ޔުވެންޓަސްގެ ކޯޗު ޕިރްލޯ ކޯޗިން ލައިސަންސް ނަގައިފި

ޓިއުރިން (ސެޕްޓެމްބަރު 17) - އިޓާލިއަން ލީީގުގެ އާ ސީޒަން މި ހަފްތާ ބަންދުގައި ފެށުމުގެ ކުރިން ޔުވެންޓަސްގެ ކޯޗު އަަންދްރެއާ ޕިރްލޯ ކޯޗިން ލައިސަންސް ނަގައިފި އެވެ.


ކުޅުން ހުއްޓާލި ފަހުން އުމުރުން 41 އަހަރުގެ ޕިރްލޯގެ ކިބައިގައި ކޯޗިންގެ އެއްވެސް ތަޖުރިބާއެއް ނެތެވެ. އޭނާގެ ރަސްމީ ފުރަތަމަ ކޯޗިން ވަޒީފާ ކަމަށްވާ ޔުވެންޓަސްގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަން ހަވާލުކުރިތާ 10 ވަރަކަށް ދުވަސް ފަހުން ސީނިއާ ޓީމުގެ ވަޒީފާ ހަވާލުކުރީ މިދިޔަ ސީޒަނުގައި ޔުވެންޓަސް އަށް އިރުޝާދުދިން ކޯޗު މައުރީޒިއޯ ސާރީ ވަކިކުރުމުންނެވެ.

ޕިރްލޯއާ އެކު ޔުއެފާ ޕްރޯ ލައިސަންސް ހާސިލްކުރި އަނެއް ކުޅުންތެރިއަކީ ޕީއެސްޖީ އާއި ބާސެލޯނާ އަދި އިންޓަ މިލާންގެ ކުރީގެ މިޑްފީލްޑަރު ތިއާގޯ މޮޓާ އެވެ. މޮޓާ ވަނީ މިދިޔަ ސީޒަނުގައި ޖެނޯއާ އަށް ކޯޗުކޮށްދީފަ އެވެ. ދެން ކޯޗިން ލައިސަންސް ހާސިލްކުރި މަޝްހޫރު ކުޅުންތެރިއަކީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އިޓަލީ އަށް ކުޅުނު ކުރީގެ ފޯވާޑް ލޫކާ ޓޯނީ އެވެ.

ޕްރޯ ލައިސަންސް ހާސިލްކުރުމުގެ ގޮތުން ޔުއެފާ އަށް ތީސިސްއެއް ހުށަހަޅަން ޖެހެ އެވެ. ޕިރްލޯގެ 30 ސޮފުހާގެ ތީސިސް އަށް 110 އަކުން 107 މާކްސް ވަނީ ލިބިފަ އެވެ. ޕިރްލޯ ލިޔުނު ތީސިސް އަށް ނަން ދީފައިވަނީ "ދި ފުޓްބޯލް އައި ވުޑް ލައިކް" މިހެނެވެ. ތިން ބަޔަކަށް ބަހާލައިގެން ލިޔެފައިވާ މި ތީސިސްގައި ހިމެނެނީ ޑިފެންސިވް ފޭސް، އޮފެންސިވް ފޭސް އަދި ޓްރާންސިޝަން އެވެ. މި ތީސިސް ފުރިހަަމަކަމުގެ އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ވެބްސައިޓުގައި ވަނީ ހިމަނައިފަ އެވެ.

އެ ތީސިސްގައި ހިމަނާފައިވާ އެންމެ ފާހަގަކޮށްލެވޭ އެއް ބަޔަކީ ޕިރްލޯ ގަޔާވާ އެކި ކޯޗުންގެ ޓީމުތަކުގެ ވާހަކަ އެވެ. އެ ގޮތުން އޭނާ ވަނީ ވަރަށް ތަފްސީލީ ގޮތަކަށް ބާސެލޯނާ ޔޯހަން ކްރައިފްގެ ޒަމާނާއި ޕެޕް ގާޑިއޯލާގެ ޒަމާނުގައި ކުޅުނު ގޮތާއި ލުއީ ވެން ހާލްގެ އަޔަކްސް ޓީމު ކުުޅުނު ގޮތާއި ކާލޯ އަންޗެލޮޓީގެ އޭސީ މިލާން ކުޅުނު ގޮތުގެ އިތުރުން އެންޓީނިއޯ ކޮންޓޭގެ ޔުވެންޓަސް ކުޅުނު ގޮތް ތީސިސްގައި ހިމަނައިފަ އެވެ.

އިންޓަ މިލާނުން ފާހަގަވި ޕިރްލޯ އެންމެ މޮޅަށް ކުޅުނީ 2001-2011 އަށް އޭސީ މިލާނުގަ އެވެ. އެ ޓީމާ އެކު ޗެމްޕިއަންސް ލީގު ދެ ފަހަރު ކާމިޔާބުކުރި އެވެ. ފަހުން ޔުވެންޓަސް އަށް ބަދަލުވެ އެ ޓީމާ އެކު ހަތަރު ފަހަރު އިޓާލިއަން ލީގު ކާމިޔާބުކުރި އެވެ. އޭނާ އަކީ ޔުވެންޓަސްގެ ކުރީގެ ކުޅުންތެރިޔާ ކޮންޓޭގެ ކޯޗުކަމުގައި ޔުވެންޓަސް އިން މިހާރުގެ ކާމިޔާބީގެ ސިލްސިލާ ފެށިއިރު އެންމެ މުހިއްމު ދައުރެއް އަދާކުރި އެއް ކުޅުންތެރިޔާ އެވެ.

ޔުވެންޓަސްއާ ހަވާލުވެ ޕިރްލޯ އަށް އޮތީ ބުރަ މަސައްކަތެކެވެ. އެއީ ކުރިއަށް އޮތް ސީޒަނުގެ އިޓާލިއަން ލީގު ހާސިލްކޮށް ޖެހިޖެހިގެން 10 ވަނަ ލީގު ތަށި ހޯދުމުގެ އިތުރުން 25 އަހަރު ތެރޭ ފުރަތަމަ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމެވެ.

"މިއީ ޔުވެންޓަސް. މި ކްލަބްގައި މޮޅުވުން ނޫން ގޮތެއް ނެތް. އެއީ ކުޅުންތެރިއެއްގެ ގޮތުގައި ވެސް އަހަރެންގެ ވިސްނުން. އެއީ ކޯޗެއްގެ ގޮތުގައި ވެސް އަހަރެން ގެންގުޅޭނެ ވިސްނުން،" ޕިރްލޯ ބުންޏެވެ.

އިޓާލިއަން ލީގުގެ އާ ސީޒަނުގައި ޔުވެންޓަސް ކުޅޭ ފުރަތަމަ މެޗުގައި އަންނަ އާދިއްތަ ދުވަހު ކުޅޭނީ ސަމްޕްޑޯރިއާއާ ދެކޮޅަށެވެ.