29 ޑިސެމްބަރ 2025 - 06:42
ކުރީގެ ލޯބިވެރިން ކަމަށްވާ ބޮލީވުޑްގެ ތަރި ދީޕިކާ ޕަޑުކޯން އާއި ރަންބީރު ކަޕޫރް 10 އަހަރު ފަހުން އެކުގައި ފިލްމެއް ކުޅެން ނިންމާފައި ވަނިކޮށް، އެމީހުންގެ ބައިވެރިން ކަމަށްވާ ރަންވީރު ސިންގާއި އާލިއާ ބަޓް ވެސް އެކުގައި އާ ފިލްމެއް ކުޅެން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ "މިޑް-ޑޭ"ގެ ރިޕޯޓެއްގައި ބުނީ މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ރަންވީރުގެ ފިލްމު "ދުރަންދަރު"ގެ ކާމިޔާބީއަށް ފަހު "ޑޮން 3" ނުކުޅެން އޭނާ ނިންމާފައިވާ ކަމަށެވެ. އެހެންވެ، "ދުރަންދަރު"ގެ ދެވަނަ ބައިގެ މަސައްކަތްތައް ނިންމުމަށް ފަހު އޭނާ ދެން ސަމާލުކަން ދޭނީ ޒޮމްބީ ތުރިލާ ފިލްމެއް ކަމަށްވާ "ޕްރާލޭ"އަށް ކަމަށް އެ ނޫހުގައި ބުންޏެވެ.
އެ ފިލްމުގައި ރަންވީރާ އެކު ލީޑް ރޯލު ކުޅޭނީ އާލިއާ ކަމަށް ވެސް އެ ރިޕޯޓުގައި ބުންޏެވެ.
ރަންވީރާއި އާލިއާ މީގެން ކުރިން ވެސް ވަނީ އެކުގައި ފިލްމެއް ކުޅެފަ އެވެ. އެއީ 2023 ވަނަ އަހަރު ގެނެސްދިން ކަރަން ޖޯހަރުގެ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެވެ.
ރަންވީރާއި އާލިއާ އެކުގައި އާ ފިލްމެއް ކުޅޭއިރު، ދީޕިކާ އާއި ރަންބީރް ވެސް ވަނީ އެކުގައި ފިލްމެއް ކުޅެން ނިންމައިފަ އެވެ. އަހަރުތަކެއް ފަހުން ރަންބީރާއި ދީޕިކާ އެކުގައި ކުޅޭ ފިލްމު ޑައިރެކްޓުކުރަނީ "ޔޭ ޖަވާނީ ހޭ ދީވާނީ" އާއި "ބްރަމާސްތުރަ" ގެނެސްދިން އަޔަން މުކަރްޖީ އެވެ.
އެ ދެ ތަރިން އެކުގައި ކުޅޭ ފިލްމަކީ 1956 ވަނަ އަހަރު ގެނެސްދިން، ކުރީގެ ލެޖެންޑްރީ އެކްޓަރުން ކަމަށްވާ ރާޖް ޖަޕޫރާއި ނަރްގިސް ލީޑް ރޯލު ކުޅުނު "ޗޯރީ ޗޯރީ"ގެ އެޑަޕްޓޭޝަނެއް ނަމަވެސް، އޮރިޖިނަލް ފިލްމުގެ ޕްލޮޓާއި މި ފިލްމުގެ ޕްލޮޓުގައި ވަރަށް ބޮޑެތި ތަފާތުތަކެއް ހުންނާނެ ކަމަށް ރިޕޯޓްތައް ބުންޏެވެ.
ރަންބީރާއި ދީޕިކާ އެކުގައި އެންމެފަހުން ކުޅުނު ފިލްމަކީ 2015 ގައި ރިލީޒްކުރި "ތަމާޝާ" އެވެ. އޭގެ ކުރިން ހަމަ އަޔަން ޑައިރެކްޓުކުރި، ގިނަ ބައެއްގެ ލޯބި ލިބުނު "ޔޭ ޖަވާނީ ހޭ ދީވާނީ"ގައި ވެސް އެ ދެ ތަރިން މަސައްކަތްކުރި އެވެ.
ރަންބީރްގެ ކުރިއަށް އޮތް ފިލްމަކީ ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ލަވް އެންޑް ވޯ"ގަ އެވެ. އެ ފިލްމުގައި އޭނާއާ އެކު ލީޑު ރޯލު ކުޅެނީ އާލިއާ އެވެ. ޑައިރެކްޓަރު ނިތޭޝް ތިވާރީގެ "ރަމަޔާނާ" ފިލްމުގެ މަސައްކަތް ވެސް ރަންބީރް އަންނަނީ ކުރަމުންނެވެ. އަދި އާލިއާ އަންނަނީ ވައިއާރުއެފްގެ ސްޕައި ތުރިލާ "އަލްފާ"ގައި ވެސް މަސައްކަތްކުރަމުންނެވެ.
ދީޕިކާ މިހާރު މަސައްކަތްކުރަމުން އަންނަނީ ސުޕަސްޓާރު ޝާހްރުކް ޚާންގެ ކުރިއަށް އޮތް ފިލްމު "ކިންގް"ގަ އެވެ.
Copyright © 2026 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy