މި އަހަރަކީ ސްޕޯޓްސް މިނިސްޓްރީގެ ތާރީހުގައި ވެސް އެންމެ ގިނަ މަޝްރޫއު ހިންގާ އަހަރު ކަމަށް، މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ. 

ވަޒީރުންނާ ސުވާލުކުރުމަށް ޕީއެސްއެމްއިން ބާއްވާ "އަހާ" ފޯރަމްގައި ރޭ ވާހަކަ ދައްކަވަމުން ރާފިއު ވިދާޅުވީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި މި އަހަރު ވެސް 800 އަށް ވުރެ ގިނަ މަޝްރޫއު ކުރިއަށްގެންދާ ކަމަށެވެ. 

އޭގެތެރެއިން 130 އަކަށް މަޝްރޫރޫ ނިންމާލެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

"މި އަހަރު ވެސް 800 އަށް ވުރެ ގިނަ މަޝްރޫ އެބަ ކުރިއަށް ގެންދަން. މިއީ މި މިނިސްޓްރީގެ ތާރީހުގައި ވެސް، އެއް އަހަރެއްގެ ތެރޭގައި ކުރިއަށް ނުގެންދާ އަދަދެއް،" ރާފިއު ވިދާޅުވި އެވެ. 

އެހެންވީމަ މިހާ ބައިވަރު މަސައްކަތްތައް ފެށިގެން ކުރިއަށް އެބަދޭ. ގިނަ ކަންތައްތައް މިހާރު މިދަނީ ނިމެމުން. ވަރަށް ގިނަ މަޝްރޫއުތަކެއްގެ މަސައްކަތްތައް އަޅުގަނޑުމެންނަށް މިހާރު ވެސް ނިންމާލެވިއްޖެ. 130 އަކަށް މަޝްރޫއު މިއަދާ ހަމައަށް މި ސަރުކާރުން ފަށައި، އެއްކޮށް ނިންމާލައި ހަލާސްކުރެވިއްޖެ." 

އޭނާ ވިދާޅުވީ މި އަހަތަށް ކަނޑައަޅާފައިވާ ޕްރޮޖެކްޓްތަކުގެ ތެރެއިން ނުފެށި ވަނީ 31 ޕަސަންޓްގެ މަސައްކަތް ކަމަށެވެ. 

ރާފިއު ވިދާޅުވީ ކުޅިވަރުގެ ދާއިރާ އާއި ޒުވާނުންނާ ގުޅުން ހުރި އެކި ދާއިރާތަކުން ތަމްރީނު ޕްރޮގްރާމްތައް ވެސް ހިންގިފައިވާ ކަމަށެވެ. މިސާލެއްގެ ގޮތުގައި އޭނާ ދެއްކީ ބައެއް ރަށްރަށުގައި ހިންގި އެއާ ކޮންޑިޝަން މަރާމާތު ކުރުމުގެ ތަމްރީނު ޕްރޮގްރާމެވެ. 

"އަޅުގަނޑުމެން ބައެއް ރަށްރަށުގައި އެއާ ކޮންޑިޝަން މެއިންޓެނެންސް ދީގެން މިހާރު އެބަތިބި އަމިއްލައަށް އެ މަސައްކަތް ކޮށްގެން ދިރިއުޅޭ ކުދިން،" ރާފިއު ވިދާޅުވި އެވެ.

ކުޅިވަރު ދާއިރާއިން ރެފްރީސް އަދި ކޯޗިން ކޯސްތައް ވެސް ހިންގާފައިވާކަމަށް އޭނާ ވިދާޅުވި އެވެ.