އިންގްލެންޑްގެ ފޯވަޑް ރަހީމް ސްޓާލިން އާ ދިމާލަށް ހަންގޭރީއާ ސަޕޯޓަރުން ދަޅު އުކަނީ --- ފޮޓޯ: އޭއެފްޕީ
22 ސެޕްޓެމްބަރ 2021 - 11:15
ޒިޔުރިކް (ސެޕްޓެމްބަރު 22) - އިންގްލެންޑާ ދެކޮޅަށް ހަންގޭރީ މި މަހު ކުޅުނު މެޗުގައި ހަންގޭރީގެ ސަޕޯޓަރުން އިންގްލެންޑުގެ ކުޅުންތެރިންނާ ނަސްލީގޮތުން ދިމާކުރުމުން ހަންގޭރީއާ ދެކޮޅަށް ފީފާ އިން ފިޔަވަޅު އަޅައިފި އެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި މި މަހު ބުޑަޕެސްޓްގައި އިންގްލެންޑާ ދެކޮޅަށް ހަންގޭރީ ކުޅުނު މެޗުގައި ހަންގޭރީގެ ސަޕޯޓަރުން ވަނީ އިންގްލެންޑްގެ ދެ ފޯވަޑުން ކަމަށްވާ ރަހީމް ސްޓާލިން އަދި ޖޫޑް ބެލިންހަމްއާ ނަސްލީގޮތުން ދިމާ ކޮށްފަ އެވެ.
އެކަން ތަހްގީގު ކުރުމަށް ފަހު، ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމީ ކުރިއަށް އޮތް ދެ އަހަރު، ހަންގޭރީގެ އަމިއްލަ ދަނޑުގައި ކުޅޭ ދެ މެޗު ސަޕޯޓަރުން ނުވައްދައި ކުޅުމަށެވެ. އަދި 215,703 ޑޮލަރުގެ ޖޫރިމަނާއެއް ވެސް ދެއްކުމަށް ހަންގޭރީގެ މައްޗަށް ފީފާއިން ވަނީ އަންގައިފަ އެވެ.
މި އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވެސް ހަންގޭރީގެ ސަޕޯޓަރުން އެހެން ކުޅުންތެރިންނާ ނަސްލީގޮތުން ދިމާކުރުމުން ޔޫއެފާއިން ވަނީ އެ ޓީމު ޔޫއެފާ މެޗެއްގައި ހޯމްގައި އެންމެ އަވަހަށް ކުޅޭ ދެ މެޗު ވެސް ސަޕޯޓަރުން ނުވައްދައި ކުޅުމަށް އަންގައިފަ އެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ހަންގޭރީ ދެން އެންމެ އަވަށް ކުޅޭނީ އަންނަ މަހު 9 ގައި އަލްބޭނިއާއާ ދެކޮޅަށް އަމިއްލަ ދަނޑުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy