ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ތާއީދު ކުރާކަން އެފްރިކާގެ ފުޓްބޯޅަ އިދާރާ (ކާފް) އިން އިއުލާން ކޮށްފި އެވެ. 

އިންފަންޓީނޯ އަށް ތާއީދު ދަމަހައްޓަން ފެނޭތޯ ބެލުމަށް، އިއްޔެ ބޭއްވި ކާފްގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމަށް ހުށަހެޅި މައްސަލައަށް އެ ކޮމިޓީގެ ހުރިހާ މެންބަރުން ތާއީދު ކުރި އެވެ. 

ކާފްއިން ބުނީ ފީފާއިން އިއުލާން ކުރި އެންޓަޕްރައިޒަސް ޕޭލާނާ މެދު މަންބަރު ކޮންފެޑެރޭޝަންތަކުން ނުރުހުންވުމުން، އެ ހުށަހެޅުން، އަނބުރައި ގެންދަން އިންފަންޓީނޯ ނިންމާފައިވުމަކީ ރަނގަޅު އަމަލެއް ކަމަށެވެ. އަދި އެކަމުގައި ގޯސް ހެދިފައިވާކަމަށް އިހްތިރާފުވެ މައާފަށް އެދިފައިވުމުން. އެ މާފް ބަލައިގަންނަ ކަމަށް ވެސް ކާފްއިން ބުނޏެވެ. 

ފީފާގެ 211 މެންވަރު ގައުމުގެ ތެރެއިން ކާފްގައި 54 މެންބަރުން އެސޯސިއޭޝަން އެބައޮތެވެ. 

ޔޫރަޕްގެ ފުޓްބޯޅަ އިދާރާ ޔޫއެފާއިން ވަނީ ފީފާގެ މުބާރާތައް ބޮއިކޮޓް ކުރަން ނިންމިނިންމުން ދަމަހައްޓަފަ އެވެ. އަދި އެ އިދާރާއިން ވަނީ އިންފަންޓޯނޯ އަށް އިތުބާރު ނެތް ކަމަށް ނިންމާފަ އެވެ. 

ކާފްން ބުނީ އިންފަންޓީނޯ މަގާމާ ހަވާލުވެ، އެފްރިކާ ބައްރުގައި ފުޓްބޯޅަ ކުރިއެރުވުމަށް ބޮޑު އިސްކަމެއް ދިން ކަމަށެވެ. 

އަންނަ އަހަރު ބާއްވާ އިންތިހާބުގައި ވެސް އިންފަންޓީނޯ އަށް ތާއީދުކުރަން އިއުލާން ކުރި ބައްރުތަކުގެ ފުޓްބޯޅަ އިދާރާތަކުގެ ތެރެއިން ފުރަތަމަ ކޮންފެޑެރޭޝަނަކީ ކާފް އެވެ. 

"ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް އޮތް ތާއީދު، ކާފްގެ އެގްޒެކެޓިވް ކޮމިޓީން އިއްތިފާގުވެ އަލުން ކަށަވަރުކޮށްދެން. އަދި ފާއިތުވި އަހަރުތަކުގައި އެފްރިކާގެ ފުޓްބޯޅައަށް އޭނާ ދެއްވި އެއްބާރުލެއްވުމަށް ޝުކުރުއަދާކުރަން،" ކާފްގެ ބަޔާނުގައިވެ އެވެ.

ފީފާ ފޯވަޑް އެންޓަޕްރައިޒަސް ޕްލޭނާ ދެކޮޅަށް ޔުއެފާގެ އިތުރުން އޭއެފްސީ އާއި އެތުރު އެމެރިކާގެ ފުޓްބޯޅަ އިދާރާ (ކޮންކާކަފް) އިން ވާހަކަ ދެއްކި އެވެ. 

އެކަމަކު އިންފަންޓީނޯ އަށް ތާއީދު ކުރުމާއި ނުކުރުމާ ބެހޭގޮތުން ވެސް އެ ދެ ކޮންފެޑެޝަނުން އެއްވެސް އެއްޗެއް ނުބުނެ އެވެ. 

ފީފާގެ އިންތިހާބު އަންނަ އަހަރު މާޗް މަހު އޮންނާނީ އެފްރިކާ ބައްރުގެ މޮރޮކޯގަ އެވެ. އިންތިހާބުގައި ވާދަކުރައްވާނެކަން މިހާތަނަށް އިއުލާން ކުރީ، ހަތަރު ވަނަ ދައުރަކަށް ކުރިމަތިލާ އިންފަންޓީނޯ އެކަންޏެވެ.