ކުރިއަށް އޮތް ފީފާގެ އިންތިހާބުގައި މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯ ބަލިކުރަން، ބޮޑު ތާއީދެއް އެބައޮތްކަމަށް އިންތިހާބުގައި ވާދަކުރާނެކަމަށް އިއުލާންކށޯްފައިވާ ފްރާންސް ފުޓްބޯޅައިގެ ރައީސް ފިލިޕް ޑިއާލޯ
އަންނަ އަހަރު މާޗް މަހު ބާއްވާ އިންތިހާބުގައި، ޔޫއެފާއިން ތާއީދުލިބިގެން ނަން ހުށަހެޅުމަށް ފަހު ޑިއާލޯ ބުނީ ޔޫރަޕުން ބޭރުން ވެސް އޭނާ އަށް ބޮޑު ތާއީދެއް ލިބިފައިވާ ކަމަށެވެ.
"އޭނާ [އިންފަންޓީނޯ] ބަލިކުރަން އަޣުލަބިއްޔަތު ކަމަށްވާ 106 ވޯޓު ބޭނުންވޭ،" އަންގާރަ ދުވަހު ޕެރިހުގައި ބޭއްވި އިވެންޓްގައި ޑިއޯލާ ވާހަކަ ދެއްކި އެވެ.
"މިހާރު އަހަރެންނާއި އަހަރެންގެ ޓީމުގެ ޒިންމާއަކީ އެހެން ބައްރުތަކުގެ ގައުމުތަކަށް ވިސްނައިދިނުން. އެކަމަކު އިއްޔެއިން [ހޯމަ ދުވަހުން] ފެށިގެން ވެސް ވަރުގަދަ ތާއީދެއް ލިބެމުންދާކަމުގެ އިޝާރާތްތައް އަންނަނީ ލިބެމުން. ކުރިއަށް އޮތް ދުވަސްތަކުގައި އެކަންކަން ހާމަވެގެންދާނެ."
އިންފަންޓީނޯ މަގާމުން ދުރުކުރުމަށް ވެސް ކެމްޕޭނެއް މި އަހަރު ހިންގި ޔޫއެފާއިން ބުނީ އެ ޖަމާއަތުގެ މެންބަރު 55 ގައުމުން ވެސް ޑިއާލޯއަށް ތާއީދުކުރުމަށް އިއްތިފާގުވެފައިވާ ކަމަށެވެ.
ޔުއެފާއިން އިންފަންޓީނޯއާ ދެކޮޅަށް ތެދުވީ، ވޯލްޑް ކަޕްގެ ހިއްސާ އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް އިންފަންޓީނޯ ގެންގުޅުއްވި ޕްލޭނެއް މިދިޔަ ޖުލައި މަހު އިއުލާން ކުރުމުންނެވެ.
އާންމުންގެ ނުރުހުމާއެކު އިންފަންޓީނޯ އެ ޕްލޭން ހުއްޓާލި އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ޑިއާލޯ ވަނީ އިންފަންޓީނޯއަށް އޮތް ތާއީދު ފްރާންސުން އަނބުރާ ގެންދިޔަކަން އިއުލާން ކުރައްވާފައެވެ. އެއީ ފީފާގެ ރައީސަށް ކުރި އިތުބާރަށް ޚިޔާނާތްތެރިވެފައިވާތީ ކަމަށް އޭރު އޭނާ ބުނެފައިވެ އެވެ.
އިންފަންޓީނޯއާ ދެކޮޅަށް ޖިނާއީ މައްސަލައެއް ހުށަހެޅުމަށް ބޭނުންވާ ހެކި ހޯދުމަށް ޔުއެފާއިން ވަނީ އެމެރިކާގެ ފްލޮރިޑާގެ ކޯޓަކަށް ވެސް މައްސަލަ ހުށަހަޅާފަ އެވެ.