ޓްވީޓާގައި ބޭނުންނުކޮށް ހަ މަހަށް ވުރެ ގިނަ ދުވަސް ވެފައި ހުރި އެކައުންޓްތައް ޑިލީޓްކޮށްލާނެ ކަމަށް ބުނެފި އެވެ. އެކައުންޓް ބޭނުން ނަމަ އަދި ބޭނުންކުރަން ވިސްނާ ނަމަ، ޑިސެމްބަރު 11ގެ ކުރިން، އެކައުންޓަށް ވަދެ، ބޭނުންކުރާ އެކައުންޓެއްކަން ސާބިތުކޮށްދޭން ޓްވީޓާ އިން ވަނީ އެދިފަ އެވެ.
ޓްވީޓާ އިން ބުނީ އެކައުންޓެއް ފޮހެލައި ނައްތާލުމުގެ ކުރިން، އީމެއިލް މެދުވެރިކޮށް، އެ މީހަކަށް އަންގާނެ ކަމަށެވެ. އެ ގޮތުގައި، އެކައުންޓާ މެދު އަޅާލުމެއް ނެތް ނަމަ، ނައްތާލަން ތައްޔާރުކުރާ ލިސްޓުގައި އެ އެކައުންޓެއް ހިމަނާނެ އެވެ.
ޓްވީޓާ އިން އެކައުންޓްތަކެއް ނައްތާލުމަކީ ބަޔަކަށް ލިބޭނެ ބޮޑު އުފަލެކެވެ. އެއީ ހޯދަން އުޅެ، ލިބެން ނެތް އެކައުންޓް ނަމެއް ލިބިދާނެ ފުރުސަތަކަށް ވެދާނެތީ އެވެ. އެކައުންޓްތައް ނައްތާލުމަށް ފަހު، ޓްވީޓާ ބޭނުންކުރާ މީހުންނަށް އެ ނަންތައް ދޭނެ ކަމަށް ޓްވީޓާ އިން ބުނި ނަމަވެސް، ނަންތައް ދޫކުރަން ފަށާ ތާރީޚެއް އަދި ކަނޑައެއް ނާޅަ އެވެ.
މީގެ ދުވަސްތަކެއް ކުރިން ޔާހޫ އަދި އަޑޯބީން ވެސް ވަނީ އެކައުންޓްތަކެއް ނައްތާލާފަ އެވެ. މި ދެ ނެޓްވޯކުން ވެސް އެކައުންޓްތައް ފޮހެލީ ހެކަރުންގެ އުނދަގުލާ ހެދި އެވެ. ނަމަވެސް، ބޭނުންނުކޮށް ގިނަ ދުވަސް ވެފައި ހުންނަން އެކައުންޓްތައް ނައްތާލުމަކީ ވެސް ހަމަ، ހިނގަ ހިނގާ ހުންނަ ކަމެކެވެ.
ޓްވިޓާ، ފޭސްބުކް އަދި އިންސްޓާގްރާމް ފަދަ މައިދާންތަކުގައި ބޭނުންކުރާ ނަންތައް ރިޒާވްކުރުމަކީ ވަރަށް އާންކަމެކެވެ. އެ މީހަކު ކުރަން އުޅޭ ކަމެއް، މަސައްކަތެއް ނުވަތަ ވިޔަފާރިއަކާ ގުޅުން ހުންނަ ނަންތައް ނަގައި ފަހަށް ރައްކާކުރުމަކީ ގިނަ ބަޔަކު ކުރާ ކަމެކެވެ. މި އުސޫލުން ނަންތައް ހިފެހެއްޓުމުން، އެ ފަދަ ނަމަކަށް ހަމަ ހަގީގަތުގައި ވެސް ބޭނުންޖެހޭ މީހަކަށް އޮންނަނީ އެ ނަމެއް ނުލިބިފަ އެވެ. ބޭނުންނުކޮށް ގިނަ ދުވަސްވެފައި ހުންނަ ނަންތައް ފޮހެލަން ޖެހޭނީ މިހެންވެ އެވެ.