ލޯކަލް ކައުންސިލް އިންތިހާބުގައި މި ސަރުކާރަށް ލިބުނީ ބީ ރިޕޯޓެއް ކަމަށާއި އެކަމަކު ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވަނީ އޭ ރިޕޯޓެއް ކަމަށްވާތީ އިންތިހާބު ނިމުމާއެކު ބަދަލުތައް ގެންނަން ފަށާފައިވާ ކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު އަހުމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެ އެވެ. 

ހއ. މުރައިދޫގެ ކައުންސިލާއި އަންހެނުންގެ ތަރައްގީގެ ކޮމެޓީގެ އިންތިހާބުން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން މާލޭގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ޝިޔާމް ވިދާޅުވީ ނިމިދިޔަ އިންތިހާބުގައި ޕީއެންސީ މޮޅުވިތޯ ގިނަ ބަޔަކު ސުވާލު އުފައްދަމުންދާ ކަމަށެވެ. އަދި އެ އިންތިހާބުގައި ލިބުނީ ބީ ރިޕޯޓެއް ކަމަށާއި އެ ރިޕޯޓަކީ ގަބޫލުކުރާ ރިޕޯޓެއް ނޫން ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ސަރުކާރަކީ އޭ ރިޕޯޓު ހޯދަން ބޭނުންވާނެ ސަރުކާރެއް ކަަމަށެވެ.  

"މިފަހަރު ލިބުނީ ބީ ރިޕޯޓެއް. ވެރިކަމުގައި ތިބެގެން ބީ ރިޕޯޓެއް ލޯކަލް ކައުންސިލު އިންތިހާބުގައި ހޯދީ ކޮން ބައެއްތޯ މި އަޑުއްސަވާ މީހުން ބައްލަވާ. އަޅުގަނޑުމެން ގަބޫލެއް ނުކުރަން ބީ ރިޕޯޓެއް. އަޅުގަނޑުމެންނަކީ އޭ ރިޕޯޓު ހޯދަން ބޭނުންވާ މީހުން،"

ރައީސް މުއިއްޒަކީ ވެސް އޭ ރިޕޯޓު ބޭނުންފުޅުވާ ރައީސެއް ކަމަށާއި އެހެންވެ އިންތިހާބު ނިމުމާއެކު އެމަނިކުފާނު ވަނީ ރައްޔިތުންގެ ވާހަކަތައް އައްސަވައި އެ ވަގުތުން ފެށިގެން ރައްޔިތުން ބޭނުންވާ ބަދަލުތައް ގެނައުމުގެ މަސައްކަތް ފައްޓަވާފައި ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ. ÷

ޕީއެންސީން މިރޭ ބޭއްވި ބައްދަލުވުމަށް ހާޒިރުވި ބައެއް މީހުން.---ފޮޓޯ: ޕީއެންސީ
ޕީއެންސީން މިރޭ ބޭއްވި ބައްދަލުވުމަށް ހާޒިރުވި ބައެއް މީހުން.---ފޮޓޯ: ޕީއެންސީ

"ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންވަނީ އޭ ރިޕޯޓް. އެހެެންވެ އިންތިހާބު ނިމުމާ އެކު އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ވާހަކަތައް ވިދާޅުވެއްޖެއޭ. ތިމަން މަނިކުފާނު އަޑުއައްސަވަައިފިމޭ. އެ ވަގުތުން ފެށިގެން ރައްޔިތުން އެ ވިދާޅުވި ކަންކަން ފެއްޓެވި. މީ ނޫންތޯ ޑިމޮކްރަސީއެއްގައި ފެންނާނެ އެންމެ ރީތި މަންޒަރަކީ،" 

ޝިޔާމް ވިދާޅުވީ މިދިޔަ ސަރުކާރުގައި ދައުލަތުން ވައްކަން ކުރުމުން ވެސް ވަޒީރުން ވަކިކޮށް ފިޔަވަޅު އަޅަން ނުކެރުނު ކަމަށެވެ. އޭގެ ބަދަލުގައި ފެނިވަޑައިގަތީ އެބޭފުޅުންނަކީ ސަރުކާރަށް ބަލަދު އަރާފައިވާ ބޭފުޅުންތަކެއްގެ ގޮތުގައި ކަމަށް ވިދާޅުވެ ޝިޔާމް ވަނީ ކުރީ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ.  

