އިންޑިއާގެ މުމްބާއީގެ ވައި ނުސާފުވުމުގެ މައްސަލައާ ގުޅިގެން ބޮލީވުޑް ތަރި ދީޕިކާ ޕަޑުކޯން އިއްޔެ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މުމްބާއީގެ އެކި ސަރަހައްދުތަކަށް ބޯ ދުމުގެ ފަށަލައެއް ފެތުރި، ދުރު ފެންނަ މިންވަރު އިއްޔެ ވަރަށް ބޮޑަށް ދަށްވި އެވެ.
ދީޕިކާ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި މުމްބާއީގެ އެއާ ކޮލިޓީ އިންޑެކްސް މެޕުގެ ސްކްރީންޝޮޓެއް ހިއްސާކޮށް ބުނެފައި ވަނީ ވައި ނުސާފުވުމުގެ ސަބަބުން އެ ސިޓީ އާއި އެ ސިޓީގެ ކުޑަކުދިންގެ ނޭވާ ހާސްވަމުންދާ ކަމަށެވެ.
މިއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ، މުމްބާއީގެ މުނިސިޕަލް ކޯޕަރޭޝަނާއި ސިއްހީ އިދާރާތަކުން އެކަމަށް އަވަސް ފިޔަވަޅެއް އެޅުމަށް ދީޕިކާ ވަނީ ގޮވާލައިފަ އެވެ.
ދީޕިކާގެ އިތުރުން ބޮލީވުޑްގެ އެހެން ބައެއް ތަރިން ކަމަށްވާ ސައިޔާމީ ކޭރް އާއި ރިޗާ ޗައްޑާ ވެސް ވަނީ މި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ރިޗާ ޗައްޑާ ސިފަކުރި ގޮތުގައި، މިއީ އިންސާނުންގެ ސަބަބުން ކުރިމަތިވެފައިވާ ބޮޑު ހިތާމައެކެވެ.
ދެކުނު އިންޑިއާގެ ގައުމުތަކުގައި ދައުރުވާ ނުސާފު ވައިގެ ބޮޑު ޕަސެންޓަކީ އުތުރު އިންޑިއާގެ ސަރަހައްދުތަކުން އަންނަ ހިރަފުހާއި ކާރުހާނާތަކުން އަރާ ދުމެވެ. އަދި ދަނޑުވެރިކަމުން އުފެދޭ ކުނި ނައްތާލުމަށް އެ ތަކެތި އެންދުމާއި ކަރަންޓު އުފެއްދުމަށް ކޯލް އެންދުން އަދި އުމްރާނީ ތަރައްގީއަށް ހިންގާ ބޮޑެތި ކޮންސްޓްރަކްޝަން މަސައްކަތްތަކުން އުފެދޭ ކުނޑި އާއި ދުން ވެސް ހިމެނެ އެވެ.
އެ ނުސާފު ވައިގެ އަސަރު ކޮންމެ އަހަރަކު އިރުވައި މޫސުމުގައި ރާއްޖެއަށް ވެސް ކުރެ އެވެ.
އަލަތު ދަރިފުޅު ލިބުމަށް ފަހު ދީޕިކާ މިހާރު އަންނަނީ އަނެއްކާވެސް ގިނަ ފިލްމުތަކެއްގައި މަސައްކަތްކުރަމުންނެވެ.
އެ ފިލްމުތަކުގެ ތެރޭގައި ޝާހްރުކް ހާންއާ އެކު އޭނާގެ ކުޅޭ "ކިންގް" ހިމެނެ އެވެ. އެއީ މި ދެ ތަރިން އެކުގައި ފެންނާނެ ހަވަނަ ފިލްމެވެ. އެ ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ.
ދެކުނު އިންޑިއާގެ މަޝްހޫރު ޑައިރެކްޓަރު އެޓްލީގެ ސައިންސް ފިކްޝަން ފިލްމަކުން ވެސް ދީޕިކާ ފެންނާނެ އެވެ. އައްލޫ އަރުޖުންއާ އެކު ކުޅޭ އެ ފިލްމު ރިލީޒްކުރަނީ އަންނަ އަހަރު އެވެ.