ރާއްޖޭގެ ފިލްމީ ތަރިންގެ ތެރެއިން އިންސްޓަގްރާމްގައި ފޮލޯވަރުން އެންމެ ގިނައީ މަޝްހޫރު ފިލްމީ ތަރި، މަރިޔަމް އައްޒަގެ ނަމަވެސް އެ ޕްލެޓްފޯމްގައި އޭނާގެ ހުވަފެންތައް ހަގީގަތަކަށް ވީ އަދި ކިރިޔާ އެވެ.
އެއީ އޭނާގެ އިންސްޓަގްރާމް އެކައުންޓް ވެރިފައިކުރުމުން ބުނި އެއްޗެކެވެ. ރާއްޖޭގެ ފިލްމުސްޓާރެއްގެ އިންސްޓަ އެކައުންޓް ވެރިފައިކުރި ވެސް މިއީ ފުރަތަމަ ފަހަރެވެ.
އިންސްޓަ ވެރިފައި ކުރުމުން ރޭ ދަންވަރު 12 ޖެހިއިރު އައްޒަ ވަނީ އިންސްޓަ ޕޯސްޓަކުން އެކަން އިއުލާންކޮށްފަ އެވެ. އެ ޕޯސްޓުގައި އައްޒަ ބުނީ މިއީ އޭނާގެ ހުވަފެއް ހަގީގަތަކަށް ވުން ކަމަށެވެ. އަދި އެކަމުގެ އުފަލުގައި ފޭނުންނަށް އޭނާ ޝުކުރު އަދާކުރި އެވެ.
އައްޒަގެ އިންސްޓަ ޕޮލޮވާސްގެ އަދަދު އުޅެނީ 109،000 އަށް ވުރެ މަތީގަ އެވެ.
އައްޒަ މި ވަގުތު ހުރީ އާއިލާއާ އެކު ޗުއްޓީ ހޭދަކުރުމަށް މެލޭޝިއާގަ އެވެ.
އޭނާ އެންމެފަހުން ފެނުނީ މިދިޔަ އެޕްރީލް މަހު ނެރުނު އަލީ ސީޒަންގެ ފިލްމު "ލޯބިވެވިއްޖެ" އިންނެވެ. އަދި ބައިސްކޯފުން މިހާރު ގެނެސްދެމުން އަންނަ އައްޒަގެ އާއިލީ ޕްރޮޑަކްޝަން، ޔާރާގެ ވެބް ސީރީޒް "ޔާރާ"ގައި ވެސް އޭނާ ފެނެ އެވެ.