މިއުނިކް (ނޮވެމްބަރު 27) – ބެޔާ ލެވަކޫސަން އަތުން 2-1 އިން މޮޅުވެ ޖަރުމަން ލީގުގެ ދެ ވަނައިގައި ބަޔާން މިއުނިކުން ލީޑު ކުޑަކޮށްފި އެވެ.

އެއް ވަނައިގައި އޮތް އާރްބީ ލީޕްޒިގުން ހުކުރު ދުވަހުގެރޭ މޮޅުވެ އެއް ވަނައިގައި ވަނީ ހަ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެ ޓީމަށް 30 ޕޮއިންޓް ލިބިފައިވާއިރު ދެ ވަނައިގައި ބަޔާން މިހާރު އޮތީ 27 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި 24 ޕޮއިންޓާ އެކު އޮތީ ރޭ ބޮރޫޝިއާ ޑޯޓްމަންޑް އަތުން 2-1 އިން މޮޅުވި އެންޓްރެކްޓް ފްރެންކްފަޓެވެ. ޑޯޓްމަންޑް އޮތީ 21 ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ.

ބަޔާނުގެ އެލިއަންޒް އެރީނާގައި ކުޅުނު މި މެޗުގައި ބަޔާނަށް ލީޑު ނަގައިދިނީ ތިއާގޯ އަލްސަންޓްރާ އެވެ. ލެވަކޫސަން އަށް އެއްވަރުކޮށްދިނީ 35 ވަނަ މިނެޓުގައި ހަކަން ޗަނޮގްލޫ އެވެ. ބަޔާން މޮޅުވީ 56 ވަނަ މިނެޓުގައި މެޓްސް ހަމެލްސް ޖެހި ގޯލުންނެވެ. މިއީ އޭނާ ޑޯޓްމަންޑް ދޫކޮށް ބަޔާނަށް ބަދަލުވި ފަހުން ޖެހި ފުރަތަމަ ގޯލެވެ.

އެންޓްރެކްޓް އާއި ޑޯޓްމަންޑް ކުޅުނު މެޗުގައި އެންޓްރެކްޓް އަށް ލީޑު ނަގައިދިނީ ޒަބޮލްކް ހުސްޓްޒީ އެވެ. އޭގެ ފަހުން ޑޯޓްމަންޑަށް އެއްވަރުކޮށްދިނީ ޕިއެރޭ އެމެރިކް އޯބަމަޔަން އެވެ. އެންޓްރެކްޓް މޮޅުވީ 79 ވަނަ މިނެޓުގައި ސެފެރޮވިޗް ކާމިޔާބުކުރި ގޯލުންނެވެ.