ސްޕެއިން ފުޓްބޯޅަ އިންތިހާބުން ކަސިޔަސް ވަކިވެއްޖެ

މެޑްރިޑް (ޖޫން 16) – ސްޕެއިން ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ކުރިމަތިލާފައިވާ، ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރު އިކާ ކަސިޔަސް އޭނާގެ ކެންޑިޑެސީ އަނބުރާ ގެނެސްފި އެވެ.


އެހެންވެ، އޮގަސްޓް މަހު އޮންނަ އިންތިހާބުގައި މިހާރުގެ ރައީސް ލުއިސް ރުބިއާލްސް ވާދަކުރައްވާނީ، ގިނިކަންޏާ އެވެ. އަދި އޭނާ އަލުން އިންތިބާހުވުމުގެ ފުރުސަތު ވަނީ ބޮޑުވެފަ އެވެ.

ސްޕެއިނުން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރިއިރު ކެޕްޓަންކަން ކުރި ކަސިޔަސް ބުނީ ނަން އަނބުރާ ގެންނަން ނިންމީ، މިހާރު ކުރިމަތިވެފައިވާ ކޮވިޑުގެ ވަބާގެ ސަބަބުން ގައުމު މިވަގުތު އެއްބައިވަންތަކަމަށް ބޭނުންވެފައިވާތީ ކަމަށެވެ.

ސްޕެއިނާ އެކު 2008 އާއި 2012 ގެ ޔޫރޯ ވެސް ކާމިޔާބުކުރި ކަސިޔަސް ބުނީ ކޮވިޑުގެ ސަބަބުން ގައުމު ތަޖުރިބާކުރަމުންދާ އިޖްތިމާއީ، އިގްތިސާދީ އަދި ސިއްހީ ހާލަތުގެ ސަބަބުން، ފަހަތަށް ޖެހުނީ ކަމަށާއި މިއީ ބައިބައިވުމުގެ ވަގުތެއް ނޫން ކަމަށް ދެކޭ ކަމަށެވެ. އަދި ކަސިޔަސް ވަނީ ކުރިމަގުގައި ވާދަކޮށްފާނެ ކަމުގެ އިޝާރާތެއް ވެސް ދީފަ އެވެ.

ރެއާލް މެޑްރިޑާ އެކު ސްޕެނިޝް ލީގު ފަސް ފަހަރު އަދި ޗެމްޕިއަންސް ލީގު ތިން ފަހަރު ކާމިޔާބުކުރި ކަސިޔަސް އެ ޓީމުން ޖާގަ ގެއްލުމުން 2015 ވަނަ އަހަރު ޕޯޗުގަލްގެ ޕޯޓޯ އަށް ބަދަލުވި އެވެ. މި ވަގުތު ކުޅުމާ ދުރުގައި ހުރީ މިދިޔަ އަހަރުގެ މޭ މަހު ހާޓްއެޓޭކެއް ޖެހުމުން، ކުޅުމާ ދުރަށް ދިޔަ ގޮތަށެވެ. އޭނާ ރަސްމީކޮށް ކުޅުން ހުއްޓާލިކަމެއް އިއުލާނެއް ނުކުރެ އެވެ. ޕޯޓޯ އިން ވަނީ އެ ކްލަބުގެ ކޯޗިން ޓީމުން ކަސިޔަސް އަށް ފުރުސަތު ދީފަ އެވެ.