އެސިޑް ހަމަލާއެއްގެ ޝިކާރަކައަކަށްވި އިންޑިއާގެ މިހާރުގެ ސޯޝަލް އެކްޓިވިސްޓް ލަކްޝްމީ އަގަރްވާލްގެ ވާހަކަ ކިޔައިދޭ ފިލްމު "ޗަޕާކް" ގައި ދީޕިކާ ޕަދްކޯން ފެންނާނެ ގޮތް ދައްކާލައިފި އެވެ.
މެގްނާ ގުލްޒާރު ޑައިރެކްޓް ކުރާ ފިލްމުގެ ފަސްޓްލުކް ދައްކައިލި އިރު، ދީޕިކާ ފެންނަނީ އެސިޑް ހަމަލާގައި މޫނަށް ލިބުނު ގެއްލުމަށް ސާޖަރީ ހެދުމުން ލަކްޝްމީ މިހާރު ހުރި ސިފައިގަ އެވެ.
މެގްނާ ކުރިން ވެސް ބުނެފައިވާ ގޮތުގައި "ޗަޕާކް" ވެގެން ދާނީ ދީޕިކާ ވަރަށް ވެސް ތަފާތު ގޮތަކަށް ފެންނާނެ ފިލްމަކަށެވެ. ފިލްމުގައި އޭނާ ކުޅޭ ކެރެކްޓާ އަށް ދީފައިވާ ނަމަކީ މާލްތީ އެވެ.
"ޗަޕާކް" ގެ ޝޫޓިން މިހާރު ފަށާފައިވާ އިރު، މި ފިލްމު ރިލީޒް ކުރާ ތާރީހު ވެސް މިހާރު ވަނީ އިއުލާންކޮށްފަ އެވެ. އެއީ ޖެނުއަރީ، 10، 2020 އެވެ. އެ ތާރީހަކީ އަޖޭ ދޭވްގަންގެ ތާރީހީ ފިލްމު "ތާނަޖީ" ދި އަންސަންގް ވޮރިއާ" ވެސް ތާވަލުކޮށްފައި އޮތް ތާރީހެވެ.
"ޗަޕާކް" އަކީ މިދިޔަ އަހަރު ރިލީޒް ކުރި "ޕަދުމާވަތު" އަށް ފަހު ދީޕިކާ ކުޅޭ ފުރަތަމަ ފިލްމެވެ. ފިލްމުގެ ބަތަލަކީ ވިކްރަންތު މަސޭ އެވެ.
މި ފިލްމަކީ އޭނާގެ އަމިއްލަ ފިލްމު ކުންފުނި ކޭއޭ އެންޓަޓައިންމަންޓާއި މެގްނާގެ މްރިގާ ފިލްމްސް އާއި ފޮކްސް ސްޓާ ސްޓޫޑިއޯ ގުޅިގެން ގެނެސްދޭ ފިލްމެކެވެ.
"ޗަޕާކް" އަކީ މި އަހަރު ބޭއްވި 66 ވަނަ ފިލްމުފެއާ އެވޯޑްސްގެ އެންމެ މޮޅު ފިލްމުގެ މަގާމު ހޯދި މިދިޔަ އަހަރުގެ "ރާޒީ" އަށް ފަހު، މެގްނާ ގެނެސްދޭ ފުރަތަމަ ފިލްމެވެ. އަދި މި ފިލްމުވެގެން ދާނީ އެކްޓަރު ރަންވީރު ސިންގްއާ ކައިވެނި ކުރުމަށް ފަހު، ދީޕިކާ ސްކްރީނަށް އަންނަ ފުރަތަމަ ފިލްމަށެވެ.