އިޓަލީ-ނެދަލެންޑްސް އެއްވަރު، އިންގްލެންޑަށް ނާކާމިޔާބު

ބެރްގާމޯ (އޮކްޓޫބަރު 15) – ޔުއެފާ ނޭޝަންސް ލީގުގައި ރޭ އިޓަލީ އާއި ނެދަލެންޑްސް 1-1 އިން އެއްވަރުވިއިރު ޑެންމާކް އަތުން 1-0 އިން އިންގްލެންޑް ބަލިވެއްޖެ އެވެ.


އިޓަލީ އާއި ނެދަލެންޑްސް އެއްވަރުވުމުގެ ފައިދާ ނަގައި، ބޮސްނިއާ 3-0 އިން ބަލިކޮށް ޕޮލެންޑް ވަނީ ހަތް ޕޮއިންޓާ އެކު ގްރޫޕް އޭ ގެ އެއް ވަނަ އަށް އަރައިފަ އެވެ. އިޓަލީ ދެ ވަނައިގައި އޮތީ ހަ ޕޮއިންޓާ އެކު އެވެ. ނެދަލެންޑްސް އޮތީ ފަސް ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. ފުލުގައި ބޮސްނިއާ އޮތީ ދެ ޕޮއިންޓާ އެކު އެވެ.

އިޓަލީން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ 16 ވަނަ މިނެޓުގައި ކުރި ހޯދި އެވެ. މި ގޯލް ޖެހީ ލޮރެންޒޯ ޕެލެގްރިނީ އެވެ. ނެދަލެންޑްސް އަށް އެއްވަރުކޮށްދިނީ 25 ވަނަ މިނެޓުގައި ޑެނީ ވެން ޑަ ބީކެވެ.

ޕޮލެންޑާއި ބޮސްނިއާ ކުޅުނު މެޗުގެ 14 ވަނަ މިނެޓުގައި ބޮސްނިއާގެ އަނެލް އަހްމެދުހޮޒިޗަށް ވަނީ ރަތްކާޑު ދައްކައިފަ އެވެ. ޕޮލެންޑުގެ ތިން ގޯލުގެ ތެރެއިން ދެ ލަނޑު ޖެހީ ރޮބަޓް ލެވަންޑޮސްކީ އެވެ. އަނެއް ލަނޑު ޖެހީ ކެރޯލް ލިނެޓޭ އެވެ.

އެކަކު މަދުކޮށް ކުޅުނު އިންގްލެންޑް އަތުން ޑެންމާކް މޮޅުވީ ލަންޑަނުގެ ވެމްބްލީގަ އެވެ. އިންގްލެންޑުގެ ހެރީ މެގުއާ އަށް 31 ވަނަ މިނެޓުގައި ދެ ވަނަ ރީނދޫ ކާޑާ އެކު ރަތްކާޑެއް ދެއްކިއިރު ޑެންމާކް މޮޅުވީ 35 ވަނަ މިނެޓުގައި ކްރިސްޓިއަން އެރިކްސަން ޕެނަލްޓީން ޖެހި ލަނޑަކުންނެވެ. މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އިންގްލެންޑުގެ ރީސް ޖޭމްސް އަށް ވަނީ ރަތްކާޑެއް ދައްކައިފަ އެވެ.

މި ގްރޫޕުގެ އެއް ވަނައިގައި ނުވަ ޕޮއިންޓާ އެކު އޮތީ ރޭ އައިސްލެންޑް އަތުން 2-1 އިން މޮޅުވި ބެލްޖިއަމެވެ. ޑެންމާކާއި އިންގްލެންޑް ހަތް ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން ދެ ވަނައިގައި އޮތީ ޑެންމާކެވެ. އައިސްލެންޑް އޮތީ ޕޮއިންޓެއް ނުލިބި ފުލުގަ އެވެ.