ޕޮޗެޓީނޯގެ ހިތްއޮތީ ޓޮޓެންހަމްގައި

ލަންޑަން (މޭ 2) – ޓޮޓެންހަމް ހޮޓްސްޕާސްގައި އޭނާ ފެށި މަސައްކަތް ނިންމަން އެނބުރި ޕްރިމިއާ ލީގަށް ކޮންމެވެސް ދުވަހަކުން ދާން ބޭނުންވާ ކަމަށް އެ ޓީމުގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.


އެ ޓީމަށް ފަސް އަހަރު ކޯޗުކޮށްދިން ޕޮޗެޓީނޯ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މަގާމުން ވަކިކުރީ ނަތީޖާ ދަށްވުމުންނެވެ. ތަށްޓެއް ހޯދިފައިނުވީ ނަމަވެސް ޕޮޗެޓީނޯ ވަނީ ޓޮޓެންހަމްގައި ވަރުގަދަ ޓީމެއް ބިނާކޮށް، އެ ޓީމު ގޮވައިގެން ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކޮށް އަދި ޕްރިމިއާ ލީގު ކާމިޔާބުކުރުމާ ގާތަށް ވެސް ގޮސްފަ އެވެ. އެއާ އެކު އޭނާ އަށް މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑް ފަދަ ޓީމުތަކުން ޝައުގުވެރިކަން ފާޅުކުރި އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި، ސައުދީ އަރަބިއާގެ މަހުޖަނުންތަކެއް ޕްރިމިއާ ލީގުގެ ނިއުކާސަލް ޔުނައިޓެޑް ގަންނަން ކުރާ މަސައްކަތް ކާމިޔާބުވެއްޖެ ނަމަ ކޯޗަކަށް ގެންނާނީ ޕޮޗެޓީނޯ ކަމަށެވެ. އެކަމަކު އާޖެންޓީނާ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރުގެ ހިތް އަދިވެސް އޮތީ ޓޮޓެންހަމްގަ އެވެ. ބީ.ޓީ ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ޕޮޗެޓީނޯ ބުނީ ޓޮޓެންހަމްގެ ދަތުރަކީ އެއްވެސް މީހަކު ނިމެން ބޭނުންނުވާނެ ގޮތަކަށް ނިމިގެން ދިޔަ އުފާވެރި ދަތުރެއް ކަމަށެވެ.

"އެ ކްލަބް އަހަރެން ދޫކޮށްލި ދުވަހުން ފެށިގެން އަހަރެންގެ ހުވަފެނަކީ ކޮންމެވެސް ދުވަހަކުން އެނބުރި ގޮސް، އަހަރެމެންނަށް ނުނިންމުނު މަސައްކަތް ނިންމޭތޯ މަސައްކަތްކުރުން،" ޕޮޗެޓީނޯ ބުންޏެވެ. 'އަހަރެމެން އޮތީ ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމާ ވަރަށް ކައިރީގައި."

ޕޮޗެޓީނޯ ބުނީ އޭނާ ދެން އަދާކުރާނެ ވަޒީފާއެއް އަދާކުރަން ވެސް ހުރީ ތައްޔާރުގައި ކަމަށާއި އެކަމަކު އަދިވެސް ޓޮޓެންހަމް އަށް އޭނާގެ ހިތް އެދި ގޮވާކަމުގެ އިހުސާސްކުރެވޭ ކަމަށެވެ.

"އަހަރެންގެ ހިތުގެ އަޑިން ބޭނުންވަނީ އެނބުރި ދާން އެއީ އެ ޓީމުގެ ސަޕޯޓަރުންނަކީ އެހާމެ ހާއްސަ ބަޔަކަށްވާތީވެ. ފަހަރުގައި ފަސް އަހަރުގެ ތެރޭގައި، ފަހަރުގައި 10 އަހަރުގެ ތެރޭގައި. އެކަމަކު އަހަރެން މަރުވުމުގެ ކުރިން ބޭނުން ޓޮޓެންހަމް އަށް (އަދި) ކޯޗުކޮށްދޭން،" ޕޮޗެޓީނޯ ބުންޏެވެ.

"އަހަރެން ބޭނުން ޓޮޓެންހަމްއާ އެކު ތަށްޓެއް އުފުލާލުމަކީ ކޮން ކަހަލަ ކަމެއްކަން އިހުސާސްކުރަން، ސަބަބަކީ އެ ޓީމުގެ ސަޕޯޓަރުންނަކީ އާދަޔަހިލާފު ބަޔަކަށްވުން. އަހަރެމެންނަށް ލިބުނު ލޯބި އެއީ އާދަޔާހިލާފު ލޯތްބެއް. އެހެންވެ އެއީ (ތަށްޓެއް ހޯދުމަކީ) ފުރަތަމަ ދުވަހުން ފެށިގެން އަހަރެމެންނަށް ސަޕޯޓަރުން ދިން ލޯބީގެ ބަދަލު ދޭން ރަނގަޅު ފުރުސަތަކަށް ވާނެ."

ޕޮޗެޓީނޯގެ ބަދަލުގައި ޓޮޓެންހަމްއާ ހަވާލުވި ހޯސޭ މޮރީނިއޯގެ އާ އެކު އެ ޓީމަށް މާ އެދެވޭ ނަތީޖާއެއް ނުނެރެވެ އެވެ. ކޮވިޑް-19 ފެތުރޭތީ މާޗު މަހު ލީގު މެދުކަނޑާލިއިރު ޓޮޓެންހަމް އޮތީ އަށް ވަނައިގަ އެވެ. ޓޮޓެންހަމް ބޭނުންވާ މިސްރާބަށް ގެންދަން މޮރީނިއޯ އަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އަކީ ކުއްލިއަކަށް ޓީމުގެ ކުޅުމުގެ ވައްޓަފާޅި ބަދަލުކޮށްލައިގެން ކުޅެން އުޅުމުގެ ސަބަބުން ޓީމުގެ ކުޅުންތެރިންނަށް ދިމާވި އަނިޔާގެ މައްސަލަތަކެވެ.