްފައިވާއިރު، 1340 މީހުން ވަނީ މަރުވެފަ އެވެ. އަދި 250 މީހުން ވަނީ މި ބަލިން ރަނގަޅުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy