އިނގިރޭސި ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން: ޗައިނާ އާއި ޕްރިމިއާ ލީގުގެ ޓީވީ ޑީލް މެދުކެނޑުމުން ކްލަބްތަކަށް ގެއްލުންވާނެ.
05 ސެޕްޓެމްބަރ 2020 - 11:19
ލަންޑަން (ސެޕްޓެމްބަރު 5) - އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތައް ޗައިނާގައި ސްޓްރީމް ކުރަން ޕީޕީޓީވީއާ އެކު ހެދި އެއްބަސްވުން ކުއްލި ގޮތަކަށް އުވާލަން ނިންމުމާ އެކު އޭގެ ގެއްލުން މާލީ ގޮތުން ލީގުގެ ކްލަބްތަކަށްވާނެ ކަމަށް އިނގިރޭސި ފުޓްބޯޅައިގެ ތަޖުރިބާކާރަކު ބުނެފި އެވެ.
ޕްރިމިއާ ލީގުން މީގެ ކުރިން އޮތީ 700 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ޕީޕީޓީވީއާ އެކު ސޮއިކޮށްފަ އެވެ. އެއީ 2019 އިން 2022 އަށް ކޮންމެ ސީޒަނެއްގެ 380 މެޗު ދެއްކުމަށެވެ. އެ ޑީލު އެއްބަސްވިތާ ފުރަތަމަ ސީޒަނުގައި ކޮވިޑް-19ގެ ސަބަބުން ތިން މަސް ދުވަހަށް ޕްރިމިއާ ލީގުގެ މެޗެއް ނުކުޅެ ހުންނަން ޖެހުމުން އެ މުއްދަތަށް ކެނޑުމަށް ފަހު ފައިސާ ދޭން ޕީޕީޓީވީ އިން ބޭނުންވި އެވެ. އެކަމަކު ޕްރިމިއާ ލީގުން އެގޮތަށް އެއްބަހެއްނުވި އެވެ. އަދި މާޗް މަހުގެ ކުރިން ޕީޕީޓީވީ އިން ދޭން ޖެހޭ 160 މިލިއަން ޕައުންޑް (212 މިލިއަން ޑޮލަރު) ދޭން ދެކޮޅު ހަދާތީ ދިގު މަޝްވަރާތަކަކަށް ފަހު މިދިޔަ ބުރާސްފަތި ދުވަހު ދެ ފަރާތުން ނިންމީ މި އެއްބަސްވުން އުވާލާށެވެ.
އިނގިރޭސި ފުޓްބޯޅަ ތަޖުރިބާކާރުންގެ ނަޒަރުގައި މި ޑީލް ހުއްޓުމުން ޕްރިމިއާ ލީގުގެ ކޮންމެ ކްލަބަކަށް އަހަރަކު މަދުވެގެން 15-45 މިލިއަން ޑޮލަރުގެ ގެއްލުމެއްވާނެ އެވެ. އެންމެ ބޮޑަށް ގެއްލުންވާނީ ޗައިނާގައި ބޮޑު ސަޕޯޓަރުންގެ ގްރޫޕް އޮންނަ ކްލަބްތަކަށެވެ.
އަނެއްކޮޅުން އާބާދީ އާއި ވިޔަފާރީގެ ނިސްބަތުން ދުނިޔޭގެ އެންމެ އުހުގައި އުޅޭ އެއް ގައުމު ކަމަށްވާ ޗައިނާގައި އެންމެ ގިނައިން ބަލާ ލީގަކީ ޕްރިމިއާ ލީގެވެ. އޭގެއާ އެންމެ ކައިރި ކުރާ މުބާރާތަކީ އެންބީއޭ (ބާސްކެޓްބޯޅަ) މުބާރާތްތަކެވެ. އެހެންކަމުން ޕްރިމިއާ ލީގަށް އެ ވަރުގެ މާކެޓެއް ގެއްލުމުގެ އަސަރު ބޮޑުވާނެ ކަމަށް ފުޓްބޯޅައިގެ މާލީ ތަޖުރިބާކާރުން ވެސް ބުނެ އެވެ.
ރިޕޯޓްތައް ބުނާގޮތުން ޕީޕީޓީވީ އާއި ޕްރިމިއާ ލީގުގެ މި ވަކިވުމުގެ ފަހަތުގައި ސިޔާސީ ސަބަބުތަކެއް ވެސް އެބަހުއްޓުވެ. ޗައިނާ އާއި އިނގިރޭސިންގެ މެދުގައި ދެބަސްވުން އުފެދުނު ކަންތައްތަކުގެ ތެރޭގައި ޗައިނާ އާއި ހޮންކޮންގެ މެދުގައި ހިޔާލުތަފާތުވުންތަކެއް ހިނގި ދުވަސްވަރުގައި އިންގްލެންޑުން ހޮންކޮންގެ ގިނަ ބަޔަކަށް ރަށްވެހިކަން ދޭން ނިންމުމާއި އިނގިރޭސި ސަރުކާރުން ޗައިނާގެ ވާވޭ ބްރޭންޑާ ދެކޮޅަށް އަޅަން ފެށި ފިޔަވަޅުތަން ހިމެނެ އެވެ. އަދި އޭގެ އިތުރުން ޗައިނާ އިން އުއިގޫރް މުސްލިމުންނާ މެދު އަނިޔާވެރިވާ ކަމަށް ބުނެ އާސެނަލްގެ ޖަރުމަން މިޑްފީލްޑަރު މެސުތު އޮޒިލް ހިޔާލުފާޅުކުރުމާ ގުޅިގެން އާސެނަލާއި މެންޗެސްޓާ ސިޓީ ކުޅުނު މެޗެއް ޓީވީތަކުން ނުދެއްކުން ވެސް އެއީ ޕްރިމިއާ ލީގުގެ ޑީލު ހުއްޓެން މެދުވެރިވި ސަބަބުތަކުގެ ތެރެއިން ކަމެކެވެ.
ޕީޕީޓީވީ އަކީ ޗައިނާގެ ސަނިން ހޯލްޑިން ގްރޫޕުން ހިންގާ މީޑިއާ ޗެނަލެކެވެ. އިޓަލީގެ އިންޓަ މިލާން ހިންގަނީ ސަނިން ހޯލްޑިން ގްރޫޕުންނެވެ. ރިޕޯޓްތައް ބުނާގޮތުން ސަނިން އިން އަންނަނީ ކުރިއަށް އޮތް ސީޒަނުގައި ޕީޕީޓީވީ މެދުވެރިކޮށް ޗައިނާގައި އިޓާލިއަން ލީގުގެ މެޗުތައް ދެއްކުން އިތުރުކުރަން މަސައްކަތްކުރަމުންނެވެ. ޕްރިމިއާ ލީގު ފެށެން ހަފްތާ އަކަށް ވެފައި އޮތްއިރު އާ ސީޒަނުގެ މެޗުތައް ނުފެނުމުގެ ފުރުސަތު ބޮޑުވަމުންދިއުމާ އެކު ޗައިނާގެ ފުޓްބޯޅަ ސަޕޯޓަރުން އަންނަނީ ވީ އެންމެ އަވަހަކަށް ޑީލެއް ހޯދައި ޕްރިމިއާ ލީގުގެ މެޗުތައް ފެންނަ ގޮތެއް ހެދުމަށް ޑިމާންޑް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy