އިނގިރޭސި ލަވަކިޔުންތެރިޔާ އަޑެލް އާ އަލްބަމެއް ނެރެން ތައްޔާރު ވަމުން އަންނަ އިރު، އެ އަލްބަމްގައި ހިމެނޭނެ ކަމަށް ބެލެވޭ ލަވަތަކުގެ ތެރެއިން ފުރަތަމަ ލަވަ "އީޒީ އޮން މީ" ގެ ޓީޒާއެއް ޓްވިޓާގައި ދައްކާލައިފި އެވެ.
ޓްވިޓާގައި ވެސް ނޫޅޭތާ ގިނަ ދުވަސްތަކެއް ފަހުން އަންގާރަ ދުވަހު ޓްވީޓްތަކެއް ކުރުމަށް ފަހު، އަޑެލް ފޭނުންނަށް ދޫކޮށްލި އާ ލަވައިގެ ޓީޒާއާ އެކު ބުނެފައި ވަނީ މި މަހުގެ 15 ގައި ލަވަ ނެރޭނެ ކަމަށެވެ. އެކަމަކު އަލްބަމާ ބެހޭ އެއްވެސް ވާހަކައެއް އަދިވެސް ރަސްމީކޮށް ހާމައެއް ނުކުރެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އަޑެލްގެ ހަތަރު ވަނަ އަލްބަމްގެ ނަމަކީ "30" އެވެ. އަދި މި އަހަރު ނިމުމުގެ ކުރިން އެ އަލްބަމް ނެރޭނެ އެވެ.
މިހާތަނަށް 14 ގްރެމީ އެވޯޑްސް ހާސިލުކޮށްފައިވާ ފަންނާނުގެ އެންމެ ފަހުގެ އަލްބަމަކީ 2015 ގެ "25" އެވެ.