29 ޑިސެމްބަރ 2020 - 11:59
ބާސެލޯނާ (ޑިސެމްބަރު 29) – އެމެރިކާ ލީގުގައި ކުޅެން ޝައުގުވެރިވާ ކަމަށް ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.
މެސީގެ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަމަވުމުން އޭނާ ކޮންޓްރެކްޓް އާކުރާނެ ކަމަށް ނުބެލެވެ އެވެ. އޭނާ ބަދަލުވުމުގެ ފުރުސަތު ބޮޑީ އިންގްލެންޑުގެ މެންޗެސްޓާ ސިޓީ ނުވަތަ ފްރާންސް ޕީއެސްޖީ އަށެވެ.
މި ސީޒަނުގައި ވެސް އޭނާ ބާސެލޯނާއާ މެދު ހިތްހަމަނުޖެހިގެން ކްލަބް ދޫކޮށްލަން މަސައްކަތްކުރި އެވެ. އެކަމަކު ގާނޫނީ މައްސަލަތަކެއް ނުކުތުމުން، ކޯޓަށް ދާން ބޭނުންނުވާތީ އޭނާ އެ ކްލަބުގައި މަޑުކުރީ އެވެ.
"އަހަންނަށް ނޭގޭ އަހަރެން ހަދާނެ ގޮތެއް އަދި. ސީޒަން ނިމެންދެން މަޑުކުރާނަން ވާގޮތެއް ބަލަން. އަހަރެން ބޭނުން އެމެރިކާގައި ކުޅެ އެތަނުގައި ލީގާއި ދިރިއުޅުން ތަޖުރިބާކުރަން. އެކަމަކު ފަހުން އަނބުރާ ކޮންމެވެސް ހައިސިއްޔަތަކުން ބާސެލޯނާ އަށް އަންނަން ބޭނުންވޭ،" ސްޕެއިނުގެ ލަ ސެޒްޓާ އަށް ދިން އިންޓަވިއުއެއްގައި މެސީ ބުންޏެވެ.
އެމެރިކާގައި ކުރިން ފުޓްބޯޅަ އެހާ މަގުބޫލެއް ނޫނެވެ. އެކަމަކު 1994 ގެ ވޯލްޑް ކަޕަށް ފަހު އެކަން އައީ ބަދަލުވަމުންނެވެ. އަދި އިންގްލެންޑުގެ ޑޭވިޑް ބެކަން އެމެރިކާގެ މޭޖާ ލީގުގައި ކުޅުމާ އެކު އެ ގައުމުގެ ފުޓްބޯޅަ ދުނިޔެ އަށް ވަނީ މަޝްހޫރުވެފަ އެވެ. މެސީއާ އެކު ބާސެލޯނާ އަށް ކުޅުނު ޑަވިޑް ވިޔާ އާއި ތިއެރީ އޮންރީ އަދި ޒަލަޓާން އިބްރަހިމޮވިޗް ފަދަ ކުޅުންތެރިން ވަނީ އެމެރިކާގައި ކުޅެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy