ބޮލީވުޑްގެ ސެލެބްރިޓީ ކަޕުލް ދީޕިކާ ޕަޑުކޯން އާއި ރަންވީރު ސިންގްގެ ދެވަނަ ދަރިފުޅަށް ދިން ނަން އިއްޔެ ހާމަކޮށްފި އެވެ.
އާއިލާގެ ފޮޓޯއަކާ އެކު ދީޕިކާ އާއި ރަންވީރު އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ދެމަފިރިންގެ ދެވަނަ އަންހެން ދަރިފުޅަށް ދިން ނަމަކީ "ދޭވީ ޕަޑުކޯން ސިންގް" ކަމަށެވެ.
އިންސްޓަގްރާމްގައި ހިއްސާކުރި އެ ފޮޓޯއިން ދީޕިކާ އާއި ރަންވީރުގެ އިތުރުން އެމީހުންގެ ދޮށީ ދަރިފުޅު ދުއާ ވެސް ފެނެ އެވެ. އެ ފޮޓޯގައި ހަތަރު މީހުން އެކީގައި ތިބިއިރު، ދުއާ އިނީ އޭނާގެ ކޮއްކޮ އުނގަށްލައިގެން ވަރަށް ލޯބިން ހިފަހައްޓައިގެންނެވެ.
ދީޕިކާ އާއި ރަންވީރަށް ދެވަނަ ދަރިއަކު ލިބުނީ މިދިޔަ މަހު 19 ގަ އެވެ.
"ދޭވީ" މިއީ ހިންދީ ބަހުން "ކަނބަލުން" ނުވަތަ މާތް އަންހެނުންނަށް ނިސްބަތްކޮށް ބޭނުންކުރާ ނަމެކެވެ. އެމީހުންގެ ދޮށީ ދަރިފުޅު ދުއާގެ ނަމުގެ މާނައަކީ "ހެޔޮ ދުއާ" އެވެ.
މީގެ 8 އަހަރު ކުރިން 2018 ގައި ކާވެނިކުރި ދީޕިކާ އާއި ރަންވީރުގެ ފުރަތަމަ ދަރިފުޅު ދުއާ އުފަންވީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
އެ ދެމަފިރިންގެ ދެވަނަ ދަރިފުޅުގެ ނަން އިއުލާންކުރުމާ އެކު ފިލްމީ ދާއިރާގެ ގިނަ ތަރިންނާއި ސަޕޯޓަރުން އަންނަނީ އެ އާއިލާއަށް މަރުހަބާ ކިޔަމުންނެވެ.