30 ޑިސެމްބަރ 2020 - 12:43
މެޑްރިޑް (ޑިސެމްބަރު 30) – އެތުލެޓިކޯ މެޑްރިޑާ އެކު ސްޕެއިން ފޯވާޑް ޑިއެގޯ ކޮސްޓާ ހަދާފައިވާ ކޮންޓްރެކްޓް ބާކީ ހަ މަސް ދުވަސް އޮއްވާ އުވާލައިފި އެވެ.
ކޮސްޓާ ކްލަބް ދޫކޮށްލަން އެދުނީ އަމިއްލަ ސަބަބުތަކާ ގުޅިގެންނެވެ. އެތުލެޓިކޯ އިން ބުނީ ދެ ފަރާތް އެއްބަސްވެގެން ކޮންޓްރެކްޓް އުވާލަން ނިންމީ ކަމަށެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ކޮންޓްރެކްޓް އުވާލަން އެތުލެޓިކޯ އިން ނިންމީ ކުރިއަށް އޮތް ދެ އަހަރު ވާދަވެރި ރެއާލް މެޑްރިޑާއި ބާސެލޯނާ އަށް ކޮސްޓާ އަށް ނުދެވޭ ގޮތަށް ޝަރުތުކޮށްފަ އެވެ.
ކޮސްޓާ ފެނުމުގެ ފުރުސަތު އެންމެ ބޮޑީ އިޓަލީގެ ކްލަބަކުންނެވެ. އޭނާ އަށް ޗެމްޕިއަން ޔުވެންޓަސް އިން ޝައުގުވެރިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މީގެ އިތުރުން އިންގްލެންޑުގެ އާސެނަލް އަކީ ވެސް އޭނާ ގެންގޮސްފާނެ ކަމަށް ބެލެވޭ ކްލަބެކެވެ. ކޮންޓްރެކްޓް އުވާލާފައިވާތީ ހިލޭ ޓްރާންސްފާއެއްގައި އޭނާ އަށް އެހެން ކްލަބަކާ ގުޅެވޭނެ އެވެ.
ކޮސްޓާ އެންމެ ފުރަތަމަ އެތުލެޓިކޯއާ ގުޅުނީ އުމުރުން 17 އަހަރުގައި 2006 ގަ އެވެ. ލޯން އުސޫލުން ތިން ޓީމަކަށް ކުޅުމަށް ފަހު އޭނާ އެތުލެޓިކޯ ދޫކޮށްލީ 2009 ގައި ރެއާލް ވަލަޑޮލިޑް އަށް ކުޅޭށެވެ. އެއް އަހަރަށް ފަހު އެނބުރި އެތުލެޓިކޯ އަށް ދިޔަ އެވެ. އަދި ހަތަރު އަހަރު ކުޅުމަށް ފަހު އިންގްލެންޑުގެ ޗެލްސީ އަށް ބަދަލުވީ އެވެ. އޭނާ އެތުލެޓިކޯ އަށް ތިން ވަނަ ފަހަރަށް ބަދަލުވީ 2018 ގަ އެވެ.
ކޮސްޓާ ވަނީ އެތުލެޓިކޯއާ އެކު ސްޕެނިޝް ލީގާއި ސްޕެނިޝް ކަޕާއި ޔުރޮޕާ ލީގު އެއް ފަހަރު އަދި ޔުއެފާ ކަޕް ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ.
ބްރެޒިލަށް އުފަން އުމުރުން 32 އަހަރުގެ ކޮސްޓާ ވަނީ އެ ގައުމުގެ ގައުމީ ޓީމަށް އެކުވެރިކަމުގެ ދެ މެޗު ކުޅެދީފަ އެވެ. ފަހުން ސްޕެއިން ގައުމީ ޓީމަށް ކުޅެން ފަށައި ޖުމްލަ 24 މެޗު ކުޅެދިނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy