ޕެރިސް (މާޗް 18) - ބާސެލޯނާގައި ފަހަކަށް އައިސް އޮސްމާން ޑެމްބެލޭ ދައްކަމުން އަންނަ ކުޅުމުގެ ސަބަބުން ދެ އަހަރު ފަހުން ފްރާންސް ގައުމީ ފުޓްބޯޅަ ޓީމުން އޭނާ އަށް ފުރުސަތު ދީފި އެވެ.

ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ފްރާންސް ޓީމުގައި ހިމެނޭ ޑެމްބެލޭ އެންމެ ފަހުން ފްރާންސަށް މެޗެއް ކުޅެދިނީ އެ އަހަރު ޑިސެމްބަރު މަހުގަ އެވެ. އުމުރުން 23 އަހަރުގެ ޑެމްބެލޭ އަށް އަލުން ފްރާންސް ޓީމުން ފުރުސަތު ދިނީ އަނިޔާއެއް ނުވެ ފަހަކަށް އައިސް ބާސެލޯނާގެ މެޗުތަކުގައި މޮޅު ކުޅުމެއް ދައްކާފައިވާތީ އެވެ.

ކުރިން ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅުނު ޑެމްބެލޭ އެންމެ ފުރަތަމަ ފްރާންސް ޓީމަށް މެޗެއް ކުޅެދިނީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ ހަފްތާގައި ފްރާންސް ކުޅޭ މެޗުތަކަށް ނެގި ސްކޮޑުން ޑެމްބެލޭގެ އިތުރުން ވަނީ އަނިޔާއިން ރަނގަޅުވެ ދާދި ފަހުން ޕްރެކްޓިހުގައި ބައިވެރިވާން ފެށި މެންޗެސްޓާ ޔުނައިޓެޑްގެ ޕައުލް ޕޮގްބާ އާއި ޓޮޓެންހަމް ހޮޓްސްޕާސްގައި މޮޅު ކުޅުމެއް ދައްކަަމުން އަންނަ ޓަންގީ އެންޑޮމްބެލޭ ވަނީ ފުރުސަތު ހޯދައިފަ އެވެ. އެންޑޮމްބެލޭ އެންމެ ފަހުން ފްރާންސް ޓީމަށް މެޗެއް ކުޅެދިނީ 2019 ވަނަ އަހަރުގެ ޖޫން މަހު އެވެ. އެއީ އޭނާ ޓޮޓެންހަމަށް ބަދަލުވުމުގެ ކުރިންނެވެ.

ކޮލިފައިންގައި ފްރާންސް ކުޅޭ ފުރަތަމަ މެޗުގައި އަންނަ ބުދަ ދުވަހުގެރޭ ބައްދަލުކުރާނީ ޔޫކްރޭންއާ އެވެ. އޭގެ ފަހުން ކަޒަކްސްތާނާ ދެކޮޅަށް މެޗެއް ކުޅުމަށް ފަހު ދެން ނުކުންނާނި ބޮސްނިއާއާ ދެކޮޅަށެވެ. ކަޒަކްސްތާނާ ދެކޮޅަށް މާޗް 28 ގައި ކުޅުމަށް ފަހު ބޮސްނިއާއާ ބައްދަލުކުރާނީ އޭގެ ތިން ދުވަސް ފަހުންނެވެ.

މި މަހުގެ މެޗުތަކަށް ފްރާންސްގެ ޑިޑިއޭ ޑެޝޯމްޕްސް ވަނީ 26 ކުޅުންތެރިންގެ ސްކޮޑެއް ނަގައިފަ އެވެ. އެއީ އަނިޔާގެ މައްސަލަތަކަށް ވެސް ބެލުމަށް ފަހު އެވެ.

އިންގްލެންޑުން ވެސް ވޯލްޑް ކަޕް ކޮލިފައިން މެޗުތަކަށް ވަނީ ސްކޮޑު އިއުލާނުކޮށްފަ އެވެ. މެދުކެނޑުމަކަށް ފަހު މެންޗެސްޓާ ސިޓީގެ ޖޯން ސްޓޯންސް އާއި މެންޗެސްޓާ ޔުނައިޓެޑްގެ ލޫކް ޝޯ އަދި ވެސްޓް ހޭމް ޔުނައިޓެޑަށް ކުޅެމުން އަންނަ ޖެސޭ ލިންގާޑް ވަނީ އިންގްލެންޑް ޓީމުގައި ހިމެނިފަ އެވެ. ސްޓޯންސް އެންމެ ފަހުން ގައުމީ ޓީމަށް މެޗެއް ކުޅެދިނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ. ޝޯ އަށް އިންގްލެންޑް ޓީމުން އެންމެ ފަހުން ފުރުސަތު ލިބުނީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ. އަދި 2019 ވަނަ އަހަރުގެ ޖޫން މަހު އިންގްލެންޑަށް ކުޅުނު ފަހުން ލިންގާޑަށް ޓީމުން ފުރުސަތެއް ނުލިބެ އެވެ.