ބޮލީވުޑްގެ ކުޅަދާނަ ފިލްމު އުފެއްދުންތެރިޔާ ކަރަން ޖޯހަރު އިންސްޓަގްރާމްގައި އޭނާ ފޮލޯކުރާ ގިނަ އަދަދެއްގެ ސެލެބްރިޓީންނާއި ގާތް ރައްޓެހިން އަންފޮލޯ ކޮށްފި އެވެ.

ކަރަންގެ 17.5 މިލިއަން ފޮލޯވަރުން ތިބޭ އިންސްޓަގްރާމް އެކައުންޓުން އޭނާ ފޮލޯކުރާ މީހުންގެ ލިސްޓު މިހާރު ވަނީ ވަރަށް ބޮޑަށް މަދުކޮށްފަ އެވެ. މިހާރު ކަރަން ފޮލޯކުރަނީ 78 މީހަކަށެވެ. 

ކަރަން އަންފޮލޯ ކުރި މަޝްހޫރު ފަންނާނުންގެ ތެރޭގައި އޭނާގެ އެންމެ ގާތް އެއް އެކުވެރިޔާ ޝާހްރުކް ޚާން، އާލިއާ ބަޓް، އަނަންޔާ ޕާންޑޭ، ކާތިކް އާރްޔަންގެ އިތުރުން މަޝްހޫރު ފެޝަން ޑިޒައިނަރު އަދި ކަރަންގެ ބެސްޓް ފްރެންޑް މަނީޝް މަލްހޯތުރާ ވެސް ހިމެނެ އެވެ.

މީގެ އިތުރުން ކަރަންއާ އަބަދުވެސް ގާތް ގުޅުމެއް ބާއްވާ ކަރީނާ ކަޕޫރް ޚާން، މަލައިކާ އަރޯރާ އަދި ކަރަން ބޮލީވުޑަށް ތައާރަފުކުރި ވަރުން ދަވަން، ސިދާތު މަލްހޯތުރާ ވެސް މިހާރު އޭނާ ފޮލޯކުރާ ލިސްޓަކު ނެތެވެ.

ގިނަ ބަޔަކު އަންފޮލޯ ކުރި ނަމަވެސް، ކަރަން އަދިވެސް އަންނަނީ ބޮލީވުޑް/ހޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްރާއަށް ފޮލޯކުރަމުންނެވެ. 

އިންސްޓަގްރާމުން ގިނަ ބަޔަކު އަންފޮލޯ ކުރުމާ ގުޅިގެން މީޑިއާ އާއި ސޯޝަލް މީޑިއާގައި ބޮޑު ބަހުސަކަށް އެކަން ވެފައި ވަނިކޮށް ކަރަން ވަނީ އޭނާގެ އިންސްޓަ ސްޓޯރީގައި ނޯޓެއް ހިއްސާކޮށް އެކަން ސާފުކޮށްދީފަ އެވެ.

"މިއީ ޑިޖިޓަލް ޑިޓޮކްސްއެއް. އަހަރެން އެންމެން އަންފޮލޯ މިކުރީ އިންސްޓަގްރާމްގައި ހޭދަކުރާ ވަގުތު މަދުކުރުމަށް. ކަލޭމެން ހެޔޮނުވާނެ، މިއީ މުޅި ގައުމީ ޚަބަރަކަށް ހަދަންވީ ކަމެއް ނޫން. ކޮންމެ ވެސް އެހެން ކްލިކްބެއިޓް ސުރުޚީއެއް ހޯދާ. މިއީ އެއްވެސް މުހިންމު ކަމެއް ނޫން،" ކަރަން ބުންޏެވެ. 

ކަރަންގެ ޕްރޮފެޝަނަލް މަސައްކަތްތަކަށް ބަލާއިރު، އޭނާ އެންމެ ފަހުން އުފެއްދި ލަކްޝްޔާ އަދި އަނަންޔާ ޕާންޑޭގެ ފިލްމު "ޗާންދު މޭރާ ދިލް" ވަނީ ބޮކްސް އޮފީހުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފަ އެވެ. އަދި ކްރިޓިކްސްގެ ފަރާތުން ވެސް އެ ފިލްމަށް ލިބުނީ ގިނައިން ނެގެޓިވް ރިވިއުތަކެވެ.

ކަރަންގެ ކުރިއަށް އޮތް ފިލްމަކީ ކާތިކް އާރްޔަން ލީޑު ރޯލު ކުޅޭ "ނާގްޒިލާ" އެވެ. އެ ފިލްމު ގެނެސްދެނީ އަންނަ އަހަރު އެވެ.