21 ނޮވެމްބަރ 2021 - 15:33
ޕެރިސް (ނޮވެމްބަރު 21) - ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވި ފަހުން ލީގުގައި އެޓީމަށް ޖަހައިދިން ފުރަތަމަ ގޯލު ޖަހައިދިނުމުން އުފާވާ ކަމަށާއި، އެއީ ވަރަށް ބޭނުންވެފައި ހުރި ކަމެއް ކަމަށް މި ސީޒަނުގައި ސްޕެއިންގެ ބާސެލޯނާ ދޫކޮށްލަން ޖެހުނު އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ބުނެފި އެވެ.
ފްރާންސް ލީގުގައި ރޭ ނަންޓޭސް އާ ދެކޮޅަށް ކުޅެ 3-1 އިން މަޗު ކާމިޔާބު ކުރިއިރު، ޓީމުގެ ތިންވަނަ ލަނޑު މެސީ ޖެހީ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށްވެފައި ވަނިކޮށެވެ. މިއީ ލީގުގައި މެސީ މިހާތަނަށް ޕީއެސްޖީއަށް ކުޅެދިން ހަ މެޗުގައި ޖެހި ފުރަތަމަ ލަނޑެވެ.
"އަހަރެން ވަރަށް އުފާވެއްޖެ ލީގުގައި ފުރަތަމަ ގޯލު ޖެހުނީމަ. ވަރަށް ބޭނުންވެފައި ހުރި ކަމެއް މި ހާސިލްވީ. މި މެޗުގެ ކުރީކޮޅު ވެސް އަދި ކުރިން ކުޅުނު މެޗުތަކުގައި ވެސް ލަނޑު ޖަހާނެ ބައިވަރު ފުރުސަތު ލިބުނު،" ޗެމްޕިއަންސް ލީގުގައި ޕީއެސްޖީއަށް މިހާތަނަށް ތިން ގޯލު ޖަހައިދީފައިވާ މެސީ ބުންޏެވެ.
މެޗުގެ ދެވަނަ މިނިޓުގައި ޕީއެސްޖީއަށް ލީޑު ނަގައިދިނީ ކިލިއަން އެމްބާޕޭ އެވެ. ޕީއެސްޖީގެ ކީޕަރު ކޭލާ ނަވާސް މެޗުގެ 65 ވަނަ މިނިޓުގައި އޭރިއާ ބޭރަށް ނުކުމެ ބޯޅައަށް ފުންމައިގެން އެރި ވަގުތު ނަންޓެސްގެ ކުޅުންތެރިޔަކަށް އަނިޔާ ވުމުން އޭނާއަށް ރެފްރީ ސީދާ ރަތް ކާޑެއް ދެއްކިއިރު، އޭގެ 11 މިނިޓު ފަހުން ނަންޓޭސް އިން ނަތީޖާ އެއްވަރު ކުރި އެވެ.
އޭގެ ފަސް މިނިޓު ފަހުން ޕީއެސްޖީއަށް އަލުން ލީޑު ލިބުނީ މެސީ އަރިމަތިން އެރި ކުޅުންތެރިޔަކަށް ޖައްސާލި ބޯޅަ ނަންޓޭސްގެ ކުޅުންތެރިޔަކު ބްލޮކް ކުރަން އުޅުމުގައި ބައިކޮޅަށް ވަން ގޯލަކުންނެވެ. ތިންވަނަ ލަނޑު މެސީ ޖެހީ، އެމްބާޕޭ ދިން ބޯޅައެއް ހިފައިގެން ގޮސް އޭރިއާ ބޭރުން، ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެންނެވެ.
މި ނަތީޖާއާއެކު ޕީއެސްޖީ އަށް ވަނީ 37 ޕޮއިންޓާ އެކު ލީގުގެ އެއްވަނައިގައި 12 ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. ދެވަނައިގައި އޮތީ، ރޭ މޮންޓްޕެލިއާ އާ ވާދަކޮށް 2-0 އިން މެޗު ކާމިޔާބު ކުރި ރެނެސް އެވެ.
ޕީއެސްޖީން ދެން އެންމެ އަވަހަށް ކުޅޭނީ ބުދަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy