ފީފާގެ ނައިބު ރައީސުންގެ ތެރެއިން އިތުރު ބޭފުޅަކު ވެސް، ރައީސް ޖިއާނީ އިންފަންޓީނޯއާ ދެކޮޅަށް ނުކުމެ ވަޑައިގެންފި އެވެ.
ފީފާގެ ނައިބު ރައީސުންގެ ތެރޭގައި ހިމެނޭ، ހަންގޭރީގެ ފުޓްބޯޅަ އިދާރާގެ ރައީސް ސެންޑްރޯ ސާނީ ވަނީ، އިންފަންޓީނޯ އަށް އިތުބާރު ނުކުރާކަމަށް ބުނެ ބަޔާން ނެރެފަ އެވެ.
އަންގާރަ ދުވަހު އޭނާ ނެރުނު ބަޔާނުގައި ބުނެފައި ވަނީ ފީފާގެ ސީއީއޯ ކެވިން ލެމުއާ، މަގާމުން ވަކި ކުރީ ރަނގަޅަށް ނޫން ކަމަށެވެ.
"ކުރިން އަހަރެން ބާއްވަމުން ދިޔަ އިތުބާރު ގެއްލިއްޖެ،" އިންފަންޓީނޯ އަށް، ސެންޑްރޯ ޗާންޔީ ފޮނުވި ސިޓީގައި ބުނެފައިވާ ކަމަށް އޭއެފްޕީން ބުންޏެވެ.
ބޭންކިން ވިޔާފަރި ހިންގާ މަހުޖަނު ސެންޑްރޯ ސާނީގެ އެ ސިޓީގެ ކޮޕީއެއް އޭއެފްޕީ އަށް ލިބިފައިވާ ކަމަށް އެ އެޖެންސީން ބުންޏެވެ.
ފީފާގެ ނައިބު ރައީސުންގެ ތެރެއިން، އިންފަންޓީނޯ އަށް އިތުބާރުގެއްލިފައިވާކަން އިއުލާން ކުރި ނައިބު ރައީސުންނަކީ ޔޫއެފާގެ ރައީސް އެލެގްޒެންޑާ ކެފެރިން، އުތުރު އެމެރިކާ ބައްރުގެ ފުޓްބޯޅަ އިދާރާ ކޮންކާކަފްގެ ރައީސް ވިކްޓަރ މޮންޓާލިއާނީ، އަދި އޭޝިއަން ފުޓްބޯޅަ ފެޑަރޭޝަނުގެ ޝައިހް ސަލްމާން ބިން އިބްރާހިމް އަލް ހަލީފާ އެވެ.
ފީފާގެ އަންހެން ނައިބު ރައީސް، އިނގިރޭސި އެފްއޭގެ ޗެއާޕާސަން ޑެބީ ހިއުއިޓް ވެސް ވަނީ އިންފަންޓީނޯ އަށް ކުރާ ތާއީދު އަނބުރާ ގެންގޮސްފަ އެވެ.
ޖުމުލަ 37 މެންބަރުން ހިމެނޭ ފީފާގެ ކައުންސިލުގައި ދެން ތިއްބަވާ ނައިބު ރައީސުންގެ ތެރެއިން ދެކުނު އެމެރިކާގެ ފުޓްބޯޅަ ކޮންމެބޯލްގެ ރައީސް އަލެހާންޑްރޯ ޑޮމިންގޭޒް، އެފްރިކާގެ ފުޓްބޯޅަ ކޮންފެޑަރޭޝަނުގެ ޕެޓްރިކް މޮސެޕޭ، އަދި އޯޝިއޭނިއާގެ ލެމްބާޓް މަލްޓޮކް ފިޔަވައި އެހެން އެއްވެސް ނައިބު ރައީސެއް އިންފަންޓީނޯ އަށް ތާއީދެއް ނުކުރެ އެވެ.