"އަޅުގަނޑުމެން މިދިޔަ ވެރިކަމުގައި ދެކުނިން ދައުލަތުގެ މަލިއްޔާއިން ވައްކަން ކުރީމަ ވެސް ވަޒީރަކު ވަކިކުރަން ނުކެރިގެން އުޅުނީ. ބަލަދު އަޅާފައި ހުރީ. ވަތްގަނޑު ހުސް ކުރިއިރު ވެސް ރައީސުލްޖުމްހޫރިއްޔާ އަށް ސަރުކާރަށް ހުރިހާ ވަޒީރުންގެ ބަލަދު އަރައިގެން ވެރިކަން ހިންގިތަން އަޅުގަނޑުމެން ދުށިން. މިހެނެއް ނޫންތޯ ވީ،" އޭނާ ވިދާޅުވި އެވެ. 

ޕީއެންސީން މިރޭ ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.---ފޮޓޯ: ޕީއެންސީ
ޕީއެންސީން މިރޭ ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.---ފޮޓޯ: ޕީއެންސީ

މިދިޔަ ލޯކަލް ކައުންސިލު އިންތިހާބުގައި 70 ޕަސެންޓަށް ވުރެ ގިނަ ބަޔަކު ވޯޓުލާން ނިކުމެފައިވާ ކަމަށާއި އެކަމުން ދައްކުވައިދެނީ އެ ނިޒާމަށް އޮތް އިތުބާރު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ނިމިދިޔަ އިންތިހާބުގެ ޕޮޒިޓިވް ކަންކަން ފާހަގަ ކުރައްވައި، ޝިޔާމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަށް އިތުބާރު އެބަ އޮތް ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރެވޭނެ ސްޕަ މެޖޯރިޓީއެއް މަޖިލީހުގައި އޮތް ނަމަވެސް ޕީއެންސީގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށާއި އެކަމުން ދައްކުވައިދެނީ އެ ނިޒާމަށް އޮތް އިތުބާރު ކަމަށެވެ. 

ޕީއެންސީން މިރޭ ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ޝިޔާމް ވާހަކަ ދައްކަވަނީ.---ފޮޓޯ: ޕީއެންސީ
ޕީއެންސީން މިރޭ ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ޝިޔާމް ވާހަކަ ދައްކަވަނީ.---ފޮޓޯ: ޕީއެންސީ

"ދިވެހިރާއްޖޭގެ އެންމެ ބޮޑު އެއް ސިޓީއެއްގެ އަޅުގަނޑުމެންނަށް ހަމަ އެންމެ މުހިއްމު އެއް މެމްބަރުގެ ގޮނޑި އެއް، އެ ހުކުމާ އެކު އެ ދިޔައީ. މީގެން މި ބުނެދެނީ ކޯޗެއްތޯ. ނިޒާމަށް އޮތް އިތުބާރު. ރައްޔިތުންނަށް ދުވަހެއް ދުވަހަކަށް ސަރުކާރުތަކުން މޮޑެން ހަދައިގެން ރައްޔިތުންގެ އިތުބާރު ގެއްލިފައި ދައުލަތުގެ މުޅި ނިޒާމަށް ސަރުކާރުގެ މުޅި ގަވާނިން ސިސްޓަމަށް ގެއްލިފައި އޮތް ޒަމާނެއްގައި މިފެންނަނީ ހަރުދަނާ ރަނގަޅު ފިޔަވަޅުތަކެއް އެޅިގެން ރައްޔިތުންގެ އިތުބާރު ލިބެމުންދާތަން،" ޝިޔާމް ވިދާޅުވި އެވެ.

މި ސަރުކާރަކީ ރައްޔިތުންގެ އަޑުއަހައިގެން ކުރިއަށް ގެންދާނެ ސަރުކާރެއް ކަމަށާއި ކުރިއަށް ދާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.