ލަންޑަން (ޖެނުއަރީ 6) - އިނގިރޭސި ލީގު ކަޕް ސެމީ ފައިނަލުގައި ދެ ވަނަ ޑިވިޝަނުގެ ބްރެންޓްފޯޑްގެ މައްޗަށް 2-0 އިން ކުރިހޯދައި ޓޮޓެންހަމް ހޮޓްސްޕާސް އިން މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

ޓޮޓެންހަމް ދަނޑުގައި ރޭ ކުޅުނު މެޗުގެ 12 ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިނީ ފްރާންސްގެ މިޑްފީލްޑަރު މޫސާ ސިސޯކޯ އެވެ. މިއީ ސާޖް ރެގީލޯން ތަނަވަސްކޮށްދިން ފުރުސަތަކުން ސިސޯކޯ ކާމިޔާބުކުރި ގޯލެކެވެ. ޓޮޓެންހަމް އިން ދެ ވަނަ ލަނޑެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވީ މެޗު ނިމެން 20 މިނިޓަށް ވެފައި ހުއްޓަ އެވެ. މި ގޯލަކީ ޓަންގީ އެންޑޮމްބެލޭ ދިން ބޯޅައަކުން މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހެއުން މިން ޖެހި ގޯލެކެވެ.

ބްރެންޓްފޯޑުން މެޗު ނިންމާލަން ޖެހުނީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ އެ ޓީމުގެ ޖޯޝް ޑަ ސިލްވާ އަށް މެޗުގެ 84 ވަނަ މިނިޓްގައި ރަތް ކާޑެއް ދެއްކުމުންނެވެ.

ކުރިން މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީއާ އެކު ލީގު ކަޕް ކާމިޔާބުކޮށްފައިވާ މޮރީނިއޯ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޓޮޓެންހަމަށް އައުމަށް ފަހު އެންމެ ބޮޑަށް ބޭނުންވާ ކަމަކީ އެ ޓީމަކީ ތަށި ހޯދާ ޓީމަކަށް ހެދުމެވެ. ޓޮޓެންހަމުން އެންމެ ފަހުން ތަށްޓެއްގައި އަތްލީ މީގެ 13 އަހަރު ކުރިންނެވެ. އެ ފަހަރު ކާމިޔާބުކުރީ 2008 ވަނަ އަހަރުގެ ލީގު ކަޕް އެވެ.

މޮރީނިއޯ ބުނީ ޓޮޓެންހަމަށް ލީގު ކަޕްގެ ފައިނަލުން ފުރުސަތު ލިބުނީ މިއީ ވެސް މުހިއްމު މުބާރާތެއްގެ ގޮތުގައި ދެކިގެން ކުޅުމުން ކަމަށާއި ބައެއް އެހެން ޓީމު ގޮތަށް އާދައިގެ ކުޅުންތެރިން ލައިގެން ޓޮޓެންހަމުން ކުޅެން ބޭނުންނުވީ ކަމަށެވެ.

"އަހަރެން އިންގްލެންޑަށް 2004 ވަނަ އަހަރު އެންމެ ފުރަތަމަ އައީ. އޭރުން ފެށިގެން ވެސް ކަޕް މުބާރާތްތަކަކީ އަހަންނަށް މުހިއްމު މުބާރާތްތަކެއް. އެ މުބާރާތްތަކަށް ސީރިއަސް ނަޒަރަކުން ވިސްނަނީ އިނގިރޭސި އެފްއޭ އަށް ވެސް އިހުތިރާމްކުރާތީ. އިނގިރޭސި ކޮންމެ ކްލަބަކަށް ވެސް ވަކި ޑިވިޝަނެއް ނެތި އަހަރެންގެ އިހުތިރާމް އޮންނާނެ،" މޮރީނިއޯ ބުންޏެވެ.

އޭޕްރީލް 25 ވަނަ ދުވަހަށް ތާވަލުކޮށްފައިވާ ލީގު ކަޕްގެ ފައިނަލުގައި ޓޮޓެންހަމް ބައްދަލުކުރާ ޓީމެއް ކަނޑައެޅޭނީ މިރޭ ކުޅޭ ދެ ވަނަ ސެމީންނެވެ. ދެ ވަނަ ސެމީގައި ބައްދަލުކުރަނީ މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ އެވެ. ސިޓީން މިދިޔަ ސީޒަނުގެ މުބާރާތް ކާމިޔާބުކުރީ ސެމީގައި ޔުނައިޓެޑް ކަޓުވާލުމަށް ފަހު އެވެ.

އެހެން އަހަރުތަކެކޭ ހިލާފަށް މި ފަހަރުގެ ލީގު ކަޕްގެ ސެމީ ފައިނަލުގައި ކުޅެނީ އެއް ލެގެވެ. ކުޅޭނެ ދަނޑެއް ކަނޑައަޅަނީ ގުރުއަތުންނެވެ. ލީގު ކަޕްގެ ބޯޑުން ނެގި ވޯޓަކަށް ފަހު ވަނީ ސެމީ ފައިނަލުން ފެށިގެން ފަސް ބަދަލުކުރެވޭ ގޮތަށް ނިންމައިފަ އެވެ.